ޕެނަލްޓީގައި ޗިލީގެ މައްޗަށް ކުރި ހޯދާ ބްރެޒިލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ޕެނަލްޓީގައި 2-3 ގެ ނަތީޖާއަކުން ޗިލީގެ މައްޗަށް ކުރި ހޯދާ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބްރެޒިލް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފި އެވެ.
ބްރެޒިލްގެ ބެލޯ ހޮރިޒެންޓޭގެ އެސްޓަޑިއޯ މިނެއިރާއޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ރަނގަޅު ކުޅެ ބްރެޒިލް އިން ވަނީ ޗިލީގެ ގޯލަށް ނުރައްކާތެރި ހަމަލާތެއް ފޮނުވާލާފަ އެވެ. އެގޮތުން މެޗުގެ 5 ވަނަ މިނެޓްގައި ބްރެޒިލްގެ ފުލްބެކް މާސެލޯ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ބްރެޒިލް ކުޅުންތެރިން ޗިލީގެ ގޯލަށް ފުލުފުލުގަ ކުރިއަށް ފޮނުވާލި ހަމަލާތަކުގެ ނަތީޖާއަަކަށްވީ މެޗުގެ 18 ވަނަ މިނެޓްގައި ބްރެޒިލް އިން މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގުމެވެ. ތިއާގޯ ސިލްވާ ބޮލުން ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އެވެ.
މި ގޯލަށްފަހު ވެސް ބްރެޒިލް އިން ދިޔައީ ރަނގަޅަށް ކުޅެ ޗިލީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓްގައި ބްރެޒިލްގެ ފޯވާޑް ނޭމާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އޭނާ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގެ 32 ވަނަ މިނެޓްގައި ޗިލީ އިން ވަނީ މި މެޗުގައި ރަނގަޅު ރަނގަޅަށް ކުޅެމުން އައި ބްރެޒިލް ސިއްސުވާލާފަ އެވެ. ވާގާސް ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް އެލެކްސިސް ސަންޗޭޒް އެވެ. މިއީ ސަންޗޭޒް މި މުބާރާތުގައި ކާމިޔާބުކުރި 2 ވަނަ ގޯލެވެ. ޗިލީގެ މި ގޯލަށްފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ބްރެޒިލްއަށް ވަނީ ލިބިގެން ގޮސްފަ އެވެ.
އެގޮތުން ނޭމާ ބޮލުން ކުރިއަށް ފޮނުވާލި ބޯޅަ ޗިލީގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ބޭރަށް ދިޔައިރު އެޓީމުގެ ފޯވާޑް ފްރެޑް ހުހަށް އޮވެ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މީގެއިތުރުން ބްރެޒިލްގެ ފުލްބެކް އަލްވޭސް ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ކުރިއަށް ފޮނުވާލި ބޯޅަ ޗިލީގެ ކީޕަރު ބްރާވޯ ވަނީ ހުޝިޔާރުކަމާ އެކީ ދިފާއުކޮށްފަ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗިލީއަށް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ނަމަވެސް އެޓީމުގެ އަރަންގުއިޒް ކުރިއަށް ފޮނުވާލި ބޯޅަ ބްރެޒިލްގެ ޑިފެންޑަރު ލުއިޒް ވަނީ ދިފާއުކޮށްފަ އެވެ. މެޗުގެ ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވެ ބްރެޒިލްގެ މިޑްފިލްޑަރ ފާނަންޑީނިއޯ ވަނީ ޗިލީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ.
ނަމަވެސް ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ އޭނާ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑިކައިރިން ބޭރަށެވެ. މެޗުގެ 55 ވަނަ މިނެޓްގައި ބްރެޒިލްގެ ހަލްކް ގޯލެއްޖެހި ނަމަވެސް މެޗުގެ ރެފްރީ ހޮވަޑް ވެބް ނިންމީ ހަލްކް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ އަތުން ކޮންޓްރޯލް ކުރުމަށްފަހުގައި ކަމަށެވެ. މީގެއިތުރުން މެޗުގެ 65 ވަނަ މިނެޓްގައި ޗިލީން ވެސް ވަނީ ބްރެޒިލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. ނަމަވެސް އެޓީމުގެ އަރަންގުއިޒް ކުރިއަށް ފޮނުވާލި ބްރެޒިލްގެ ކީޕަރު ހޫލިއޯ ސެސާ ވަނީ ހުޝިޔާރުކަމާ އެކީ ދިފާއުކޮށްފަ އެވެ.
މެޗުގެ ފަހު 10 މިނެޓްތެރޭ ބްރެޒިލް އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު 2 ފުރުސަތެއް ލިބިގެންގޮސްފަ އެވެ. ނަމަވެސް އެޓީމުގެ ފޯވާޑް ނޭމާ އަދި ހަލްކް ކުރިއަށް ފޮނުވާލި ބޯޅަތަށް ޗިލީގެ ކީޕަރު ބްރާވޯ ވަނީ ދިފާއުކޮށްފަ އެވެ. މެޗުގެ 90 މިނެޓްހަމަވިއިރު ވެސް ނަތީޖާއާއަށް ބަދަލެއް ނައުމާ ގުޅިގެން ދެން ޖެހުނީ 15 މިނެޓްގެ ދެ ހާފް ކުޅެންށެވެ.
15 މިނެޓްގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ ޓީމަކަށް ގޯލުޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައިނުވާއިރު 15 މިނެޓްގެ ދެވަނަ ހާފްގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޗިލީއަށެވެ. ނަމަވެސް ޗިލީގެ ޕިނީލާ ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަޑިއަށެވެ. 15 މިނެޓްގެ ދެ ހާފް ނިމުނުއިރު ވެސް ނަތީޖާއަށް ބަދަލެއް އައިސްފައިނުވާތީ ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީގައި ބްރެޒިލް އިން ވަނީ ޗިލީގެ މައްޗަށް 2-3 ގެ ނަތީޖާއަކުން ކުރި ހޯދާފަ އެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ބްރެޒިލްގެ ޕެނަލްޓީތަށް ކާމިޔާބުކޮށްދިނީ ލުއިޒް، ނޭމާ، މާސެލޯ އެވެ. އެޓީމުން ޖެހި ޕެނަލްޓީތަކުގެ ކާމިޔާބުނުވީ ހަލްކް އަދި ވިލިއަން ޖެހި ޕެނަލްޓީ އެވެ. ޗިލީން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބުކުރެވުނީ ޑިއާޒް، އަރަންގުއިޒް ޖެހި ޕެނަލްޓީއެވެ.
ޗިލީގެ ސަންޗޭޒް، ޕިނީލިއާ ކުރިއަށް ފޮނުވާލި ޕެނަލްޓީތަށް ބްރެޒިލްގެ ކީޕަރު ހޫލިއޯ ސެސާ ވަނީ ހުޝިޔާރުކަމާ އެކީ ދިފާއުކޮށްފަ އެވެ. އަދި އެޓީމުގެ ޖަރާ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
 
މުބާރާތުގެ ކުއާޓާފައިނަލްގައި ބްރެޒިލް ބަައްދަލުކުރާނީ މިރޭ އުރުގުއާއީ އަދި ކޮލަމްބިއާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ