ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ގަބޫލް ނުކުރާ ކަމަށް ބުނެފައިވާ އެމްޑީޕީ އަށް ނިސްބަތްވާ ހަ ކައުންސިލަރުން ތިއްބަވާ އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށް ދޭން ޖެހޭ އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދީ،
ކައުންސިލާއި ސަރުކާރާ ދެމެދު ރައްޔިތުން ތާށިކޮށް ހަނާކުރަމުން އަންނަ ކަމަށް އައްޑޫ އިއްތިހާދުން ބުނެފި އެވެ.
ސަރުކާރަށް ތާއީދު ކުރާ ޕާޓީތައް އެކުލެވޭ އައްޑޫ އިއްތިހާދުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކައުންސިލުން ސަރުކާރު ގަބޫލްނުކުރާ ކަމަށް ބުނެފައިވާތީ ރައްޔިތުން ވަނީ ގިނަ ހިދުމަތްތަކަކުން މަހުރޫމްވެފައި ކަމަށެވެ.
އެހެން ނަމަވެސް ސަރުކާރާއި ކައުންސިލާ ދޭތެރޭ ރައްޔިތުން ތާށި ނުކުރުމަށް ގޮވާލައި، އިއްތިހާދުން ވަނީ އައްޑޫ ސިޓީ ކައުންސިލުން މިހާރުގެ ސަރުކާރު މިހާރުން މިހާރަށް ގަބޫލްކޮށް، ކައުންސިލް ހޮވި މަގުސަދު ހާސިލް ކުރުމަށް ވެސް ގޮވާލައިފަ އެވެ.
އަދި އެކަން އެގޮތަށް ނުކުރެވޭ ނަމަ ކައުންސިލް އިސްތިއުފާ ދިނުމަށް ވެސް އިއްތިހާދުގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
"...ކުރީގެ ސަރުކާރުގެ އަމަލުތައް އިންތިހާ އަށް ދިއުމުން އެކަމާ ދެކޮޅަށް ނިކުތް ގޮތަށް، ކައުންސިލްގެ އަމަލުތައް އިންތިހާ އަށް ގޮސް ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތަކަށް ވެފައިވާތީ ރައްޔިތުންގެ ހިމާޔަތުގައި އައްޑޫ އިއްތިހާދުގެ އެންމެހައި ބައިވެރިން ނިކުންނާނެ ކަމާއި އަދުލު އިންސާފު ގާއިމުކޮށް ދީނާއި ގައުމު މަސްލަހަތު ރައްކާތެރިކޮށް ގާނޫނީ ވެރިކަން ހިމާޔަތް ކުރަން އައްޑޫ އިއްތިހާދުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އައްޑޫ އަތޮޅުގެ ރައްޔިތުންނަށް އަރުވަމެވެ،" އިއްތިހާދުގެ ބަޔާނުގައިވެ އެވެ. "އަދި މިކަމުގައި މި އިއްތިހާދާއި ބައިވެރިވެ، އަޅުގަނޑުމެންގެ މި އަތޮޅު ފަސާދަ ކުރުމަށް އެމްޑީޕީގެ ނަމުގައި ހިންގަމުންދާ އަމަލުތަކުން ސަލާމަތް ކުރުމަށް އެންމެން ބައިވެރިވާން ޖެހެ އެވެ. މި އަތޮޅުގެ ހިމާޔަތުގައި ނުކުމެ ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް، ކައުންސިލް އިދާރާ ކުރި މައްޗަށް މި އަތޮޅުގެ ކަންކޮޅުތަކުގައި ތިއްބެވި އިއްތިހާދުގެ ބައިވެރިން ނުކުތުމަށް ގޮވާލެވޭ ހިނދު، ލަސް ނުވެ ނުކުމެވޭ ގޮތަށް ތައްޔާރުވެ ތިބުމަށް އިއްތިހާދުގެ ބައިވެރިންނަށް ގޮވާލަމެވެ."
އިއްތިހާދުގެ ބަޔާނުގައި ބުނެފައި ވަނީ ކައުންސިލުން ރައްޔިތުންނަށް ދޭން ޖެހޭ އެއްވެސް ހިދުމަތެއް ނުދީ އެ މީހުންގެ ޒިންމާ އަދާކުރަމުން ނުދާ އިރު ވެސް ސަރުކާރުގެ ބަޖެޓުން ބަރާބަރަށް މުސާރަ ނަންގަވަމުން ގެންދާ ކަމަށެވެ. އަދި "ޖީ" އަކުރު ޖަހާފައިވާ ސަރުކާރުގެ ވެހިކަލްތައް ބޭނުންކޮށްގެން އެމްޑީޕީގެ ހަރަކާތްތައް ޕްރޮމޯޓް ކުރުމަށް ވެސް މަސައްކަތް ކުރާ ކަމަށް ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ތަރިކަ މުދާ ބަހާހެން ހިތަދޫގެ ބިންތައް ފޮތިފޮތިކޮށް ދުވާލަކު އެއް ފަހަރު ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުތައް ގެނެސް އާއިލީ މީހުންނަށާއި ރައްޓެހިންނަށް ދަނީ ބަހަމުންނެވެ. އަދި ރަށްރަށުގެ މަގުތައް ބަލަހައްޓަމުން ނުދާތީ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވެސް އައްޑޫ އިއްތިހާދުގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ސަރުކާރު ގަބޫލް ނުކުރާ ކަމަށް ހަރު އަޑުން ބުނެ ސަރުކާރަށް ޖެއްސުން ކުރަމުން ގެންދާ އިރު ރައްޔިތުން ވޯޓް ދީގެން ކައުންސިލް އިންތިހާބު ކުރީ އަތޮޅަށް ތަރައްގީ ގެނެސް ހިދުމަތްތައް ކައިރިން ލިބޭނެ ގޮތް ފަހިކުރުމަށް ކަމެއް ހަނދުމަފުޅެއް ނެތެވެ." ބަޔާނުގައިވެ އެވެ. "ކައުންސިލް އުފެދުނު ފަހުން ރައްޔިތުންނަށް ފޯރުކޮށް ދެވުނު ޚިދުމަތެއް ނެތެވެ."
އިއްތިހާދުން ކައުންސިލާ ދެކޮޅަށް ބަޔާނެއް ނެރެފައިވާ އިރު ކައުންސިލް މެމްބަރުން ވެސް ބައިވެރިވެވަޑައިގެން އިއްޔެ ވަނީ ހިތަދޫގައި ހިނގާލުމެއް ބާއްވައިފަ އެވެ. އެމްޑީޕީން އިއްޔެ މާލެ އާއި ރަށްރަށުގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި ގޮވާލީ އަވަސް އިންތިޚާބެއް ބޭއްވުމަށެވެ.
އައްޑޫ ކައުންސިލުން ސަރުކާރާއި ރައްޔިތުން ތާށިކުރަނީ: އައްޑޫ އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ