އީރާނަށް ވެލީގެ ތޫފާނެއް އަރައި ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި

އީރާނުގެ ވެރިރަށް ތެހްރާނަށް ވެލީގެ އާދަޔާ ހިލާފު ތޫފާނެއް އަރައި ބަޔަކު މަރުވުމާއި ގުޅިގެން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ބިރުވެރިކަމާއި ކުރިމަތިލާން ޖެހިއްޖެ އެވެ.
އީރާންގެ ވެރިރަށް ތެހްރާންއަށް އިއްޔެ ހަވީރު އައި މި ތޫފާނުގައި މިހާތަނަށް 4 މީހަކު މަރުވެފައިވާއިރު 50،000 މީހުންނަށް ކަރަންޓު ލިބުމުން ވަނީ މަހްރޫމްވެފައެވެ. ނަމަވެސް ކަރަންޓު ދިއުމަށްވުރެ އެމީހުން ބިރުގެންފައިވަނީ މުޅި ތެހްރާން ވިލާތަކެއް ފަދައިން އަނދިރިކޮށްލާފައި އޮތުމުންނެވެ.
ވެލީގެ ތޫފާނުުގައި ގަސްތައް ވެއްޓި ވެހިކަލްތަކާއި ބައެއް އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު މި ތޫފާން ތެހެރާން އަށް އެރީ 110 ކިލޯ މީޓަރު (68 މޭލު) ބާރުމިނުގައި އެވެ.
މި ތޫފާނުގެ ސަބަބުން މަރުވި މީހުންނަކީ ގަސްތަކުގެ ދަށުވެގެން މަރުވި މީހުން ކަމަށާއި މިހާދިސާގައި 27 މީހަކު ޒަހަމްވެފައިވާ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރެ އެވެ.
މި ތޫފާން އީރާނަށް އެރުމާއި އެކު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މިވާހަކަ ދައްކާ ތެހްރާންގެ ގިނަ އަދަދެއްގެ ފޮޓޯތަކެއް އިންޓަނެޓުގައި ޝާއިއުކޮށްފައެވެ.
އީރާންގެ ޗީފް އެމެޖެންސީ އޮފިޝަލަކު ވިދާޅުވީ މިހާދިސާގައި ޒަހަމްވި 27 މީހުންގެ ތެރެއިން 10 މީހުންނަށް އަނިޔާވެފައިވަނީ މަގުމަތީގައި ހިނގި އެކްސިޑެންޓްތަކުގެ ސަބަބުން ކަމަށާއި މި ތޫފާނާއި ގުޅިގެން 1000 އަށް ވުރެ ގިނަ އެމަޖެންސީ މަސައްކަތްތެރިން މިހާރު މަގުތަކަށް ނިކުމެފައިވާ ކަމަށެވެ.
"މިއީ ހޮލީވުޑްގެ ފިލްމަކުން ފެންނަ ހާދިސާއެއް، އަހަރެން ވަރަށް ބިރުގަނޭ،" ތޫފާނުގެ ވަގުތުގައި ސަލާމަތް ވުމަށް ފިހާރައެއްގެ ތެރެއަށް ދުއްވައިގަންނަމުން އަންހެން މީހަކު ބުނެލި އެވެ.
"އަހަރެން ދުވަހަކުވެސް މިކަހަލަ ކަމެއް މީގެކުރިން ނުދެކެން،" އިމާރާތަކަށް ހިޔާވާން ވަދެ ހުރި މީހަކު ބުނެލި އެވެ.
މި ތޫފާނާއި ގުޅިގެން ތެހްރާންއިން ފުރުމަށް ހަމަޖެހިފައިިވާ ފްލައިޓުތަކާއި ތެހްރާން އެއާޕޯޓަށް ޖެއްސުމަށް ޝެޑިއުލްކުރި ފްލައިޓުތައް ޑިލޭ ވެސް ކުރި އެވެ. އަދި އިންޓަނެޓަށާއި ފޯނުގެ ހިދުމަތަށް ބުރޫ އަރާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ