ހުޅުމާލޭގެ އުތުރުން އެއް ފަޅެއްގައި އޮންނަ ރިސޯޓް ކ. ފަރުކޮޅުފުށި (ކްލަބްފަރު) ދެ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާން ކުރުމަށްފަހު ސިވިލް ކޯޓުގެ އެންގުމަކަށް އެ ރިސޯޓް ކުއްޔަށް ދިނުން މަޑު ޖައްސާލާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ސިވިލް ކޯޓުގެ އިއްޔެގެ ގަޒިއްޔާގައި ފަރުކޮޅުފުއްޓާއި ބެހޭގޮތުން އެ ކޯޓުގައި ހިނގަމުންދާ މައްސަލައެއް ޝަރީއަތުން ހުކުމެއް ކުރެވެންދެން ރިޒޯޓެއް އޮޕަރޭޓް ކުރެވޭގޮތަށް ހުރި މުދާ ނައްތާ ނުލުމަށާއި، ނީލަމުގައި ވިއްކާ ނުލުމަށާއި، މުދާތަކާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި ރިޒޯޓެއް ތަރައްގީކޮށްގެން ހިންގުމަށް އެހެން ފަރާތަކަށް ހަވާލުކުރުން ފަސް ކުރުމަށް އެ ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާ ކަމަށެވެ.
އަދި މިކަމާއި ގުޅިގެން މިނިސްޓްރީން ކޮށްފައިވާ ބިޑްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓިފައިވާކަން އިއުލާނަކުން އާންމުކޮށް އަންގާފައިވާނެ ކަމަށާއި ބިޑާ ބެހޭގޮތުން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ "ޕްރީ ބިޑް އިންފޮމޭޝަން ސެޝަން" ކެންސަލް ކުރެވިފައިވާ ކަމަށެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ކުލަބް ފަރު އަނބުރާ ނަނގާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފޭސް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ. އޭގެ ފަހުން ރައީސް ވަހީދުގެ ސަރުކާރުން ވަނީ ހުޅުމާލޭގެ ދެވަނަ ފޭސްގެ މާސްޓާޕްލޭން އެކުލަވާލައި އާއްމު ވެސް ކޮށްފަ އެވެ. މާސްޓާޕްލޭންގައިވާ ގޮތުން ފަރުކޮޅުފުށި ވަށައިގެންވާ ގޮނޑުދޮށް ސަރައްދުން 50 ޕަސަންޓް ނުހިއްކާ ސަލާމަތްކުރެވޭނެ އެވެ. އަދި ފަރުކޮޅުފުށި ތަރައްގީކުރަން ހުށަހަޅާފައި ވަނީ ސަގާފީ ރަށެއް ނުވަތަ "ހެރިޓޭޖް އައިލެންޑް"ގެ ކޮންސެޕްޓަށެވެ.
ކުއްޔަށް ދިނުމާއި ބެހޭގޮތުން މިމަހު ކުރީ ކޮޅު ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ބިޑް ހުޅުވުން އޮންނާނީ 30 ވަނަ ދުވަހު ކަމަށެވެ. އަދި އަންގާރަ ދުވަހުން ފެށިގެން ބީލަން ފޮތް ޓޫރިޒަމް މިނިސްޓްރީއިން ވިއްކުމަށް ހަމަޖެހިފައިވާއިރު، ބީލަން ފޮތުގެ އަގު އުޅެނީ ދިވެހިންނަށް 2000 ރުފިޔާ އަދި ބޭރުގެ ފަރާތްތަކަށް 300 އެމެރިކާ ޑޮލަރަށެވެ.
ކޯޓުން އަމުރާއެކު ކްލަބްފަރު ކުއްޔަށް ދިނުން މަޑު ޖައްސާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ