30 ވަނަބައި
މޭޒު ވަށައިގެން ތިބި އެންމެންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ސަވާނާއަށް ބަލައިލެވުނީ އޭނާގެ ބައްޕަގެ މޫނަށެވެ. ގިޔާދާ އިސްޖަހައިލީ، ލަދުންނެވެ. ރާނިޔާގެ އިހުސާސްތައް ތަރުޖަމާކުރާން އެވަގުތު އިނގޭނީ އޭނާގެ އިތުރުން، ނަވީންއަށެވެ.
"މިގޭގައި ހުރެގެން، މަންމައާއި ބައްޕަގެ މާޒީގެ ދޮރުފަތުގައި ޓަކިޖެހުމުގެ ޝައުގުވެރިކަމެއް ނެތް" ފަރުވާކުޑަކޮށް އީތަން ބުނެލިއެވެ. ނަވީން އުއްމީދުކުރި އެއްވެސް އަސަރެއް އީތަންގެ މޫނުމަތީން އޭނާއަށް ނުފެނުނެވެ. ހުޅުވާލަން ބޭނުންވި ޞަފުހާގެ ކަނުން، ތަންކޮޅެއް ލަންބާލައިގެން އިންތިޒާރުގެ ވަގުތުތައް ގުނާތާ، ދުވަސްކޮޅެއްވެއްޖެއެވެ. ރަގަޅު ފުރުސަތެއް ނަވީންއަށް ނުލިބިފައެވެ.
"މިގޭން ނޫނީ، އެމާޒީގެ ސަފުހާއަކުން އެންމެ އަކުރެއްވެސް އީތަންއަށް ނުފެންނާނެ.. އެއަޑުތައް އީތަންއަށް އިވޭނީ މި ބައްޕަ ބުނެދިނިއްޔާ!" އަޑަށް ބާރުލާފައި ނަވީން ބުނެލިއެވެ. މޭގައި ޖައްސާލި އިނގިލީގައި ބާރެއްހުރިކަން އިނގޭނީ އީތަން ބަލައިލިނަމައެވެ.
އީތަންގެ އުމުރުން އެންމެ ތުއްތު އިރުންފެށިގެންވެސް އެމީހަކަށްޓަކައި އީތަން އެންމެ ފަޚުރުވެރިވާ އިންސާނަކީ އޭނާގެ ލޮބުވެތި ބައްޕައެވެ. ބައްޕައާއި ބެހޭގޮތުން ނުރަނގަޅު ކިތަންމެ ވާހަކައެއް ދެއްކިޔަސް، އީތަން ގަބޫލެއްނުކުރާނެއެވެ.
"ބައްޕައަކީ އަހަރެންގެ ފަޚުރު!" ރާނިޔާގެ މޫނަށް ބަލައިލަމުން އީތަން ބުނެލިއެވެ.
ހަގީގަތުގައި ރާނިޔާގެ ހުރި ހަމައެކަނި ދަރިފުޅަށްޓަކައި އޭނާ ފަޚުރުވެރިވެ، އުފާކުރަންވީ މިވަގުތުއެވެ. ބައްޕައަށްޓަކައި އީތަންގެ ހިތުގައި އެވަރުގެ ލޯތްބެއް އަށަގެންނެވުމަށް، ރާނިޔާ ދުވަހެއްގައިވެސް މަސައްކަތްކޮށްފައެއް ނުވެއެވެ. ނަމަވެސް ދަރިފުޅުގެ ހިތުގައި ބައްޕައަށްޓަކައި އޮތް މަތިވެރި ދަރަޖަ އެނގުމުން، މަންމައަކަށްވުރެން އުފާކުރާނެ އެހެން އިންސާނަކު ވާނެތޯއެވެ؟
"ތިނޫން ވާހަކައެއް ނުބުނަން.. އެކަމަކު ބުނެދޭން ބޭނުމީ، ލޯބީގެ ބިނާއަކީ ކައިވެނީގެ ކުރީން ނުވަތަ ފަހުން، އިމާރާތްކުރެވޭނެ އެއްޗެއްކަން އަހަރުމެންނަކަށް ނުނިންމޭނެޔޭ.. އީތަންގެ ހަޔާތުގައި ތިޔަބުނާކަހަލަ އަންހެނަކު ހުއްޓަސް، އޭނާއަށްވުރެން ބޮޑަށް، ސަވް އީތަންދެކެ ލޯބިވޭ.. އެހެންވީމައި ކައިވެނިކުރުމަށް ހުރަސްއެޅުން ރަގަޅެއްނޫން.. ބައްޕަމެން ހުރިހާ ކަމެއްގައި އެހީތެރިވެދޭނަން.. މިކަން ނުހުއްޓުވޭނެ" ނަވީން ބުނާން ބޭނުން ބައިވަރު ވާހަކަ އެބަހުއްޓެވެ. ނަމަވެސް އެވާހަކަތައް ދައްކަން އޭނާއަށްވެސް ފަސޭހައެއް ނޫނެވެ. އީތަން ހިތްހަމަނުޖެހުނެވެ. ނަފުރަތުގެ ބެލުމަކުން ނަވީންއަށް ބަލައިލީ، އިންޒާރަށް ނޫނެކޭ ބުނުމަށެވެ.
"އެހެންމީހުންގެ ދިރިއުޅުމަށް ނުފޫޒުފޯރުވުމަށްވުރެން، އަމިއްލަ އަންހެންދަރިފުޅަށް ކަމުދާނެ ފިރިހެނަކު ހޯދަން މަސައްކަތްކުރިއްޔާ ރަގަޅު ނަތީޖާއެއް ލިބިދާނެ.. އެމީހަކީ އަހަންނެއް ނޫން" ހިތްހަމަނުޖެހުން އީތަންގެ ލޮލުން ވަރަށް ސާފުކޮށް ފެނެއެވެ.
"ތިކަމަށް ގޮތެއް ނިންމާނީ މިވަގުތަކުނޫން.. އެކަމަކު ލޯތްބަކީ ކައިވެނީގެ ކުރީން މުހިއްމު އެއްޗެއް ނޫންކަން އީތަންއަށް ބުނެދޭން ބޭނުން! އަހަރެން އުއްމީދުކުރަނީ ކޮންމެވެސް ދުވަހަކުން 'މިދިރިއުޅުމުގެ ހަގީގަތް' އީތަންއަށް ކިޔައިދޭނެ ހިތްވަރު ރާނިޔާއަށް ލިބޭނެކަމަށް" ނަވީން ތެދުވިއެވެ. ހައިރާންކުރުވި މަންޒަރަކީ، ރާނިޔާގެ ހަމަހިމޭންކަމާއި، ގިޔާދާގެ ކަރުނައެވެ. މި ދިރިއުޅުމޭ ބުނެލަމުން ރާނިޔާއަށް ނަވީން ބަލައިލި ނަޒަރެވެ. އެތައް ސުވާލެއް އީތަންއަށް އުފެއްދި ދާނެއެވެ. ނަމަވެސް ޝައުގުވެރިކަމެއްނެތެވެ.
"މަންމައާއި ބައްޕަގެ ހަޔާތުގެ ފެށުން އަދި ނިމުން އަންނަ ގޮތެއްގެ ނަކަލު، އަޅުގަނޑުގެ ހަޔާތުން ތަކުރާރުވާކަށް ނުޖެހޭ.. އިންޝާﷲ އަޅުގަނޑުގެ ހަޔާތުގެ ހުންގާނުގައި ހިފާނީ، އުޅުންހުރި އަދި އަޚްލާގީ މިންގަނޑުން އަޅުގަނޑު ފަޚުރުވެރިވާނެ އަންހެންކުއްޖެއް.. އެއީ ރޭގަނޑުގެ މެންދަމު ނިވާކަން ކުޑަގޮތަކަށް ހިލޭ ފިރިހެނެއްގެ ކޮޓަރިއަށް ވަންނާނެ އަންހެންކުއްޖަކަށްނުވާނެ" ސަވާނާގެ މޫނަށް ބަލަންއިނދެ، އީތަން ބުނެލިއެވެ. ސަވާނާގެ ރުޅިގަނޑު އޭނާއަށް ކޮންޓްރޯލް ކުރެވޭނެކަމަށް ޚުދު އޭނާއަށްވެސް މިވަގުތު ގަބޫލެއްނުކުރެވެއެވެ. ދަތްކުނޑިވިކާލާފައި ދެބުމަގޮއްޖަހާލާފައި އީތަންއަށް ސަވާނާ ބަލައިލީ، ދުވަހަކުވެސް އީތަންއާއި ދިމާއަށް ބަލާފައިނުވާ ބެލުމަކުންނެވެ.
"އަހަރެންގެ ހަށިގަނޑުގައި ވިންދު ހުއްޓައި، އީތަން ނޫން މީހަކާއި ކައިވެނި ނުކުރާނަން" ބަދަލުހިފުމުގެ ބުނެލުމެކެވެ. އަތުގެ ކޮޅަށް ކާތަށި ހޫރާލުމަށްފަހު ސަވާނާ ދުއްވައިގަތީ ކޮޓަރިއާއި ދިމާއަށެވެ. އޭނާގެ އެހަރަކާތުން، އީތަން ނޫން އެހެން އެންމެންނަށް އަސަރުކުރިއެވެ. ނަމަވެސް އެމަންޒަރަކީ އީތަންއަށް ޝައުގުވެރިކަމަކަށް ނުވިއެވެ.
"އީތަންގެ މައްސަލައަކީ ކޮބައިތަ؟" ރާނިޔާ ހިތްހަމަނުޖެހުނީއެވެ.
"މަންމަގެ މައްސަލައަކީ ކޮބައިތަ؟ މަށަކަށް ނުވިސްނޭ، މަޖުބޫރުކޮށްގެން މަ ބޭނުންނުވާ މީހަކާ ކައިވެނިކުރުވުމަށް ތިވަރަށް ވިއްދާފައި ތިތިބީ ކީއްވެކަމެއް؟ އަހަރެންގެ ބައްޕަ ނޫން އެހެން އެންމެން ހީވަނީ ބޮޑު ރޭވުމެއްގެ ދަށުން، ކަންތައްގަނޑެއް ނިންމާލަން އުޅޭހެން" މަންމަގެ ކުރިމަތީގައި ދުވަހެއްގައިވެސް އީތަން ވާހަކަދައްކާފައިނުވާހައި ހަރުކަށިކޮށް ވާހަކަދެއްކިއެވެ. އަދަބު އިހުތިރާމް އެދަރިފުޅުގެ ކިބައިން ނެތުނީ ކީއްވެކަން ރާނިޔާއަށް ވިސްނޭނެނަމައެވެ.
"މައިންބަފައިންގެ ކުރިމަތީގައި ތިގޮތަށް ދަރީން ވާހަކަދެއްކުން ރަގަޅެއްނުވާނެ" ނަވީން ބުނެލިއެވެ. އިސްޖަހައިލައިގެން ހިމޭނުން އިނީ ގިޔާދާއެވެ. ބުނާނެ އެއްޗެއްވެސް ބުނެވޭނެ އެއްޗެއްވެސް ނެތެވެ. އެވާހަކައަށް ގިޔާދާގެ ހައްގެއް ނެތީކަމަށް ވެދާނެއެވެ.
***
އަރާމުނިދީގައި ޔާދު ފީނަނީއެވެ. ހަޔާތުގެ ކޮންމެވެސް ސަފުހާއަކުން ރީތި މަންޒަރުތަކެއްގައި ސިކުނޑީން ކުލަޖައްސަނީއެވެ. ޔާދު އެއޮތީ ފުން ނިންޖަކުން ނިދާލާފައެވެ. ދޭތެރެއަކުން ހިނިތުންވަނީ، ޔާދު ބޭނުންވާ ކުލަ އެމަންޒަރަކަށް ފުރިހަމަކުރެވުނީމާ ކަމަށް އެލީއަށް ޝައްކުކުރެވެނީއެވެ. ތެދެކެވެ. ޔާދުއަކީ ފިރިހެންވަންތަ އެތައް ސިފައެއް ފުރިހަމައަށް ލިބިފައިވާ ރީތި ފިރިހެނެކެވެ. ކިތަންމެ ވަރަކަށްވެސް ޔާދުއަށް މިރޭ އެލީ ބަލައިފިއެވެ. ތަކުރާރުކޮށް ޔާދުގެ ރީތިކަމަށް މިރޭ ބެލިއްޖެއެވެ. އެލީއަށްވުރެން އެތައް ގޮތަކުން ޔާދު ފުރިހަމައެވެ. މިރޭވެސް ޔާދުގެ ދިރިއުޅުމުން އެލީ އެކަހެރިކޮށްފިނަމަ، ނިކަމެތިކަން ލިބޭނީ އެލީއަށެވެ. އެލީއަށްވުރެން އެތައްގޮތަކުން ފުރިހަމަ ކިތަންމެ އަންހެންކުއްޖަކު ޔާދުއަށް މަރުހާބާކިޔާނެއެވެ. މިހަގީގަތް އެލީގެ ސިކުނޑި ހަލަބޮލިކުރަނީއެވެ. ދެމަފިރިންގެ ދެމެދަށް ހުރަސްކޮށްލާފައި އޮތް ބާލީސް، ވަރަށް ފަރުވާތެރިކަމާއެކު އެލީ ދަމައިގަތެވެ. ބާލީހުގެ ލޮޅުމަކުން ޔާދުއަށް ހޭލެވިދާނެކަމަށް ވަރަށް ވިސްނައިގެންނެވެ.
ޔާދުގެ ނޭވާގެ ހޫނުކަން އިހުސާސްނުވާތާ ވީދުވަހެއް އެލީގެ ހަނދާނުގައި ނެތެވެ. ލިބުނު އަރާމުގައި އެލީގެ އެސްފިޔަތައް ލެއްޕިގެންދިޔައީ ދެއަތުގެ އިނގިލިތަކުގައި އަމިއްލަ އިޚުތިޔާރެއް ނެތުމުންނެވެ. ޔާދުގެ ދެކަންފަތުގެ ކައިރީން އިނިގިލިތައް ބީއްސާލެވުނީ ޖަޒުބާތުތައް މަޖުބޫރުކުރާތީއެވެ. އިޚްތިޔާރުން ބޭރުން ހަރަކާތްތައް ހިނގާކަން އެލީއަށް އިހުސާސެއްނުވެއެވެ.
"އެލީ..!" ޔާދުގެ ލޯ ހުޅުވުމާއެކު އުފެދުނީ ސުވާލުތަކެކެވެ.
"ޝްޝްޝްޝ..." ޔާދުގެ ތުންފަތުގައި އެލީގެ އިނގިލި ހުރަސްކޮށްލިއެވެ.
އެލީގެ އިސްނެގުމަކަށް ނޫނެކޭ ބުނުން ޔާދުއަށް މިވަގުތު ފަސޭހައެއް ނޫނެވެ. އެކަން އެގޮތައް ކުރާން ބޭނުމެއްވެސް ނޫނެވެ. އަނބިމީހާގެ ހަށިގަނޑުގައި ޔާދުގެ ދެއަށް ވަށައިލިއެވެ. ފަހަކަށްއައިސް، އެފަދަ ރައްކާތެރިކަމެއް އެލީއަށް، ޔާދުގެ ކިބައިން އިހުސާސްކޮށްދީފައެއް ނެތެވެ. އެފަދަ ފުރުސަތެއް އެލީ ދީފައިވެސް ނެތީއެވެ.
***
މެންދަމުގެ ހަމަހިމޭންކަމުގައި ގަޑީގެ ސިކުނތުކަށީގެ ތެޅުމަކީވެސް ނުތަނަވަސްކަމެކެވެ. މާޔާގެ ތުނަވަސްކަމަށް އޭނާގެ ހިމޭން ކަރުނަތައް ހެކިވާނެއެވެ. ސިކުންތުކަށީގެ އިތުރުން މާޔާގެ ނޭވާގެ އަޑާއި ގިސްލުމުގެ އަޑު ނޫނީ ކޮޓަރިތެރޭގައި ނުވެއެވެ. އެއާކޯންގެ ފިނިކަމާއި ފަންކާގެ އަޑުވެސް މާޔާއަށް މިރޭ ހިތްހަމަޖެހުމެއް ހޯދައިނުދިނެވެ. އިރުއޮއްސުނީންސުރެން އީތަން އޮންލައިން ނުވެއެވެ. އޮފްލައިން މެސެޖް ކިތަންމެ ވަރަކަށްވެސް މާޔާ ފޮނުވައިފިއެވެ. އީތަން ހޯދަން މާޔާ ގުޅާނީ ކާކަށް ހެއްޔެވެ؟ ވިސްނާ ވިސްނާ ސިކުނޑިއަށް ބާރުބޮޑުވެއްޖެއެވެ. އަތުން ފޯނު ދޫކޮށްނުލެވުނެވެ. ސްކްރީން އޮންކޮށްލެވެނީ މިނެޓަކު އެތައް ފަހަރަކުއެވެ. ލޯބިވާގެ ޚަބަރެއް ވޭތޯއެވެ. ހިތުގައި ޝަކުވާ ގިނަވަނީއެވެ. އެނދުގެ މަގަތުގައި ކަނދުރާ އަޅުވާލައިގެން ޓައިލްސްމަތީގައި މާޔާ އެއިންނަނީ އުނަގަނޑަށް ތަދުއެރީމައިވެސް ނުތެދުވާށެވެ. ނަމަވެސް ފާޚާނާއަށް ނުވަދެ ކެއްނުވާވަރު ވުމުން ތެދުވިއެވެ. ސްވިޗެއް އޮންކޮށްލީ ކޮޓަރީގައި އަލިކަމެއްހުރުން މިވަގުތަށް މާޔާއަށް މުހިއްމުވާތީއެވެ. އެނދުމައްޗަށް ފޯނު އެއްލަމުންވެސް ފޯނަށް ބަލައިލިއެވެ. އެއީ އާދޭހުގެ ބަލައިލުމެކެވެ.
ފަސް އެނބުރި ދެފަހަރު ބަލައިލިއެވެ. ފާޚާނާގެ ދޮރުން ލެއްޕޭ ނުލެއްޕޭވަރުގައި ހުއްޓައި މެސެޖްގެ އަޑު އިވުނެވެ. ދުވެފައި ދިޔައީ ފޯނާއި ދިމާއަށެވެ. ހެޑްސެޓް ޖަހާލުމަށްފަހު ގުޅާލިއެވެ. މެސެޖަކުން މިވަގުތަށް ނުފުދޭނެތީއެވެ. އީތަންގެ ޚަބަރެއްނުވެ މާގިނައިރުވީއެވެ.
"ހެއި މައި ލަވް.. ކޮންއިރެއް؟ ކިހިނެއްވީ؟ ކޮންތާކު އުޅެފައި ތިއައީ؟" މާޔާގެ ނުތަނަވަސްކަން އީތަންއާއި ހަމައަށް އަންނާނީ ކިހިނެއްކަން މާކުރީން އީތަންއަށް އިނގެއެވެ.
"ގޭގައި.. ބޭރަކަށްވެސް ނުނިކުންނަން! އަމިއްލަ، ހަމަހިމޭން ވަގުތުކޮޅެއް ބޭނުންވީމައި، އޮންލައިންވެސް ނުވީ" އީތަން ބުނެލިއެވެ. ޝަކުވާކުރާނެ އެތައް ސަބަބެއް މާޔާއަށް އެބައޮތެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް މާޔާގެ ފަރާތުން އީތަންއަށް ކުރިމަތިނުވެއެވެ. އެހެން މީހުންގެ ސަބަބުން މާޔާއަށް ނުތަނަވަސްކަން ދިނުމަށް އީތަންއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟
"ބުނެދެވިދާނެތަ؟" އާދޭހުގެ ބުނެލުމެކެވެ. މާޔާގެ ލޮލުގެ ކަރުނަ ނުފެނަސް، އެވަގުތު ލޯބިވެރިޔާގެ ހިތާއި ނަފުސުގައި ހިނގާނެ ހުރިހާ ޚިޔާލްތަކެއް އީތަންއަށް އިހުސާސްވެއެވެ.
"ބޭނުން! ސުވާލު ނުކުރިޔަސް ހުރިހާ އެއްޗެއް ބުނެދޭން ބޭނުން.. އޭގެކުރީން އަހަރެން މިތަނުން ސަލާމާތްވުންވެސް ވަރަށް މުހިއްމު.. މަށަކަށް ނުވިސްނޭ، މި އެންމެން ސަވާނާއާއި ދެވަން، މިވަރު އަރުވާލާފައި އުޅެނެޖެހޭ ސަބަބެއް.. ބޮލަށް އުނދަގޫވާ ކަމެއްނޫނީ ރެއާއި ދުވާލުން އެއް ފަހަރުވެސް މިތަނުގައި ދިމާނުވޭ" އީތަންގެ ނުތަނަވަސްކަމުގެ އިހުސާސް މާޔާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގައި ވެއެވެ.
"ހެޔޮނުވާނެ އާދެބަލަ! އަހަރެންގެ ސިކުނޑި ފަޅައިގެން ހިނގައިދާނެ.. ތިތަނުން އީތަންއަށް ސަލާމަތެއް ނުވެވޭނެ.. އެންމެފަހުން އޭނަޔާއި ކައިވެނިވެސްކުރާނެ.. އަހަރެން ދޫކޮށްލާނެ!" މާޔާއަށް ރޮވުނީއެވެ.
"ދެން ނުބުނައްޗޭ ތިހެން! އަހަރެންދެކެ މާޔާވަނީ ތިޔަ ހީކުރާވަރުގެ ބަލިކަށި ލޯތްބެއްނޫން.. މާޔާގެ ތި ޤުރުބާނީ އަހަރެންގެ ހަޔާތުގެ ކޮންމެ މިނެޓަކު އަގުވަޒަންކުރާނަން.. މިހިތުގައި އެންމެ ވިންދެއް ހުއްޓައިވެސް އަހަރެންގެ ހިތާއި މާޔާއާއި ވަކި ނުކުރެވޭނެ.. އެކަމެއް ނުވާނެ!" ޔަގީންކަމުން ފުރިގެންވީ ބުނެލުމެކެވެ. ކުރިމަތީގައި ހުރިނަމަ މާޔާގެ ދެލޮލުގެ ކަރުނަތައް އީތަންގެ ދެތުންފަތުގެ އެހީގައި ނެތިކޮށްލާނެކަން މާޔާއަށް އިނގެއެވެ.
"ތިއަތުގެތެރޭގައި އެހެން އަންހެނަކު... އާހހހހް.. ކެތެއްނުވާނެ" މާޔާގެ ހަށިގަނޑުން ބާރު ދޫވީއެވެ. އެނދުމަތީގައި ފޯނުހިފައިގެން އޮށޯވެލީ ކޮޅަށް ހުންނާނެ ބާރެއް ނެތީތީއެވެ.
"ކުޑަވަގުތުކޮޅެއް.. ކުޑަކުޑަ ވަގުތުކޮޅެއް އަދި ބޭނުން.. މަންމައަށްވެސް ދުނިޔެ ދައްކާލަން އެބަޖެހޭ.. ކިޔަމަންތެރިކަމާއި، އިހުތިރާމަކީ ދަރިންގެ ކިބައިން މައިންބަފައިން ޓެސްޓުކުރަން އޮތް، ހައްގެއްނޫންކަން އަހަރެންގެ މަންމައަށް އަންގާލާނެ ފުރުސަތެއް ބޭނުން..." އީތަންގެ ބޭނުމަކީ ކޮބައިކަމެއް މާޔާއަކަށް ނޭގެއެވެ.
-- ނުނިމޭ --
ފިރުމާލަދޭށޭ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ