އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ޖަލީލް ބައިވެރިއެއް ނުވޭ: ހެކިން

ކުރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގައި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ބައިވެރި ނުވާ ކަމަށް ހަތަރު މީހަކު ހެކިބަސް ދީފި އެވެ.
ޖަލީލުގެ ފަރާތުން މިއަދު ކޯޓުގައި ހެކި ބަސް ދީފައި ވަނީ ހަތަރު ސިފައިންގެ އޮފިސަރުން ނެވެ. އެމީހުންގެ ތެރެއިން ފުރަތަމަ ހެކިބަސް ދިނީ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އެހީތެރިއެއްގެ ގޮތުގައި ހުންނެވި ކެޕްޓަން އަލީ އިހުސާނެވެ.
އިހުސާން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި ދުވަސްވަރު ޖަލީލަކީ ވަރަށް ބޮޑަށް ބާކީ ކޮށްފައި ހުރި މީހެއް ކަމުން ގާޒީ ބަންދު ކުރުމުގައި ޖަލީލުގެ އެއްވެސް ދައުރެއް އޮތް ކަމަށް އެނގިފައި ނުވާ ކަމަށެވެ. އަދި ގާޒީ ހައްޔަރު ކުރުމުގެ މުޅި އޮޕަރޭޝަން ހިންގީ ތޮލްހަތުގެ ބެލުމުގެ ދަށުން ކަމުގައިވެސް ވިދާޅުވި އެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދެވަނައަށް ހެކިބަސް ދިނީ އެމްއެންޑީއެފްގެ ކުރީގެ ސްޕޯކްސްޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް އެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެނެވުނުތާ ދެވަނައަށްވީ ދުވަހު އަބްދުﷲ ގާޒީގެ އާއިލާ މީހުންނާ އޭނާ ބައްދަލުކުރި ކަމަށެވެ. އަދި އެބައްދަލުވުމުގައި އަބްދުﷲ ގާޒީ ހުރީ ސިފައިންގެ ބެލުމުގެ ދަށުގައި ކަން ގާޒީގެ އާއިލާއަށް އަންގާފައިވާނެ ކަމަށެވެ. އާއިލާއަށް އެގޮތަށް އެންގީ އޭރު އޮޕަރޭޝަންސް ޑައިރެކްޓާ ކާނަލް މުހައްމަދު ޒިޔާދު އަންގައިގެން ކަމުގައިވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް އެކަމުގައި ވެސް ޖަލީލު އޭނާއަށް އެއްވެސް އަމުރެއް ނުކުރާ ކަމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ޝަރީއަތުގައި މިއަދު އިތުރަށް ހެކިބަސް ދީފައިވަނީ އަބްދުﷲ ގާޒީ ގިރިފުށީގައި ބަހައްޓާފައި ހުރިއިރު އޭނާގެ ސިއްހީ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުންނެވި ޑރ. އަލީ ޝާހިދާއި އޭނާގެ ވެލްފެއާ ކަންކަން ބަލަހައްޓަން ގިރިފުށްޓަށް ދިޔަ އައިޝަތު ޒީނާ އެވެ. އެ ދެ މީހުންވެސް ބުނީ ޖަލީލު އެމީހުންގެ މައްޗަށް އެއްވެސް އެންގުމެއް އަންގާފައި ނުވާ ކަމަށެވެ.
ޖަލީލުގެ ފަރާތުން ޝަރީއަތަށް މިއަދު ހެކި ހުށަހެޅި ނަމަވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް އަތީފްގެ އިތުރުން ކާނަލް ވައިސް ވަހީދު ރާއްޖޭގައި ނޫޅޭތީ ހެކި ހުށަހެޅޭ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ އެ މީހުން ހެކިބަސް ޝަރީއަތަށް ހުށަހެޅުމަށް ދައުލަތުން ބޭނުންވާތީ އެމީހުން ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ދައުވާ ކުރަނީ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތް އިބްރާހިމް ކަލޭފާނާއި، މިހާރުގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލާއި، ކުރީގެ ބްރިގޭޑިއަ ޖެނަރަލް ރިޓަޔާޑް އިބްރާހިމް ދީދީއާއި، ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ