ކޯޓުން ސިޓީއަކުން އެންގުމުން ރައީސް ޔާމީނުގެ ވަކީލުންނާ ބައްދަލުކުރެއްވޭނެ ގޮތް ހަމަޖައްސައިފި!

ކުރިމިނަލް ކޯޓުން ސިޓީއެއް ފޮނުވައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާ އެމަނިކުފާނުގެ ވަކީލުންނާ ވަކިން ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންގުމުން އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފިއެވެ. ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގައި ހައިކޯޓުންވެސްވަނީ ރައީސް ޔާމީނާ އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެއްވޭނެ ގޮތް ހަމަޖެއްސުމަށް ދައުލަތަށް އަންގާފައެވެ. އޭގެ ފަހުން ކުރިމިނަލް ކޯޓުގައި ދައުލަތުގެ ފަރާތުން އުފުލި އިތުރު 2 ދައުވާގެ އިބްތިދާއީ އަޑުއެހުމުގައިވެސް އެމަނިކުފާނާ ވަކީލުންނާ ބައްދަލުކުރެއްވޭނެ ގޮތް ހަމަޖެއްސުމަށް ކުރިމިނަލް ކޯޓުން ދައުލަތުގެ ކިބައިން އެދިފައިވެއެވެ. އަދި އެއިންތިޒާމު ހަމަޖެއްސުމަށް އަމުރެއް ނެރުއްވާނެ ކަމުގައި މައްސަލަ ބެއްލެވި ޤާޟީ ވިދާޅުވެފައިވެއެވެ. މިއަދު ރައީސް ޔާމީނުގެ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ދުވަހަކުވެސް ދެކެވަޑައިގަންނަވަން ޖެހިދާނެ ކަމުގައި އުންމީދުކުރެއްވި ދުވަހެއް ނޫން ކަމުގައެވެ. ރައީސް ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެއްވުނީ ކޯޓުން އަމުރުކޮށްގެން ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ. ޖަމީލު މިފަދައިން ވިދާޅުވެ ކުރެއްވި ޓުވީޓުގައި އެމަނިކުފާނުވަނީ ކަރެކްޝަންސްއިން ރައީސް ޔާމީނުގެ ވަކީލުންނަށް ފޮނުވި ސިޓީއެއްވެސް ހިއްސާކުރައްވާފައެވެ. އެސީޓިގައި ބުނެފައިވަނީ ކުރިމިނަލް ކޯޓުން ފޮނުވި ސިޓީއެއްގައި ރައީސް ޔާމީނާ އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައިވާތީ 24 އޮގަސްޓު ދުވަހުގެ މެންދުރު ފަހުން 14.00 އަށް އެބައްދަލުވުން ބޭއްވުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމުގައެވެ. އަދި އެބައްދަލުވުމަށް އެޗްޕީއޭއިން ހޯދަންޖެހޭ ހުއްދަވެސް ހޯދާފައިވާ ކަމުގައެވެ. މީގެ ކުރިން ރައީސް ޔާމީނުގެ ވަކީލުން އެމަނިކުފާނާ ބައްދަލުކުރައްވަން ވަޑައިގަތުމުން އެޗްޕީއޭއާއި މާފުށީ ކައުންސިލުން ހުއްދަ ނުލިބުނު ކަމުގައި ބުނެ އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިނުވެއެވެ. އަދި މިއަދު ރައީސް ޔާމީނާ އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެޗްޕީއޭގެ ހުއްދަ ކަރެކްޝަންސްއިން ނެގުމުން އެނގެނީ ހޯމް މިނިސްޓަރު ޢިމްރާން ދެއްކެވި ހުރިހާ ވާހަކަފުޅަކީ ޤާނޫނާ ޚިލާފު ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމުގައިވެސް ޑރ.ޖަމީލު ވިދާޅުވިއެވެ. އޭގެ އިތުރަށް ރައީސް ޔާމީން ޖަލަށްލުމަށްފަހުގައި އެމަނިކުފާނުގެ އަސާސީ ޙައްޤުތައް ހޯދުމަށް އާދޭސްކުރަން ޖެހިފައިވާއިރު އެމަނިކުފާނުގެ ތަރައްޤީގެ ތަޚުތުގައި އަމީރުންނާއި އަމީރާއިން ވެޑުވެމުންދާ ކަމުގައިވެސް ޑރ.ޖަމީލު ވިދާޅުވެއްޖެއެވެ. މިފަދައިން ޖަމީލު ވިދާޅުވެފައިވަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ ކާފަ ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި އެޑުމިޓުކޮށްގެން 10 ނަރުހުން ޚާއްޞަކޮށްގެން ފަރުވާދެމުންދާ ދިއުމަށް އިޝާރާތްކުރައްވައެވެ. ޑރ.ޖަމީލު ޓުވީޓު ނިންމަވައިލައްވަމުން ވިދާޅުވެފައިވަނީ އަދިވެސް ދިވެހިރާއްޖޭގެ އުންމީދު ގުޅިފައިވަނީ ރައީސް ޔާމީނާ ކަމުގައެވެ. އަދި ރައީސް ޔާމީނު މިނިވަންކުރުމުގެ މަސައްކަތް މާތްﷲގެ އިރާދަފުޅާއެކު ކާމިޔާބުކުރައްވާނެ ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ