ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.
އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީން ނިންމާފައި ވަނީ ޖުލައި 16، 2009 ވަނަ ދުވަހުގެ ރޭ 8:00 ޖެހިއިރު ދިޓީވީގެ ޚަބަރުގައި "ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި މުހައްމަދު ނަޝީދުގެ ކެބިނެޓުން މިހާރު ކުރަމުންދާ ކަންތައްތަކަކީ ސަރުކާރެއް ނޭވާހޮޅިއަށް އެޅިގެން އުޅޭއިރު ކުރައްވާނެ ކަންތައްތަކެއް ކަމުގައި ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ" މިގޮތަށް ޚަބަރުގައި ބުނެފައި ވާތީ އެވެ.
އަބްދުﷲ ގާޒީ ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ ސާބިތުވާކަމަށް ޖޭއެސްސީން ކަނޑައެޅުމުގައި، ތަހުގީގު ކޮމެޓީން ރިއާޔަތްކުރި ހެކީންގެ ބަޔާންތަކަށް ބަލާއިރު އެއިން އެއްވެސް ބަޔާނަކުން ދިޓީވީގެ ޚަބަރުގައި ކިޔާފައިވާ އިބާރާތް އަބްދުﷲ ގާޒީ ވިދާޅުވިކަމަށް އެނގެން ނެތްކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމް ޖޭއެސްސީން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށް ފަހު ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބެލުމަށް ވަކި އިޖްރާއަތުތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ކަމަށާއި ނަމަވެސް އަބްދުﷲ ގާޒީގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް އެ ކޮމިޝަނުން ނިންމީ އޭނާއަށް ލިބެންޖެހޭ ހައްގުތަކާއި ފުރުސަތުތައް ނުދީ ކަމަށެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ފަނޑިޔާރަކާ ގުޅޭ މައްސަލަ ތަހުގީގުކުރާ ކޮމެޓީގެ ރިޕޯޓާ މެދު ގޮތެއް ނިންމަންޖެހޭނީ އެ ފަނޑިޔާރަކަށް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށްފަހު ހުށަހެޅޭ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށްގެން ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީގެ މައްޗަށް ސުލޫމީ މައްސަލަ ސާބިތުވާކަމަށް ނިންމާފައި ވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ސިވިލް ކޯޓަކީ އަބްދުﷲ ގާޒީ މަސައްކަތް ކުރައްވާ ކޯޓާއި އެއް ދަރަޖައެއްގެ ކޯޓަކަށް ވިޔަސް އެބާވަތުގެ މައްސަލަތައް އެ ކޯޓަށް ނުބެލޭނެކަމަށް ބުނާ ގާނޫނީ އެއްވެސް ހަމައެއް ނެތްކަމަށް ވަނީ ބުނެފަ އެވެ.
އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ