ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަށް އުއްތަމަ ފަނޑިޔާރު އިންޒާރުދިން މައްސަލައެއް ބަލަނީ
ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަށް އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ. ޖޭއެސްސީއިން މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމަށް ފަހު މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޭއެސްސީގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ގަވައިދު ތަކަށާއި އުސޫލުތަކަށް އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލަށް އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އަންގާފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލްގެ މަސައްކަތަށް އުއްތަމަ ފަނޑިޔާރު ހުރަސް އަޅުއްވާފައިވާ ކަމަށްވެސް ޖޭއެސްސީއިން ބުންޏެވެ. "ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި. ޑީޖޭއޭއާ ގުޅިގެން ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ބަޣާވާތެއް ކުރައްވަން އުޅުއްވާކަމަށް ތުހުމަތުކުރައްވައި ޑީޖޭއޭ އާ އެއްވެސް މުއާމަލާތެއް ކޮށްފި ނަމަ މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލްއަށް ދީފައިވޭ." ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ. އެ އިންޒާރާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ ގިނަ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ޖޭއެސްސީއިން ދިން ނަސޭހަތް ގަބޫލު ނުކުރި މައްސަލައެއްވެސް ހިމެނެ އެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ އެހެން ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއްވެސް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ