ޕީޕީއެމް އަށް ސޮއިކުރައްވާ ޖަލްސާ އަށް މައުމޫން އަރިހުގައި ޝިފާގު ފުވައްމުލަކަށް ވަޑައިގެންފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ފުވައްމުލަކަށް ވަޑައިގެންފި އެވެ. ފުވައްމުލަކަށް މައުމޫން ވަޑައިގަތުމުން އެ މަނިކުފާނަށް ވަނީ އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
މައުމޫން އަރިހުގައި، މިރޭ ޕީޕީއެމް އަށް ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) ވެސް ވަނީ ފުވައްމުލަކަށް ވަޑައިގެންފަ އެވެ.
މީގެ އިތުރުން ޕީޕީއެމްގެ އިންތިގާލީ ދެ ނާއިބު ރައީސުންނާއި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ޔާމީން ވެސް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ.
"ދެ ފްލައިޓަކުން ޕީޕީއެމްގެ ޖުމުލަ 35 މެމްބަރަކު ފުވައްމުލަކަށް ވަޑައިގެންނެވި މާލެ އިން. ހިސްޓޯ ވަޑައިގަތީ މައުމޫން އަރިހުގައި އެއް ފްލައިޓަކުން،" ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ޝިފާގު ޕީޕީއެމް އަށް ސޮއިކުރައްވާނީ މިރޭ ފުވައްމުލަކުގައި ބާއްވާ ޕީޕީއެމްގެ ހާއްސަ ޖަލްސާއެއްގަ އެވެ.
ޝިފާގު ޕީޕީއެމް އަށް ސޮއިކުރެއްވުމުން، ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލައް ތަމްސީލުކުރާ ތިން ގޮނޑި ވެސް އެ ޕާޓީއަށް ބަދަލުވާނެ އެވެ. މި ބަދަލާއެކު ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ އަދަދު 18 އަށް އިތުރުވާއިރު އެމްޑީޕީގެ މެމްބަރުންގެ އަދަދު 31 އަށް ވެއްޓޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ