ރައްޔިތުން ނޫނެކޭ ބުނެފި، އިސްތިއުފާ ދެއްވާ ގެއަށް ވަޑައިގަންނަވާ: އާޒިމް

އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަށް ނޫނެކޭ ބުނެފިކަމަށާއި އެހެން ކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ގެއަށް ވަޑައިގެންނެވުމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ރައީސް ޔާމީނަށް ގޮވާލައްވައިފިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއިން އިދިކޮޅު އެމްޑީޕީން ބޮޑު ކުރިއެރުމެއް ހޯދާފައި ވަނިކޮށް އާޒިމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އަނިޔާވެރި ރައީސެއް ދިވެހިން ބޭނުން ނުވާ ކަމުގައެވެ. އަދި ރައްޔިތުން ބިރު ނުގަންނަ ކަމަށާއި ބިރު ނުވެސް ދެއްކޭނެ ކަމަށާއި ކައުންސިލް އިންތިހާބުން ރައްޔިތުން ރައީސް ޔާމީނަށް ބުނީ ނޫނެކޭ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އެންމެން ޖަލަށް ލައިގެންވެސް ވީކަމެއް "ހަރާން" ކަމަށް އާޒިމް ވިދާޅުވިއެވެ.
"ދެން އެންމެން ދޫކޮށްލާފައި އިސްތިއުފާ ދެއްވާގައި ގެއަށް ވަޑައިގަންނަވާ، ރައްޔިތުން މިއޮއްބުނީ ނޫނެކޭ" އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އަމިއްލަ ސިއްހީ ފަރުވާދޭ ތަންތަނުން އާސަންދަ ކަނޑާލުމުން އެކަމަށްވެސް އާޒިމްވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ ކޮށްކޮ އާޒިމް ވިދާޅުވީ ރައްޔިތުން ޓެކްސް އާއި ޑިއުޓީ ދައްކަނީ ފަސޭހަކަމާއި އެކު ބޭސް ފަރުވާވެސް ހޯދަން ކަމަށާއި ރައްޔިތުންނަށް ޖެއްސުންކުރުން ހުއްޓާލުމަށް ރައީސް ޔާމީނުގެ ސަރުކާރަށް ގޮވާލައްވާކަމަށް އާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ