އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ތަކުގެ ތެރެއިން ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރުމަށް އެމްޑީޕީގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އަލްހާން ފަހްމީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އަލްހާންގެ ކޮއްކޮ އަދި ގާނޫނު ވަކީލް ނޫރުބާން ފަހްމީ ވިދާޅުވީ މައްސަލަ ހުށަހަޅާފައިވަނީ ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރުމަށާއި، އެމްޑީޕީން މަޖިލިސް އިންތިހާބަށް ފޭދޫ ދާއިރާގެ ޓިކެޓް ދީފައިވާ ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލްކުރުމަށް ކަމަށެވެ. މިމައްސަލަ ހުށަހެޅީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކަމަށާއި، އެމްޑީޕީގެ ފޭދޫ ދާއިރާއަށް ޓިކެޓް ދީފައިވާ ކެންޑިޑޭޓުގެ ޓިކެޓް ބާތިލްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް މައްސަލައިގައި އެދިފައިވާނެ ކަމަށް ނޫރުބާން ވިދާޅުވި އެވެ.
ކޯޓުން މިއަދު މައްސަލަ ބަލައިގެން ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ފަށާނެ ދުވަހެއް ކޯޓުން އަދި ބުނެފައެއް ނުވެ އެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް މަޖިލިސް އިންތިހާބުގެ ޓިކެޓް ހޯދާފައިވަނީ މުހައްމަދު ނިހާދު އެވެ. ފޭދޫ ދާއިރާގެ ޕްރައިމަރީގައި ނިހާދަށް 316 ވޯޓް ލިބިވަޑައިގެންފައިވާއިރު، އަލްހާނަށް ލިބިވަޑައިގެންފައިވަނީ 154 ވޯޓެވެ.
ޕްރައިމަރީގެ މައްސަލަތައް އެމްޑީޕީގެ ކަމާއި ގުޅުންހުރި ކޮމިޓީ ތަކަށް އަލްހާން ހުށަހެޅުއްވުމުން ޕްރައިމަރީ ބާތިލްކުރަންޖެހިދާނެ ކަމަށް ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އެމްޑީޕީން ބުނެފައިވެ އެވެ. ނަމަވެސް ފަހުން ޕްރައިމަރީ ބާތިލްނުކުރަން ނިންމާފައިވަނީ ނަތީޖާއަށް ބަދަލު އަންނަވަރުގެ ކަމެއް ހިނގާފައި ނުވާތީ ކަމަށް ވެސް އެމްޑީޕީގެ އިންތިހާބީ ކޮމިޓީން ބުނެފައިވެ އެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގެ ކަންކަމުގައި ހަރަކާތްތެރިވި އެމްޑީޕީގެ އޮފިޝަލުން ތައްޔާރުކުރި ރިޕޯޓުގައި ވަނީ ފޭދޫ ދާއިރާގެ ނަތީޖާއާ މެދު ސުވާލު އުފެދޭ އެތައް ކަމެއް ޕްރައިމަރީގައި ހިނގާފައިވާ ކަމަށް ބުނެފަ އެވެ.
އަލްހާންގެ ގަޔަށް ވަޅި ހެރުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އަލްހާން އަވަށްޓެރި ލަންކާގައި ހުންނެވި ނަމަވެސް އޭނާ މިވަގުތު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
ނިހާދުގެ ކެންޑިޑެސީ ބާތިލްކޮށްދިނުމަށް އަލްހާން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު އަލްހާން ގެންދަވަނީ ފޭދޫ ދާއިރާގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަމުންނެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ