ނަޝީދަށް އެއާޕޯޓު ރީތި ވާނީ އިގްތިސާދީ ކުރިއެރުން ގެނެސްދީފި ނަމަ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި އެ ތަނުގެ އާ ޓާމިނަލް ރީތި ވާނީ އެ ތަނުގެ ސަބަބުން އިގްތިސާދީ ކުރިއެރުން އައުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްތައް ނިމި، 26 ޖުލައިގައި ރަސްމީކޮށް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.
އާ ޓާމިނަލާ ބެހޭ ގޮތުން ނަޝީދު 'އެކްސް'ގައި ޕޯސްޓެއްގައި ކުރެއްވީ، އެ ތަން ފަރުމާކޮށްފައިވާ ފުރިހަމަކަމުން މީހުން ތައުރީފު ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ބުނީ ކީކޭ؟ - ނަޝީދުގެ ޕޯސްޓުގައި ވިދާޅުވީ ކޮންކްރީޓާއި ބިއްލޫރި އަދި ޕްލާސްޓިކުގެ އަވައިގައި ޖެހި، އެއީ ތަރައްގީ ކަމަށް ދެކޭ ނަމަ އެއީ ހަނި ވިސްނުމެއް ކަމަށެވެ.
"ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ވެސް ރީތި ވާނީ، ވަޅި ރީތީ ތޫނު ކަމަށް ބުނާ މިސާލުގައި،" ނަޝީދު ވިދާޅުވި އެވެ.
"އާ އެއާޕޯޓުގެ ސަބަބުން ޓޫރިސްޓުން އަންނަވަރު އިތުރުވާ މިންވަރާއި އިގްތިސާދު ކުރިއަރައި ދައުލަތުގެ އާމްދަނީ އިތުރުވެ، ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަ ނަމަ ވެލާނާ އެއާޕޯޓު ވަރަށް ރީތި."
ނަޝީދު މިސާލު ޖެއްސެވީ އަދަބީ ބަހުގެ ތެރޭގައި ހިމެނޭ 'ވަޅި ރީތީ ތޫނިއްޔާއެވެ. އަނބި ރީތީ ހެވިއްޔާ އެވެ' އިންނެވެ.
އެ ބަހުގެ މާނައަކީ ކޮންމެ އެއްޗެއް ވެސް ރަނގަޅުވުމަކީ އެ އެއްޗަކުން ހިފަންވާ ބޭނުން ރަނގަޅަށް ހިފުމެވެ.
ތަފްސީލު - ދައުލަތުން ހޭދަކޮށްގެން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއު ނިންމައި އާ ޓާމިނަލް ހުޅުވުން އޮތީ މި މަހު 26ގަ އެވެ.
މަސައްކަތް ފެށިތާ އަށް އަހަރު ފަހުން އާ ޓާމިނަލް ނިންމައި ހުޅުވާއިރު، އެ މަޝްރޫއުގެ އަގު މަދުވެގެން 430 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ)އަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ