މާދަމާ ފަށާ ޕީޕީއެމްގެ ކޮންގްރެސްގައި އެޕާޓީގެ ވަގުތީ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ނެރުއްވާ ޓީމަކީ ވޭތުވެދިޔަ ތިން އަހަރު މި ގައުމު ލީޑްކުރި ފޯވާޑް ލައިން ކަމަށާއި އެއީ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ވައްޓާލުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރި ޓީމު ކަމަށް އުމަރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ އުމަރު، އޭނާގެ ޓީމު ތައާރަފުކޮށްދެއްވުމަށް ޓަކައި އާޓިފިޝަލް ބީޗުގައި ބޭއްވި ހަފުލާގައި، ނަތީޖާ ނެރެދިން ޓީމުގެ ގޮތުގައި މިސާލު ޖައްސަވައި އެ ޓީމަށް އޭނާ ވަރަށް ތައުރީފު ކުރެއްވި އެވެ. އަދި ވިދާޅުވީ އެއީ ސިޔާސީ މީހުންނާއި އެމްޑީޕީން ވެސް ނުކުރެވޭނެއޭ ބުނި ކިތަންމެ ކަމެއްކޮށް ދައްކައިދީފައިވާ ޓީމެއް ކަމަށެވެ. އުމަރު ވިދާޅުވީ، އެ ޓީމަކީ ޕީޕީއެމްގެ ތެރޭގައި ވެސް ލީޑުކުރި އަދި ކުރީ ސަފުގައި އޮތް ޓީމު ކަމަށެވެ.
ރައީސް މައުމޫންގެ ފޮޓޯފުޅަކާއި އުމަރުގެ ބޮޑު ފޮޓޯއެއް ބެކްގްރައުންޑްގައި ބަހައްޓާފައިވާ ސްޓޭޖެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ޕީޕީއެމްގެ ވަރަށް މުހިންމު ދެ އިންތިހާބެއް ކުރިމަތީގައި އެބައޮތް ކަމަށެވެ. އެއީ މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާ ކޮންގްރެސް އާއި މާޗް މަހުގެ ތެރޭގައި އޮންނަ ރިޔާސީ ޕްރައިމަރީ އެވެ. އޭނާ ވިދާޅުވީ ދެ އިންތިހާބު ނިމިގެން ދާއިރު ވެސް ޕީޕީއެމް އޮންނާނީ އެ ޕާޓީގެ ގޮތުގައި ކަމަށާއި ޕީޕީއެމް ނުގުޑާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވާ ކަމަށެވެ. ޕީޕީއެމަކީ އެމްޑީޕީ ނޫން ކަމަށާއި އެމްޑީޕީން "ހުރިހާ އެއްޗެއް މުހަންމަދު ނަޝީދަށް ދޭހެން" ޕީޕީއެމުން ނުދޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި އުމަރު ވަނީ އޭނާގެ ޓީމުގެ ބައިވެރިން ވަކިވަކިން ތައާރަފުކޮށްދެއްވައި އެ މީހުން ސްޓޭޖުން ގެނެސްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އޭނާ އެންޑޯސް ކުރައްވާ ޓީމަކީ ގައުމު "ޗަކަވަޅުގަނޑަކަށް ވެއްޓޭ ކޮންމެ ފަހަރަކު" އެ ވަޅުގަނޑަށް ފުންމާލަން ކެރޭ ވަރުގެ ޓީމެއް ކަމަށާއި ގައުމު އަނދިރިގަނޑެއްގައި އޮތް އިރު ގައުމަށް ޓަކައި އެ ޓީމު އޮތީ ގުރުބާން ވެސް ވެފައި ކަމަށެވެ.
ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް އުމަރު އެންޑޯސް ކުރައްވާފައި ވަނީ މިހާރު އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު އިލްހާމް އަހުމަދެވެ. ކައުންސިލަށް ހޮވާ ފިރިހެން އަށް މެމްބަރުންގެ ލިސްޓަށް އުމަރު ތައާރަފުކޮށްދެއްވީ އަބްދުﷲ ޝިނާން، މާޒް އަހުމަދު ސަލީމް، އަހުމަދު ނަސީމް، އިލްޔާސް ފަރުހާދު، ފާރިސް މައުމޫން، ޣައްސާން މައުމޫން، އަހުމަދު ނާޒިމް (ހެރިންސް އަންމަޑޭ) އަދި އިބްރާހިމް ހުސެއިން އެވެ. މީގެ ތެރެއިން ޣައްސާނާއި ފާރިސް މި ހަފުލާ އަށް ވަޑައެއްނުގަންނަވަ އެވެ. އެ ދެ ބޭފުޅުން މި ކޮންގްރެސްގައި ވާދަކުރައްވާ އަބްދުﷲ ޔާމީންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވަ އެވެ. ކައުންސިލަށް އައްޔަން ކުރާ ތިން އަންހެން މެމްބަރު ކަމަށް އުމަރު ހުށަހަޅުއްވާފައި ވަނީ އަނީސާ ސައީދާއި ޝަހީމާ އަބްދުއްރަހުމާނާއި ނަހުލާ އަލީ އެވެ. މީގެ އިތުރުން ޒުވާނުންގެ ގޮފީގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށާއި އެކި ކޮމެޓީތަކަށް އެ ޓީމުން ވާދަކުރާ މީހުން ވެސް ތައާރަފުކޮށްދެއްވި އެވެ.
އުމަރު ވިދާޅުވީ ޑީއާރުޕީގައި އޭނާ ހުންނެވިއިރާއި ޕީޕީއެމްގައި ހުންނެވި އިރު ވެސް، ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލަން ކުރެއްވި މަސައްކަތްތަކުގައި އެ ޓީމުން ރޭވުންތެރި ކަމާ އެކު ވަރަށް ފުރިހަމަ އަށް މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރާ ދެކޮޅަށް 129 ހަރަކާތް ހިންގައި، އެ ހަރަކާތްތަކުން 673 ހައްޔަރުކޮށްފައިވާ ކަމަށާއި އެކިއެކި ހަރަކާތްތަކުގައި 254 މީހުން ހޮސްޕިޓަލަށް ގެންދިޔަ އިރު 150 ޓީވީ ޕްރޮގްރާމްގައި ހޭލުންތެރިކަން އުފައްދާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުގެ ޓީމަކީ ވޭތުވެދިޔަ ތިން އަހަރުގެ މި ގައުމުގެ ފޯވަޑްލައިން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ