ވޮޑަމުއްލާއަކީ އަޅުގަނޑުގެ ވެރިކަމުގައި ޓުއަރިޒަމަށް ދޫކުރި ރަށެއް ނޫން: ރައީސް ޔާމީން

ވޮޑަމުއްލާއަކީ އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ޓުއަރިޒަމްގެ ބޭނުމަށް ދޫކުރި ރަށެއް ނޫން ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން ހައިކޯޓަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގައި މިއަދު ވާހަކަދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ވޮޑަމުއްލާއަކީ އެމަނިކުފާނުގެ ވެރިކަމުގެ ކުރިން އޮތް ސަރުކާރުތަކުން އެއިރު އުފައްދާފައިވާ ޓުއަރިޒަމް ޕްރޮމޯޓުކުރާ ކުންފުނިތަކަށް ދީފައިވާ ރަށެއް ކަމުގައެވެ. އަދި އޭގެ އިތުރަށް އެ ރަށް ކުއްޔަށް ދިނުމާ ގުޅޭ އެއްވެސް ވާހަކައެއް އެއްވެސް ޞިފައެއްގައި އެމަނިކުފާނުގެ އަރިހަށް އައިސްފައިނުވާ ކަމަށާއި، އެ ވާހަކަ އެމަނިކުފާނާ ހަމައަށް އަންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ހަަމައެހެންމެ ސަރުކާރުން ކުއްޔަށް ދޫކުރާ ރަށްރަށުގެ އަގު ކަނޑައެޅުމާ ގުޅޭ އުޞޫލެއް އޮންނަ ކަމަށާއި، އަދި އެ އުޞޫލުގެ ދަށުން ރަށެއް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދައެއް ހޯދަންނުޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ. އަދި އޭގެ އިތުރަށް ވޮޑަމުއްލާ ކުއްޔަށް ދިންކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވަންޖެހޭ ސަބަބެއްވެސް ދައުލަތަށް ސާބިތުކޮށްނުދެވުނު ކަމުގައި ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އޭގެ އިތުރަށް ރައީސް ޔާމީން ފާހަގަކުރެއްވީ އެމްއެމްޕީއާރުސީގެ ޚިޔާނަތާ ގުޅިގެން އެއިރު އެކުންފުނީގެ އެމްޑީއަކަށް ހުންނެވި ޢަބްދުﷲ ޒިޔަތާއި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މައްޗަށް ފުލުހުން ތަޙުޤީޤެއް ހިންގާފައިވާ ކަމުގައެވެ. ނަމަވެސް އެތަޙުޤީޤުގައި އެ ރަށް ކުއްޔަށް ދިނުމާ ރައީސް ޔާމީނާ ގުޅުމެއް އޮތް ކަމަށް އެ ދެބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު ވިދާޅުވެފައިނުވާ ކަމުގައިވެސް ފާހަގަކުރެއްވިއެވެ. އަދީބާއި ޒިޔަތުވެސް ފަހުން އެ ރަށާއި ރައީސް ޔާމީނުގެ މެދުގައި ގުޅުވާފައިވަނީ ދައުލަތާއެކީ އެ ދެބޭފުޅުން ހައްދަވާފައިވާ އެއްބަސްވުންތަކެއްގެ ދަށުން ކަމަށާއި ކުރިން އެ ވާހަކަ އެއިން ބޭފުޅަކު ފާހަގަނުކުރައްވާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ވޮޑަމުއްލާގެ ފައިސާ ރައީސް ޔާމީނަށް ލިބުނުކަމާއި ލިބެންވީ ސަބަބަކީ ކޮބައިކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އޭގެ އިތުރަށް ރައީސް ޔާމީނު ގުޅުއްވައިގެން ވޮޑަމުއްލާގެ ފައިސާ ހޯއްދަވަން އެދިވަޑައިގެންނެވިކަން ސާބިތުކުރުމަށް ކުޑަމިނުން އެސްއެމްއެސްއެއްހާ މިންވަރުވެސް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށާއި، އަދީބުގެ ހެކިބަހަށް ބާރު ލިބޭނެ އެއްވެސް ހެއްކެއް ނެތް ކަމުގައިވެސް ވިދާޅުވިއެވެ. ހަމައެހެންމެ ރައީސް ޔާމީނަށް ލިބިވަޑައިގަތީ ދައުލަތުގެ ފައިސާ ކަމުގައި ބުނެ ސިޓީއެއް އޭސީސީގެ ކުރީގެ ރައީސް މުޢައްވިޒު ރަޝީދު ރައީސް ޔާމީނަށް ފޮނުއްވި ކަމަށް ޙުކުމުގައި ބުނެފައިވީނަމަވެސް އެފަދަ ސިޓީއެއް ނެތް ކަމަށާއި އެސިޓީއެއް ދައުލަތަށް ދެއްކިފައި ނެތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޯޓު ހުކުމުގެ ޢިބާރާތުން އެ ސިޓީއަކީ މާފަހުން މުޢައްވިޒު ފުލުހަށް ފޮނުއްވި ސިޓީއެއްކަން އެނގޭ ކަމުގައިވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ އެނގިވަޑައިގެން ހުންނަވައި އެވަރުގެ ބޮޑު ގޯހެއް އެމަނިކުފާނު ހެއްދެވިނަމަ މިމައްސަލަ ހައިކޯޓަށް ހުށަނޭޅުއްވީސް ކަމުގައެވެ. ހަމައެހެންމެ އެސްއޯއެފު އެކައުންޓަށް އެމްއެމްޕީއާރުސީގެ ޗެކަކުން އެއް މިލިއަން ޑޮލަރު ޖަމާވިއިރުވެސް އެސްއޯއެފުގެ އެކައުންޓުގައި 980،000 ޑޮލަރަށްވުރެ އިތުރަށް ފައިސާހުރި ކަމަށާއި އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވަނީ އެމްއެމްޕީއާރުސީން ޖަމާކުރި ފައިސާއެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމުގައިވެސް ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ