އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޗެންޕިއަންޝިޕް ފަށައިފި

ޖުމްލަ 11 ސްކޫލަކުން 117 ކުދިން ބައިވެރިވާ ހަތްވަނަ މައިލޯ އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޗެންޕިއަންޝިޕް ފަށައިފި އެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)އިން އިންތިޒާމް ކޮށްގެން ޒުވާނުންގެ މަރުކަޒުގެ ޓީޓީ ހޯލްގައި އިއްޔެ ފެށި މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދަނީ ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އެގޮތުން އެ ހަތަރު އުމުރުފުރާތަކަކީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 16 އަހަރުން މަތީގެ އުމުރު ފުރާއެވެ. އަދި މުބާރާތުގެ އިވެންޓުތައް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިން ކަމަށާއި އެ ދެބަޔަކީ ސިންގަލްސް އިވެންޓާއި ޓީމް އިވެންޓަށް ކަމަށް ޓީޓީއޭއެމްއިން މައުޅުމާތު ދެއެވެ.
މިމުބާރާތުގައި އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ދެ ޖިންސުގެ އޯޕަން ސިންގަލްސް އިވެންޓުތަކުގެ މެޗްތަކެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ސީއެޗްއެސްއީ، ބިލަބޮންގް، ގިޔާސުއްދީން، އިސްކަންދަރު، ޖަމާލުއްދީން، ކަލާފަނު، ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް، އަމީނިއްޔާ، ތާޖުއްދީން، ހިރިއްޔާ އަދި މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ މެޗްތައް ކޮންމެ ދުވަހެއްގެވެސް ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:45 ހަމައަށް ކުރިއަށް ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ