ހެލްތު ސެންޓަރުގައިހުރީ ބަލިމީހުން ބެލުމުގެ ތަޖުރިބާހުރި ޑޮކްޓަރެއްް ނޫން: ކުރެންދޫ ރައްޔިތުން

ޅ.ކުރެންދޫ ހެލްތް ސެންޓަރުގައި ބަލިމީހުންނަށް ފަރުވާ ދިނުމަށްޓައި ހުރި ޑޮކްޓަރަކީ "ބަލި މީހުން ބެލުމުގެ ތަޖުރިބާހުރި" ޑޮކްޓަރެއްް ނޫން ކަމަށް އެރަށުގެ ގިނަ ރައްޔިތުން ބުނެފި އެވެ.
ވީނިއުސްއާ ވާހަކަ ދައްކަމުން ކުރެންދޫ ރައްޔިތަކު ބުނީ، ފާއިތުވި ދެހަފްތާ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ބޭރަށް ހިންގާ ހޮޑުލެވި، ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން ބޭސްތަކެއް ދިނުމަށްފަހު އެޑްމިޓްކުރާ ކަމަށާއި ދެން ރަނގަޅު ނުވުމުން ބަލިމީހާ ނުވަތަ ބަލިކުއްޖާ ފޮނުވާލަނީ ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ކަމަށެވެ. އަދި ކުދިކުދި އާންމު ބަލިތައް ބެލުމުގައި ވެސް ޑޮކްޓަރުގެ ފަރާތުން އެދެވޭ ފަރުވާއެއް ނުލިބޭ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.
މިކަމާއި ގުޅޭގޮތުން ވީނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ކުރެންދޫ ހެތްލް ސެންޓަރ ހިންގުމާއި ހަވާލުވެ ހުންނެވި، އިބްރާހިމް މުޙައްމަދު ކޮޔެ ވިދާޅުވީ، ޑޮކްޓަރުގެ ފަރާތުން ބަލިމީހުން ބެލުމުގައި ފަރުވާކުޑަކަން ފާހަގަ ވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯދާ ދިނުމަށް މިހާރުން މިހާރަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި ކުރެންދޫ ހެލްތު ސެންޓަރަކީ ނައިފަރުގައި ހުންނަ ހޮސްޕިޓަލްގެ ބެލުމުގެދަށުން ހިންގާ ތަނެއް ކަމަށާއި ރައްޔިތުންގެ ފަރާތުން ލިބެމުން މިދާ ޑޮކްޓަރުގެ ސަކުވާތައް މިހާރު ވާނީ ނައިފަރު ހޮސްޕިޓަލަށް އަންގާފައި ކަމަށްވެސް އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.
އިބްރާހިމް މުހައްމަދު ވިދާޅުވީ، މިވަގުތު ހުރި ބަންގްލަދޭޝްގެ ޑޮކްޓަރު ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ކުރިއަށް މިއޮތް ތިންދުވަސް ތެރޭގައި އެހެން ޑޮކްޓަރެއް ކުރެންދޫއަށް އަންނާނެ ކަމަށް ނައިފަރު ހޮސްޕިޓަލުން މިހާރު އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން އިބްރާހިމް މުހައްމަދު ވިދާޅުވީ، ކުރެންދޫ ހެލްތު ސެންޓަރުގައި ބަލިމީހުން އުފުލަން ބޭނުންކުރާ އެމްބިއުލެންސް ވެސް އޮތީ ހަލާކުވެފައި ކަމަށާއި އެހެންކަމުން އެމްބިއުލެންސެއް ވެސް ވީހާވެސް އަވަހަކަށް ބޭނުން ވާކަމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު ވަނީ އަންގާފައި ކަމަށެވެ.
ކުރެންދޫ ހެލްތު ސެންޓަރުގައި ބޭނުން ކުރަމުން އަންނަނީ މީގެ ހަތްއަހަރު ކުރިން އެރަށަށް ސަރުކާރުން ގެންގޮސްފައިވާ އެމްބިއުލެންސްއެއް ކަމަށްވީއިރު، އެ އެމްބިއުލެންސް މިހާރު އަބަދުވެސް އޮންނަނީ ހަލާކުވެފައި ކަމަށް އެރަށު ރައްޔިތުން ބުނެއެވެ.
ޖުމްލަ 31 މުވައްޒަފުން ކުރެންދޫ ހެލްތު ސެންޓަރުގައި ވަޒީފާ އަދާކުރަމުން އަންނައިރު، އޭގެތެރޭގައި އެއް ޑޮކްޓަރާއި، އަށް ނަރުހުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ