ޖިންސީ ގޯނާގެ އަމަލުތައް އިތުރުވާތީ ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ އަންހެން ކުދިންނާ އަންހެނުންނަށް ކުރާ ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވަމުން ދާ ކަމީ ނިހާޔަތަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށާއި އިޖްތިމާއީ ގޮތުން ހުތުރުކަން ބޮޑު ލާއިންސާނީ އަމަލެއް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
ރައީސް އޮފީހާއި ޖެންޑަ މިނިސްޓްރީ އާއި ފުލުހުންނާއި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ރަސްމީ ޓުވިޓާ އެކައުންޓް ޓެގް ކުރައްވައި މައުމޫން ވިދާޅުވީ މިކަން މުޖްތަމައުން މުޅިން ލުހެލުމަށް އެންމެން ގުޅިގެން ވަރުގަދަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ.
މައުމޫން އެގޮތަށް ވިދާޅުވި އިރު، ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިފަދަ ބައެއް މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން ދޫވެގެން ދާތީ މުޖުތަމައުގެ ތެރޭގައި އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތެވެ.
އަންހެނުންނާ މެދުގައި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އާންމުންގެ ސަމާލުކަމަށް މި ދުވަސްކޮޅަށް މާ ބޮޑަށް އައީ ހުޅުމާލެ ސަފާރީއެއްގައި ކެންޔާގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހަކު ދޫކޮށްލުމާ ގުޅިގެންނެވެ. ހައްޔަރު ކުރި ދެ މީހަކު ކުއްލި ގޮތަކަށް ދޫކޮށްލުމުން، އެ މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމުގެ އަޑުތައް ވަރަށް ބޮޑަށް ފެތުރުނެވެ.
މި މައްސަލަ އަށް ފަހު، ރޭޕް ކުރުމާއި ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާ ދެކޮޅަށް މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ވަނީ ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ