ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުމަށް އޭނާ ދެންމެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
އިތުރު ތުހުމަތުތަކެއްގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމާއި ރަސްމީ ގޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އަދި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ގާސިމް ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.
މިއަދުގެ ޝަރީއަތުގައި އޮންނާނީ އެ ދައުވާތަކަށް ގާސިމް ޖަވާބުދާރީވުމެވެ. ޝަރީއަތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 11:00 ގަ އެވެ.
ގާސިމް މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަކް ކޯޓުން ވަނީ މިދިޔަ ހުކުރުދުވަހު 15 ދުވަސް ޖަހައިފަ އެވެ.
މިފަހަރު ގާސިމް ހައްޔަރުކުރީ އެކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމުންނެވެ. އެކަމަކު އެންމެ ފުރަތަމަ ގާސިމް ހައްޔަރުކުރީ، ޕީޖީގެ ރޯލެއް ނެތި، ފުލުހުން އެދުނު އެދުމަކަށް، އިސް ގާޒީ އަބްދުލް ބާރީ ދެއްވި އަމުރަކަށެވެ. އެފަހަރު ބަންދަށް ހަ ދުވަސް ދިން ފަހުން، އެއީ ގާނޫނާ ޚިލާފު އަމުރެއް ކަމަށް، ހައި ކޯޓުން ނިންމައި، ގާސިމް ދޫކުރި އެވެ.
ގާސިމް ޝަރީއަތަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ