އަބްދުﷲ ގާޒީ ހައްޔަރުކުރަން ހިންގި އޮޕަރޭޝަނުގައި ޒިޔާދު އަމިއްލަ ކޮމާންޑެއް ނުދެއްވާ: ހެކިން
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރުމަށް ސިފައިން ހިންގި އޮޕަރޭޝަނުގެ ތެރޭގައި އޭރުގެ ކާނަލް މުހައްމަދު ޒިޔާދު އަމިއްލަ ހައިސިއްޔަތުން އެއްވެސް އަމުރެއް ނުކުރައްވާ ކަމަށް ދައުލަތުން ހުށަހެޅި ހެކިން ބުނެފި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނުގައި ޒިޔާދު ބައިވެރިވި ކަމަށް ތުހުމަތުކޮށް ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދު ބޭއްވި އަޑުއެހުމުގައި ހަ މީހެއްގެ ހެކިބަސް ނެގި އެވެ. އޭގެ ތެރެއިން އަބްދުﷲ ގާޒީ ހައްޔަރުކުރިއިރު މާލެ އޭރިޔާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގައި ހުންނެވި ނަސުރުﷲ އިބްރާހިމް ދީދީ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި ރޭ ސިފައިން ހިންގި އޮޕަރޭޝަނުގެ ތެރެއިން ވެސް އަދި އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުން ވެސް ޒިޔާދު އޭނާގެ އަމިއްލަ ހަސިއްޔަތުން ކޮމާންޑެއް ކޮށްފައިނުވާ ކަމަށެވެ. އެކަން އެނގެނީ ޒިޔާދު އެންގެވި އެންގުންތަކަކީ އޭރު މާލެ އޭރިޔާގެ ކޮމާންޑަރު އިބްރާހިމް މުހައްމަދު ދީދީގެ ކޮމާންޑް ކަން ޔަގީންކޮށްފައިވާތީ ކަމަށް ނަސުރުﷲ ވިދާޅުވި އެވެ. ހަމަ އެހެންމެ އަބްދުﷲ ގާޒީ ހައްޔަރުކުރަން ހިންގި އޮޕަރޭޝަން ޑައިރެކްޓަރަކަށް ހުންނެވި ޒިޔާދު އޭނާގެ ދަށުގައި ތިބި މީހުނަށް އެންގި އެންގުންތަކަކީ މާލެ އޭރިޔާގެ ކޮމާންޑަރުގެ އެންގުތައް ކަމަށް ވެސް ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވި އެވެ. ސިފައިންގެ ތެރެއިން ކުރާ އަމުރުތަކާއިމެދު ގާނޫނީ ލަފާ ހޯދުމުގެ ފުރުސަތު ކޮންމެ ސިފައިންގެ މީހަކަށް ލިބިގެންވާކަމާއި ނަމަވެސް އެ ލަފާ ލިބެނީ ޗީފް އޮފް ޑިފެންސް ފޯސް މެދުވެރިކޮށް ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. އަދި އެހެންމެ އޮޕަރޭޝަންތަކުގައި ކުރާ ކޮމާންޑްތައް އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކޮމާންޑްތަކެއްތޯ ބަލަންޖެހޭނީ އޮޕަރޭޝަން ކޮމާންޑަރުކަމަށާއި އޭނާގެ ދަށުން ތިބޭ މީހުން އޮޕަރޭޝަންތައް ހިނގާއިރު ގާނޫނީ ލަފާ ނުހޯދާނެ ކަމަށެވެ. އޭގެ އިތުރުން ނަސްރުﷲ ވިދާޅުވީ މާލެ ތެރޭގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމުގައި ފުލުހުންނަށް އެހީތެރިވެދިނުމަށް ސިފައިން ހިންގި އޮޕަރޭޝަނުގައި އޮޕަރޭޝަން ކޮމާންޑަރު އިބްރާހިމް ދީދީގެ ފަރާތުން ކާނަލް ޒިޔާދު އަމުރު މަރުއޫފު ހިންގަވާނެ ކަމަށް އިބްރާހިމް ދީދީ ކުރިންވެސް އެންގެވި ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ޒިންމާ ނަންގަވަން ޖެހޭނީ ނަސްރުﷲ ދެކިވަޑައިގަންނަވާ ގޮތުގައި ކާކުތޯ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަބްދުލް ބާރީ ޔޫސުފް ވަނީ ސުވާލު ކުރައްވާފަ އެވެ.ނަސްރުﷲ ވިދާޅުވީ އެކަން ގޮސްފައިވަނީ އެމްއެންޑީއެފްގެ ޗެއިން އޮފް ކޮމާންޑްގެ ތެރެއިން ކަމަށާއި އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ނަންގަވަން ޖެހޭނީ އިބްރާހިމް ދީދީ ކަމަށެވެ. އެމްއެންޑީއެފްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އުޅުއްވާ ކެޕްޓަން އިބްރާހީމް ނަސީމާއި ކެޕްޓަން އަބްދުލްމަޖީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި ރޭ ކާނަލް ޒިޔަދާ ބައްދަލުވެ ފުލުހުން ގެންނަ ސިޓީއަކަށް ލިޔުމެއް ތައްޔާރުކޮށްދޭން އެދުނު ކަމަށެވެ. ނަމަވެސް އެ ލިޔުން އޭގެ ފަހުން މިއަދާ ހަމަ އަށް ވެސް ފެނިފައިނުވާތީ އޭގެ ތަފްސީލް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރަން ނިންމިކަން ސާބިތުކުރުމަށް ދައުލަތުން ހާޒިރުކުރި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ޖަމްޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ދޫކޮށްނުލައްވާނެ ކަމަށް އޭރުގެ ރައީސް ނަޝީދު ފުލުހުންނާ ބައްދަލުކުރައްވައި ވިދާޅުވި ކަމަށެވެ. އަދި އަބްދުﷲ ގާޒީ ގިރިފުށީގައި ބެހެއްޓިކަން ސާބިތުކުރަން ހެއްކެއްގެ ގޮތުގައި ހުށަހެޅި އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު އައިޝަތު ޒީނާ ވިދާޅުވީ އަބްދުﷲ ގާޒީއާ ގިރިފުށިން ދެ ހަފުތާ ވަންދެން ބައްދަލުވި ކަމަށެވެ. އޭގެ އިތުރުން އެމްއެންޑީއެފްގެ މެޑިކަލް ސާވީސް ކޮމާންޑިން އޮފިސަރު ޑރ. އަލީ ޝާހިދު ވިދާޅުވީ އޭނާ އަބްދުﷲ ގާޒީގެ މެޑިކަލް ކަންކަމާ ހަވާލުވެ ގިރިފުށީގައި ހުންނެވި ކަމަށެވެ. އަދި އެ ހުރި ދުވަސްވަރު އެ ރަށުގައި ހުރުމަށް އުޒުރުވެރިވެވަޑައިގަންނަވާތީ އެ ވާހަކަ ކާނަލް ޒިޔާދަށް ދެންނެވުމުން އެކަމާ ބެހޭނީ ޑިފެންސް މިނިސްޓަރު ކަމަށް ވިދާޅުވި ކަމަށް ވެސް ޝާހިދު ފާހަގަ ކުރެއްވެވި އެވެ. މީގެ ކުރިންވެސް ޒިޔާދާ ދެކޮޅަށް ހެކިބަސް ދޭން ހާޒިރުކުރި ދެ މީހުން ވެސް ވިދާޅުވެފައިވަނީ ޒިޔާދު އަމިއްލަ އަށް އެއްވެސް ކޮމާންޑެއް ކުރައްވާފައިވާކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ޖެނުއަރީ 16، 2012 ގައި ސިފައިން ހިންގި އޮޕަރޭޝަނުގައި، ގިނަ އަދަދެއްގެ ސިފައިންނާ އަދި ހާއްސަކޮށް، ޒިޔާދު ފަދައިން ކާނަލް ރޭންކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެފައިވާ އިރު، ޒިޔާދު ތަފާތު ވަނީ ކިހިނެއް ވެގެންތޯ އޭނާ ގެންދަވަނީ ޝަރީއަތުގައި ސުވާލު އުފައްދަވަމުންނެވެ. އަބްދުﷲ ގާޒީ ހައްޔަރުކޮށް، ގިރިފުށީގައި ބެހެއްޓި މައްސަލާގައި އޭރުގެ ރައީސް ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު އިބްރާހިމް ދީދީގެ އިތުރުން ޒިޔާދު މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެ އެވެ. އެ ހުރިހާ ބޭފުޅުންގެ ޝަރީއަތްތަކުގައި ވެސް މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ