ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގައި އޮންލައިން ކޮމިއުނިޓީގެ ހިއްސާ ބޮޑު: މައުމޫން
ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމުގައި އޮންލައިން ކޮމިއުނިޓީގެ ހިއްސާ ބޮޑު ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. މެލޭޝިއާގެ ވެރިކަންކުރާ ޕާޓީ އަމްނޯގެ އަހަރީ އާންމު ޖަލްސާގައި، އެމަނިކުފާނުގެ ޒައާމަތުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ސަބަބުން ރާއްޖޭގެ ސިޔާސީ އަދި އިޖުތިމާއީ މަސްރަހަށް އަންނަ ބަދަލުތަކާ މެދު ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އަދި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންތަކުގައި ޑިޖިޓަލް ކެމްޕެއިން ސްޓްރެޓެޖީ ބޭނުންކޮށްގެން، އެ އިންތިހާބުތަކުގެ 75 ޕަސެންޓް ޕީޕީއެމް ކާމިޔާބު ކޮށްފައިވާ ކަމަށެވެ.މައުމޫން ވިދާޅުވި ގޮތުގައި ދިވެހި ދައުލަތް ހިންގުމުގައި ވެސް ސޯޝަލް މީޑިއާގެ ދައުރު ވަރަށް ބޮޑެވެ. ހާއްސަކޮށް ސަރުކާރު ހިންގުމުގަ އާއި ރައްޔިތުންނަށް ކަންކަމަށް ގޮވާލުމުގައި އަދި ރައްޔިތުން ހިޔާލު ހޯދުމަށްޓަކައި ދާއިމީ ގޮތެއްގައި ސޯޝަލް މީޑިއާ ވަރުގަދަ ކުރެވެން ހުރި، ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ޕީޕީއެމުން ބުންޏެވެ.މައުމޫންގެ ވާހަކަފުޅުގައި ވަނީ އަމްނޯގެ ލީޑަޝިޕުން އެމަނިކުފާނާއި ޕީޕީއެމްގެ ވަފުދަށް ކީ ހޫނު މަރުހަބާ އަށް ޝުކުރު އަދާކުރައްވައިފަ އެވެ. މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ވެސް ތަހުނިޔާ ދެންނެވި އެވެ.މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމާއި އަމްނޯ ގުޅިގެން މަސައްކަތްކޮށް، ޕާޓީގެ ކުރިއެރުމަށާއި ދެ ގައުމުގެ ތަރައްގީ އަށް އިތުރު ފުރުސަތުތަކެއް ހޯދިދާނެ ކަމަށް ގަބޫލުފުޅު ކުރައްވަ އެވެ. "އަދި ކުރިއަށް އޮތް ތާާނގައި މެލޭޝިއާއާ އެކު ވިޔަފާރީގެ ގޮތުންނާއި އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުންނާާއި މަތީ ތައުލީމް އަދި ސިއްހީ ދާއިރާ އިން އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ. އަމްނޯގެ އަހަރީ އާންމު ޖަލްސާގައި 22 ގައުމަކުން 150 މަންދޫބުން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި 70 އަށް ވުރެ ގިނަ ސަފީރުން ބައިވެރިވެވަަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ