އުނގޫފާރު ދާއިރާގެ ބައި-އިލެކްޝަން އިއުލާންކޮށްފި

ރައްޔިތުންގެ މަޖިލީހުން މިހާރު ހުސްވެފައިވާ ރ.އުނގޫފާރު ދާއިރާގެ ގޮޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވާނެ ކަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.
އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރެއްވި ޑރ. އަފްރާޝީމް އަލީ މިދިޔަ ހޯމަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލައިފަ އެވެ.
އިލެކްޝަންސްއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ގޮނޑިއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޯމަދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު 3:00 ޖެހުމާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި އިންތިހާބު އޮންނާނީ ޑިސެމްބަރު އެއްވަނަ ދުވަހުގެ ހެނދުނު 8:00 ކުން ހަވީރު 4:00 ކަމަށްވެސް އިލެކްޝަންސް އިން ބުންޏެވެ.
މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމް ދޫކުރާނީ އަންނަ ހޯމަދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް މެންދުރު ފަހު 2:30 އިން 4:30 އަށް އިލެކްޝަންސް ކޮމިޝަންގެ ފަސްވަނަ ފްލޯއިންނެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެންބަރުކަމުގެ ޝަރުތުތަކަކީ ސާބިތު ދަރަންޏެއް އޮތް ނަމަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އެއް އަހަރަށް ވުރެ، ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރުމުންދާ މީހަކު ކަމުގައި ނުވުން ވެސް އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. ނަމަވެސް އެއް އަހަރުގެ ޖިނާއީ ހުކުމެއްގެ ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމް ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ ނަމަ އެ މީހަކަށް އިންތިހާބުގައި ވާދަކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ