2017ގެ ނިޔަލަށް މުޅި ރާއްޖޭއަށް ޑިޖިޓަލް ބްރޯޑްކާސްޓިންގެ ހިދުމަތް ދެވޭނެ: އުމަރު

ދެހާސް ސަތާރަވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޑިޖިޓަލް ބްރޯޑްކާސްޓިންގެ ހިދުމަތް ލިބޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ސޯޝަލް ކައުންސިލްގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ބްރޯޑްކާސްޓިންގެ މުޅި ހިދުމަތް ޑިޖިޓަލް ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. ރައީސް ޔާމީން ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ޖަޕާނުން މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޖަޕާން ސަރުކާރުގެ އެހީ ޔަގީން ކުރައްވާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
"ޖަޕާނުން ހަމަޖައްސައިދިފައިވާ އެހީގެ ދަށުން ޖަޕާނުގެ ސާވޭ ޓީމެއް ރާއްޖެ އައިސް މިދިޔަ ހަފްތާގައި އެކަމާބެހޭ ސާވޭކޮށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައި،" އުމަރު ވިދާޅުވި އެވެ.
މި ޕްރޮޖެކްޓް ހިންގުމަށް އަންނަ އަހަރުގެ މެދުތެރޭގައި ތަފްސީލު ޓެކްނިކަލް ސާވޭއެއް ހެދުމަށް ޖަަޕާނުގެ ޓީމެއް ރާއްޖެ އަންނާނެ ކަަމަށްވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޑިޖިޓަލް ޓީވީ، ރޭޑިއޯ ގެ ޚިދުމަތާއި އަދި އެމަޖެންސީގެ ހިދުމަތް 2017 ވަނަ އަހަރު ނިމެންވާއިރަށް ފޯރުކޮށްދެވޭނެ ކަަމަށްވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
ޖަޕާން ސަރުކާރުން އެހީވާނެ ކަމަށް ޔަޤީންކަން ދެއްވާފައިވަނީ ޖަޕާންގެ ޓީވީ ސިސްޓަމް ކަމަށްވާ އައިއެސްޑީބީޓީ ރާއްޖޭގައި ގާއިމް ކުރުމަށެވެ. މިޕްރޮޖްކްޓް ރާއްޖޭގައި ހިންގުމުގެ ދިރާސާތައް ކުރުމަށް ރާއްޖެ ޒިޔާރަތްކުރި ފަންނީ ޓީމްވަނީ މިދިޔަ ހަފުތާގެ ތެރޭގައި ވީމީޑިއާގެ ވެރިިންނާއިވެސް ބައްދަލުކޮށް މި ޕްރޮޖެކްޓާއި ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. ޖަޕާންގެ ޓީވީ ސިސްޓަމް ޖަޕާންގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ގާއިމްކުރުމަށް 2007 ވަނަ އަހަރުވެސް ޖަޕާނު ސަރުކާރުން ދިވެހި ސަރުކާރަށް ވަނީ ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ