ވަރލްޑް ކަޕް 2018 ގެ ސެމީގައި ހުސް ޔޫރަޕް ޓީމުތަށް

ރަޝިއާގައި ކުރިއަށްދާ ވަރލްޑް ކަޕް 2018 ގެ ސެމީ ފައިނަލް ބުރު މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި އެއްކޮޅުން ފްރާންސާއި ބެލްޖިއަމް ވާދަކުރާއިރު، އަނެއް ކޮޅުން ބައްދަލު ކުރާނީ ކްރޮއޭޝިއާ އާއި އިންގްލެންޑްއެވެ.މިއަހަރުގެ ސެމީ ފައިނަލްގެ މެޗުތަކަށް ބަލާއިރު ފްރާންސާއި ބެލްޖިއަމްއަކީ ގިނަ މީހުންގެ ނަޒަރުގައި އުނދަގޫ މެޗުތަކަކުން މޮޅުވެގެން ސެމީއަށް ދަތުރުކޮށްފައިވާ ދެ ޓީމެވެ. އެހެން ކަމަށްވުމާއެކު މުބާރާތުގެ ޗެމްޕިއަންކަން މިއަހަރު ނަގާނީ ވެސް މި މެޗުން މޮޅުވާ ޓީމެއް ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ދަނީ ލަފާ ކުރަމުންނެވެ.އަނެއް ކޮޅަށް ބަލާއިރު އިންގްލެންޑުން ވަރލްޑް ކަޕް މުބާރާތެއްގެ ސެމީއަށް ދަތުރުކޮށްފައިވަނީ 28 އަހަރުގެ ދިގު މުއްދަތަކަށް ފަހުގައެވެ. އަދި މިއީ ކްރޮއޭޝިއާ މި މުބާރާތުގެ ސެމީއަށް ދަތުރުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ވަރލްޑް ކަޕެއްގެ ސެމީއަށް އެ ޓީމު ދަތުރުކޮށްފައިވަނީ 1998 ވަނަ އަހަރުގައެވެ.މިއަހަރުގެ ވަރލްޑް ކަޕަކީ މި މުބާރާތް ބާއްވަން ފެށި ފަހުން ސެމީ ފައިނަލްގައި ޔޫރަޕުގެ ހަތަރު ޓީމު ވާދަ ކުރާ ފަސްވަނަ ވަރލްޑް ކަޕެވެ. އެންމެ ފަހުން މި މުބާރާތުގެ ސެމީ ފައިނަލެއްގައި ޔޫރަޕްގެ ހަތަރު ޓީމު ވާދަކޮށްފައިވަނީ 2006 ވަނަ އަހަރުގައެވެ.އެ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލި ކުރުމަށްފަހު މުބާރާތުގެ ތަށި އުފުލާލީ އިޓަލީއެވެ. އަދި ޕޯޗުގަލް މައްޗަށް ކާމިޔާބު ހޯދައިގެން މުބާރާތުގެ ތިންވަނަ މަޤާމު ލިބިފައިވަނީ ޖަރމަނީއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ