ޖަލަށްލީ ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުން ދޫކޮށްލެވެން ނެތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލަހަތް އިބްރާހިމް ކަލޭފާނު ވިދާޅުވި ކަމަށް ސިފައިންގެ އިސް އޮފިސަރަކު މިރޭ ކޯޓުގައި ހެކިބަސް ދީފި އެވެ.
ތޮލްހަތުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ މިރޭ އަޑުއެހުމުގައި ހެކިބަސް ދެއްވަމުން ކެޕްޓަން އަލީ އިހްސާން ވިދާޅުވީ 30 އަހަރު ޖަލުގައި އިންނަން ޖެހުނު ނަމަވެސް އަބްދުﷲ ގާޒީ ދޫކޮށްލެވެން ނެތް ކަަމަށް ތޮލްހަތް އޭނާ ކައިރީގައި ވިދާޅުވި ކަަމަށެވެ.
އިހްސާން ވިދާޅުވީ ތޮލްހަތް އެގޮތަށް ވިދާޅުވިއިރު އޭނާ ހުރީ ތޮލްހަތްގެ އެސިސްޓެންޓެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދެވީ ތޮލްހަތްގެ އެންގެވުމުން މާލޭ އޭރިއާގެ ކޮމާންޑަރަކަށް އޭރު ހުންނެވި އިބްރާހީމް މުހައްމަދު ދީދީ އިސްވެ ހުންނަވައިގެން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. ދީދީ ކޮމާންޑަރަކަށް އައްޔަން ކުރެއްވީ ތޮލްހަތު ކަމުގައިވެސް ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ ރޭ ނޫން ކުރީ ރޭ ސިފައިންގެ ކާނަލުން ފެށިގެން މަތީ ރޭންކުގެ ބޭފުޅުންނާ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ތޮލްހަތް ބައްދަލުކުރެއްވި ކަމަށެވެ. އަބްދުﷲ ގާޒީގެ އަމަލުތައް ހުންނަ ގޮތުން ފުލުހުންގެ މަސައްކަތްތައް ހުރަސްއެޅޭ ކަމަށާއި އެހެންކަމުން އެކަމުގައި ފުލުހުން ސިފައިންގެ އެހީތެރިކަމަށް އެދިފައިވާ ކަަމަށް ތޮލްހަތް އެރޭ ވިދާޅުވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ ރޭ އޭރުގެ ކޮމިޝަނަ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހްމަދު ފަސީހް ސޮއިކުރައްވާ އޭނާގެ ސެކްރެޓަރީ ފޮނުއްވި ސިޓީއަކާއި އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފު ސޮއިކުރައްވާ ފޮނުއްވި ސިޓީއެއް ތޮލްހަތަށް ރައްދުކުރެއްވި ކަަމަށެވެ. އެ ދެ ސިޓީގައިވެސް ވަނީ އެއް އިބާރާތެއް ކަން ފާހަގަކުރައްވާ އިހްސާން ވިދާޅުވީ ތޮލްހަތަށް އެ ސިޓީ ދިނުމާއެކު "އަޅުގަނޑުމެން ސަލާމަތްވާނެ އެއްޗަކީ މިއީ" ކަމަށް ތޮލްހަތު ވިދާޅުވި ކަމަށެވެ. އަދި ވިދާޅުވީ އެއިން ކޮންމެ ސިޓީއަކާ އެކު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ލީގަލް ސެކްރެޓަރީ އަދި ރައީސް ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ހިސާން ހުސައިން ފޮނުވި ސިޓީއެއް އެޓޭޗްކޮށްފައިވާ ކަމަށެވެ. އެ ސިޓީގައި ވަނީ އަބްދުﷲ ގާޒީގެ އަމަލުތައް ހުންނަ ގޮތުން ފުލުހުންގެ މަސައްކަތަށް ދަތިވާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ދަންނަވާފައި ކަމުގައިވެސް އިހުސާން ވިދާޅުވި އެވެ.
މިރޭގެ އަޑުއެހުމުގައި ދެވަނައަށް ހެކިބަސް ދީފައިވަނީ އެމްއެންޑީއެފްގެ ކުރީގެ ސްޕޯކްސްޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް އެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށްފަހު ސިފައިންގެ އިސް ބޭފުޅުންނާއެކު ތޮލްހަތް ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އޭނާ ވެސް އަދި ތޮލްހަތްވެސް ގިރިފުއްޓަށް ވަޑައިގެން އަބްދުﷲ ގާޒީއާ ބައްދަލުކުރެއްވި ކަމުގައިވެސް ވިދާޅުވި އެވެ.
މިރޭގެ އަޑުއެހުން ނިންމާލީ އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވާނެ ކަމަށް އިއުލާންކުރުމަށްފަހު އެވެ.
30 އަހަރު ޖަލުގައި ހުންނަންޖެހުނަސް ގާޒީ ދޫނުކުރާނެ ކަމަށް ތޮލްހަތް ވިދާޅުވި ކަމަށް ހެކިބަސް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ