މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭނެ!

މާދަމާގެ މަޣްރިބް ނަމާދުން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އާންމުކުރި ސާކިއުލަރއެއްގައިވާ ގޮތުގައި ޖުލައި 1 ވާ ބުދަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުން ރަނގަޅުކަމަށް ފެންނަ ކަމަށެވެ. މިގޮތުން މިސްކިތްތައް ހުޅުވާލާއިރު، މާލޭ ސިޓީ ކައުންސިލުން ބައެއް ކަންތައްތަކަށް ސަމާލުކަން ދޭން ވަނީ އެދިފައެވެ.
އެގޮތުން ހުޅުވާލެވޭ މިސްކިތްތަކުގައި ކާޕެޓް އަޅާފައި ނެތުމާއި، ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުމާއި، މިސްކިތްތަކުގައި ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމް ހުރުމާއި އަދި އެއަރކޯން ބޭނުން ނުކުރުން ހިމެނެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ވަނީ މިސްކިތަށްދާ ފަރާތްތަކުން އަމަލުކުރަންވީ ގޮތުގެ އިރުޝާދުވެސް ދީފައެވެ. އޭގެ ތެރޭގައި ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުން، މުސައްލައަކާއި މާސްކެއް ގެންދިއުން، މިސްކިތަށް ވަދެ ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން، މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއްޓުން، ރޯގާ ޖެހި ކެއްސާ ހުން އައިސްފައިވާނަމަ މިސްކިތަށް ނުދިއުން އަދި ނަމާދަށް ފަހު މިސްކިތުގައި މަޑުނުކުރުން ފަދަ ކަންތައްތައް ފާހަގަކޮށްލެވެއެވެ.
މިފަދައިން ޖަމާއަތުގައި ނަމާދުކުރާއިރު، ބަންގިއަށްފަހު 5 މިނެޓަށްފަހު ގަމަތްދީ ނަމާދު ފެށުމަށާއި އެއްވެސް ނަމާދެއް 7 މިނެޓަށްވުރެ ދިގުނުކުރަން ވަނީ އެދިފައެވެ. އަދި ހުރިހާ ނަމާދެއްގައިވެސް ޟުހާ ސޫރަތަށްވުރެ ދަށުން ކިޔަވަން އިމާމުންގެ ކިބައިން އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ