ޓެރަރިޒަމާ ދެކޮޅަށް ސައުދީން ކުރާ މަސައްކަތުން ރާއްޖެއަށް ފައިދާވާން އެދެން: އިސްލާމިކް މިނިސްޓަރު

ދީނީ ހަރުކަށި ވިސްނުމާއި ޓެރަރިޒަމާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ކުރާ މަސައްކަތުގެ ތަޖުރިބާއިން ރާއްޖެއަށް ފައިދާވުމަށް އެދޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
މިސްރުގައި ކުރިއަށް ދިޔަ "ޖެނަރަލް ކޮންފަރެންސް އޮފް ދަ އިޖިޕްޝަން ސުޕްރީމް ކައުންސިލް ފޯ އިސްލާމިކް އެފެއާޒް" ގައި ބައިވެރިވެ ވަޑައިގެންނެވުމަށް މިނިސްޓަރު އެ ގައުމަށް ވަޑައިގެންނެވިއިރު މިއަދު ވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން އަބްދުލްއަޒީޒީ އާ ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒާހިރު ވިދާޅުވީ، ދީނީ ހަރުކަށި ފިކުރުތަކާއި ހައްދު ފަހަނަ އެޅުންތަކުގެ އިތުރުން އިސްލާމްދީނާ ގުޅުވައިގެން އުފައްދާ ހިޔާލު ތަފާތުވުންތައް ނައްތާލުމަށް ސައުދީއަކީ ތަޖުރިބާ ކާރު ގައުމެއްކަމުން އެކަމުގެ ފައިދާ ހެޔޮ ގޮތުގައި ހިފަން ރާއްޖެއިން ބޭނުންވާ ކަމަށެވެ.
އޭގެ އިތުރުން ވެސް ދެ ގައުމުން ވަނީ ތަފާތު އެކި މައްސަލަތަކާ ގުޅިގެން ވާހަކަ ދައްކާފަ އެވެ. އެގޮތުން ދެ ގައުމުގެ އިސްލާމީ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ވެސް ވާހަކަ ދެކެވުނުއިރު އެ ގައުމުގެ ފަރާތުން ރާއްޖެއަށް ހުރިހާ ދާއިރާތަކުން ފޯރުކޮށްދޭ އެހީތެރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ