އަލީ ވަހީދުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ނެގި އިޖްރާއީ ނުކުތާގެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން އަލީ ވަހީދުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ނެގި އިޖްރާއީ ނުކުތާގެ ަމައްސަލަ އަލީ ވަހީދުގެ ފަރާތުން ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެފައިވާތީ އެވެ. އެ މައްސަލައިގައި އަލީ ވަހީދުގެ އިތުރުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ވެސް ދައުވާކުރެ އެވެ.
އަލީ ވަހީދުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އިޖްރާއީ ނުކުތާ ނަގާފައި ވަނީ ދައުވާއެއް ކޮށް، ފަހުން އަނބުރާ ގެންދިއުމަށް ފަހު އަލުން އެ ދައުވާ ހުށަނޭޅޭނެ ކަމަށް ބުނެ އެވެ. އެ ނުކުތާ ނެގީ މި މައްސަލަ ކުރިން ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ފަހު ދައުވާ އަނބުރާ ގެންގޮސްފައިވާތީ އެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ ނިންމެވީ އެގޮތަށް މައްސަލަ ހުށަހެޅިދާނެ ކަމަށެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައި ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވެ އެވެ. ހައި ކޯޓުގައި އަލީ ވަހީދުގެ ފަރާތުން ބުނެފައި ވަނީ ދައުވާއެއް އަނބުރާ ގެންދިއުމަށް ފަހު އެ ދައުވާއަށް އެއްވެސް ބަދަލެއް ނުގެނެސް އަލުން ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ. ނަމަވެސް ދައުލަތުން ބުނެފައި ވަނީ އެ ދައުވާ ގެންދިޔައީ ވަގުތީ ގޮތުން ކަމަށާއި އެއީ ހަމަހަމަކަން ގާއިމުކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަކީ ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިގެންވާ ބާރެއް ކަމަށް ވެސް ދައުލަތުން ހައި ކޯޓުގައި ބުނެފައިވެ އެވެ.
އަލީ ވަހީދުގެ ފަރާތުން މިއަދު ވަނީ ހައި ކޯޓުގައި ވަގުތީ އަމުރަކަށް އެދިފަ އެވެ. އަލީ ވަހީދުގެ ފަރާތުން އެދުނީ ހައި ކޯޓުން މައްސަލަ ނިމެންދެން، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަ މަޑުޖައްސާލުމުގެ އަމުރެއް ނެރެދިނުމަށެވެ. އެ އަމުރާމެދު މިއަދުގެ ވަގުތެއްގައި ގޮތެއް ނިންމަވާނެ ކަމަށް އެ މައްސަލަ ބައްލަވާ ހައި ކޯޓުގެ ބެންޗުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ