2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނަން، އަޅުގަނޑުގެ ވެރިކަމެއްގައި އިންޑިއާ ސިފައިން ބާލާނަން: އުމަރު

2023ގެ ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާނެ ކަމަށާއި ވެރިކަމަށް ވަޑައިގެން ރާއްޖެއިން އިންޑިއާ ސިފައިން ބާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އުންމީދަކީ ޕީޕީއެމްގެ ތެރެއިން 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބުން ކަމަށާއި އެ ޕާޓީން ލީޑަޝިޕްގެ ދޮރު ހުޅުވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"2023ގައި އަޅުގަނޑު ކުރިމަތިލާނަން. ކުރިމަތިލައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑު ކާމިޔާބު ވެސް ކުރާނަން. އަޅުގަނޑު ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ 2023ގެ ރިޔާސީ އިންތިހާބުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ވާދަކުރާނަން. އަޅުގަނޑުގެ ވެރިކަމެއްގައި ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ވެސް ބާލާނަން. އަޅުގަނޑުގެ އުންމީދަކީ ޕީޕީއެމްގެ ލީޑަޝިޕްގެ ދޮރު ހުޅުވިގެން، ޕީޕީއެމްގެ ތެރެއިން ނުކުތުމުގެ ފުރުސަތު ލިބުން. އެ ފުރުސަތު ނުލިބުނަސް، އަޅުގަނޑު ކަންބޮޑެއް ވެސް ނުވޭ،" އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ މިހާރު ޕީޕީއެމްގެ ލީޑަރެއް ނޫން ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އިސްނެންގެވުމަށް ގާނޫނެއް ފާސްކުރައްވައި، މީހަކު ޖަލަށް ލައިފިއްޔާ ލީޑަޝިޕް ގެއްލޭ ގޮތް ހަދާފައިވާ ކަމަށެވެ. އަދި ލީޑަޝިޕްގައި ހުންނަވާ ބޭފުޅަކު ޖަލަށްލައިފި ނަމަ، ލީޑަޝިޕް ގެއްލޭ ގޮތަށް އޮތުމަކީ އެމަނިކުފާނު ވެސް ބޭނުންފުޅުވާނެ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެމަނިކުފާނަކީ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ނިންމާފައިވަނީ. އެކަމަށް އަޅުގަނޑު އިހުތިރާމު ވެސް ކުރަން. އެކަމަށް ކިޔޭނެ ފާޑެއް ވެސް ނޯންނާނެ. އެކަމަކު އެއްވެސް ހާލަތެއް އައިސްގެން، އެޕާޓީގެ ލީޑަޝިޕްގެ ޕޮޒިޝަން އޯޕަން ކޮށްފިއްޔާ، ޕްރައިމަރީއަކަށް ހުޅުވާލައިފިއްޔާ އަޅުގަނޑު ތައްޔާރު، ވަދެ ވާދަކުރަން،" އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޕީޕީއެމް އިން ޕްރައިމަރީއަކަށް ހުޅުވާނުލައިފި ނަމަ، އިންތިހާބުގައި ވާދަކުރާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށާއި ފަހަރެއްގައި އޭގެ ކުރިން އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އުމަރު ވަނީ އޭނާގެ ވެރިކަމެއްގައި ކުރައްވާނެ ބައެއް ކަންކަން ހިއްސާކުރައްވައިފައެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ވެސް ބާލާނަން. އަމަންއަމާންކަން ގާއިމުކުރާނަން. ރާއްޖޭގައި ގަވާއިދާ ހިލާފަށް މިއުޅޭ 67000 ބިދޭސީންގެ މައްސަލަ ވެސް އަޅުގަނޑު ހަމަޖައްސާނަން. ރާއްޖޭގެ އިގުތިސާދު އެއްކޮށް އަނބުރާލާނަން. ރާއްޖޭގެ މި ޒުވާން ޖީލަކީ ތައުލީމީ، ހީވާގި، މުރާލި، މަސައްކަތްތެރި ޖީލަކަށް ހަދައިގެން އެމީހުންގެ ކޮނޑުގައި މިގައުމު ތަރައްގީވެފައި އޮތް ގައުމަކާ ހަމައަށް ގެންދިއުމުގެ ދޮރު އަޅުގަނޑު ހުޅުވާލާނަން،" އޭނާ ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް ސާފުކޮށް އެކަންކަން ކުރާނެ ގޮތެއް ޔަގީންކަމާއެކު ވިދާޅުވާން ނުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ