ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކެމްޕެއިން ކުރެއްވުމުގެ ބަދަލުގައި ޝަކުވާކުރެއްވުމާއި ނުރުހުމުގެ ޝުއޫރުތައް ފާޅުކުރެއްވުމުގައި ވަގުތު އިސްރާފުކުރައްވާ ކަމަށާއި އެއީ ކައިރީގައި ތިބި އެމްޑީޕީ ފިކުރުގެ ބޭފުޅުންގެ ނުފޫޒުގައި ތާށިވެފައި ހުންނެވުމުން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިޚާބީ އެޖެންޓް އަބްދުﷲ އަމީން ވިދާޅުވީ ގާސިމްގެ އެންމެ އަރިސް އެޑްވައިޒަރުންގެ ގޮތުގައި އެމްޑީޕީގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. އެ އެޖެންޓުން މަސައްކަތްކުރައްވަނީ ގާސިމަށް ތާއީދު އިތުރުކުރުމުގެ ބަދަލުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ވެރިކަން ހޯދައިދެއްވަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަހަކަށް އައިސް ގާސިމްގެ ކެމްޕެއިން ހަރަކާތެއް ފެނިފައެއް ނުވޭ. އަދި މެނިފެސްޓޯއެއް ނުވަތަ ސިޔާސަތެއް ވިއްކަވާ ތަނެއް ވެސް ނުފެނޭ. މުޅިން ވެސް ފެންނަނީ އެހެން ކެންޑިޑޭޓުންނާ ބެހި، ޝަކުވާކުރާ ތަން،" އަމީން ވިދާޅުވި އެވެ.
އަންނަ ހޮނިހިރުދުވަހު ބާއްވާ އިންތިޚާބުގައި ރައްޔިތުން ބޭނުންވަނީ ނަޝީދުގެ ކިބައިން ގައުމު ސަލާމަތްކުރުމަށް ކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ހުރިހާ ގޮތަކަށް ބެލިއަސް ގާސިމަށް ދެވަނަ ބުރަށް ވަޑައިގެންނެވޭވަރުގެ ތާއީދެއް ނެތް ކަމަށެވެ. އެހެންކަމުން ގާސިމަށް ދޭ ވޯޓަކީ އިސްރާފެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް މަގުފަހިވާ ގޮތަށް ވާހަކަދައްކަވާ ބޭފުޅަކަށް ވޯޓް ދިނުމަކީ ނުރައްކާތެރި ކަމެކެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ބާތިލްކުރި އިންތިޚާބުގައި ގާސިމަށް ގިނަ ވޯޓު ލިބިވަޑައިގަތީ އޭނާ އަށް އޮތް ތާއީދެއްގެ ބަދަލުގައި ޒަމާނުއްސުރެ ރައްޔިތުންނަން އެހީތެރިވެދެއްވި ބޭފުޅަކަށް ވުމުން ކަމަށެވެ. އަދި އިންތިޚާބާ ކައިރިވެފައި ވަނިކޮށް ވިލާ ފައުންޑޭޝަނުން ދިން އެހީތައް ވެސް އޭގެ ސަބަބަކަށް ވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ ގިނަ ރައްޔިތުން މިއަދު ގަބޫލުކުރޭ ގާސިމްގެ އެހީތެރިކަމުގެ ބަދަލު ފުރަތަމަ ލެވުނު ވޯޓުން ދެވިއްޖެ ކަމަށް،" އަމީން ވިދާޅުވި އެވެ.
ކައިރީގައި ތިބި އެމްޑީޕީ ފިކުރުގެ ބޭފުޅުންގެ ނުފޫޒުގައި ގާސިމް ތާށިވެފައިވާ ކަމަށް ޕީޕީއެމުން ބުނާއިރު ގާސިމް ރޭ ވިދާޅުވެފައިވަނީ ޖުމްހޫރީ ގުޅުމުގެ ތެރޭގައި އެމްޑީޕީއާ ފިކުރު ދިމާވާ މީހުން އެބަ ތިބި ކަމަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ފަހަތަށް ހިނގައްޖެ ނަމަ ޖުމްހޫރީ ގުޅުމުގެ ގާތްގަނޑަކަށް 60 ޕަސެންޓް މީހުން ޔާމީނަށް ވޯޓު ނުދޭނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި ގޮތުގައި ޔާމީންގެ ފަހަތަށް ވަޑައިގަތުމަށް ވުރެ އޭނާގެ ފަހަތަށް ޔާމީން ވަޑައިގެންފި ނަމަ ރައީސްކަން ހޯދުމުގެ ފުރުސަތު ބޮޑެވެ.
ގާސިމް ހުންނެވީ އެމްޑީޕީ އެޖެންޓުންގެ ނުފޫޒުގައި ތާށިވެފައި: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ