ރައީސް ޔާމީންގެ މެސެޖަކީ، ބާރުތައް އެއްކުރުމާއި ދެކޮޅަށް ރައްޔިތުން ނުކުތުން: ޑރ.ޖަމީލް

ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ދެއްވާ މެސެޖަކީ ރައްޔިތުންގެ މަޖިލީހަށް ބާރުތައް އެއްކުރުމާއި ދެކޮޅަށް ރައްޔިތުން ނުކުތުންކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމްގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ.ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
"އަވަސް" ގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ.ޖަމީލް ވިދާޅުވީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައީ ދިވެހި ރައްޔިތުުންގެ ބުރަ މަސައްކަތުންކަމަށެވެ. އެ ބަދަލުތައް ލޯ ކުރިމަތީގައި ފުނޑުފުނޑުކޮށްލަމުން ދާއިރު އެކަން ކަމަށް ދެލޯ މަރާލައިގެން ނުތިބެ އެކަންކަމާއި ދެކޮޅަށް ނުކުންނަން ރައީސް ޔާމީން އެދިވަޑައިގަންނަވާކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުން މިކުރާ މަސައްކަތުގެ ތެރޭގައި ހުރިހާ ތަނަކަށް ވަދެގެން، ހުރިހާ ބާރެއްް ވަކި ބައެއްގެ އަތްމައްޗަށް ނަގައިގެން ޝަރުއީ ނިޒާމްވެސް އޭގެ ތެރެއަށް ނަގައިގެން އަދި ހަމައެއާއި އެކުގައި ޤާނޫނު ހެދުމުގެ އިތުރުން ތަންފީޒީ ބާރުތައް ވެސް މިސާލަކަށް ފުލުހުންގެ ޤާނޫނުގައި އެ ބޭފުޅުން ޤާނޫނު އުފައްދަނީ. މިހާރު ވިދާޅުވަނީ ތިމަންނަމެންނޭ ތަންފީޒުކުރާނީ. އެހެންވީމަ މިކަން ވިޔަ ނުދެއްވާށޭ. ހުއްޓުވެން އޮތްގޮތަކީ ރައީސް ޔާމީން ދެކެވަޑައިގަންނަވާގޮތުގައި ރައްޔިތުން ނުކުމެވަޑައިގެންނެވުން." ޑރ.ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ވަޑައިގަތީ ޤައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި ގަައުމުގެ ހާލަތާއި މެދު ރައީސް ޔާމީން ވަރަށް ބޮޑަށް ކަންބޮޑުވެލައްވާކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
ބުރަ މަސައްކަތުން ގެނައި ޑިމޮކްރެޓިކް ނިޒާމާއި، ޝަރުއީ ނިޒާމް އަދި މަޖިލީސް އެއީ ހުދޫދުތަކެއްގެ ތެރޭގައި މަސައްކަތް ކުރަން ޖެހޭ ބައެއްކަމަށާ، އެކަން ކިލަނބުވާތަން ބަލަން ތިބެގެން ނުވާނެ ކަަަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
ޑރ.ޖަމީލްވަނީ ވަރަށް ބޮޑަށް އެމްޑީޕީއަށް ވެސް ފާޑު ވިދާޅުވެފައެވެ. އެމްޑީޕީ މޮޅީ މަގު މައްޗަށް ނުކުމެ އަޑު އުފުލަން ކަމަށާ، އެމްޑީޕީ އަށް ފައިދާ ހުރި ވެރިކަމެއް ނުކުރެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ