އޭވިއޭޝަން ދާއިރާގެ ސަލާމަތީ ކަންކަމަށް ޚާއްޞަ މަސައްކަތްތަކެއް!

ރާއްޖޭގެ އޭވިއޭޝަންގެ ދާއިރާ ތަރައްޤީކުރުމަށް ކިތަންމެ ބޮޑު ޚަރަދެއް ކުރަންޖެހުނު ކަމުގައިވިޔަސް، ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދެއްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އައިލެންޑް އޭވިއޭޝަންގެ ސީޕްލޭނެއް ޓޭކް-އޮފް ކުރުމުގެ ތެރޭގައި ހިނގި ޙާދިސާއާއި ގުޅިގެން މީޑިއާތަކަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.
ނޫސްވެރިންނަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ސިވިލް އޭވިއޭޝަން ދާއިރާ، ވަކިން ޙާއްސަ ގޮތެއްގައި ސީޕްލޭންގެ އޮޕަރޭޝަންތައް ވަރަށް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. މުޅި ދުނިޔޭގައިވެސް ސީ-ޕްލޭންގެ އޮޕަރޭޝަންތައް އެންމެ ފުޅާ ދާއިރާއެއްގައި ހިނގަމުންދަނީ ރާއްޖޭގައިކަން ފާހަގަކުރައްވާ، މިނިސްޓަރ ވިދާޅުވީ، ވައިގެ އުނދުހުންތަކުގައި ދިމާވާ އެކި ކަހަލަ ޙާދިސާތަކަކީ، އެކަމުގެ ސަބަބުން ކުންފުނިތަކަށާއި، ވަކިން ޙާއްސަކޮށް ރާއްޖޭގެ އިޤްތިޞާދަށްވެސް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށްވާތީ، އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާ ޙަރުދަނާކުރުމަށް ސަރުކާރުން އަބަދުވެސް ޚާއްސަ އިސްކަމެއްދެއްވާކަމަށެވެ. އެގޮތުން ވައިގެ ދަތުރުފަތުރުތައް ކުރުމުގައި ދިމާވާ އެކްސިޑެންޓްތައް ވިހާވެސް މަދުކުރުމަށްޓަކާ، އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމެޓީއެއް އެކުލަވާލާ، "އޭވިއޭޝަން ސޭފްޓީ އެންޑް ސެކިއުރިޓީ" ގެ ކަންކަން ޙަރުދަނާކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
"ކޮންމެ އެކްސިޑެންޓެއް ދިމާވިކަމުގައިވިޔަސް އަޅުގަނޑުމެންގެ އެބައޮވޭ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމެޓީއެއް. ވަރަށް ޕްރޮފެޝަނަލް ބޭފުޅުން ހަރަކާތްތެރިވާ. ހަދިސާތައް ވީގޮތް ބަލައި، އަޅުގަނޑުމެންނަށް އެބޭފުޅުން ރިޕޯޓް ފޮނުވާނެ. ފޮނުވީމަ ސީދާ ރައީސްގެ ލަފާފުޅުގެ މަތިން ދެން އަޅަންޖެހޭ ފިޔަވަޅުތައް އޭގައި ހުންނަ ރިކޮމެންޑޭޝަންތަކާއި އެއްގޮތަށް އަޅަމުން މިދަނީ. މިފަދަ އެކްސިޑެންތަކުގެ ސަބަބުން އިޤްތިޞާދީގޮތުންވެސް އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވޭ. ވަރަށް ބޮޑެތި ގެއްލުންތަކެއްވޭ. ސީޕްލޭނެއްގެ އަގު 3 ލައްކަ ޑޮލަރަށްވުރެ މަތީގައި އުޅޭނީ . މީގެ މެނިފެކްޗަރިންގެ ލީޑްޓައިމް އަކީވެސް ވަރަށް ގިނަ ދުވަސް. މިހާރު ރާއްޖޭގެ ހައި-ސީޒަނަށްދާއިރު އަޅުގަނޑުމެންނަށް ސީޕްލޭނެއް އޮޕަރޭޝަނުން ބޭރުގައި ބާއްވަންޖެހުމަކީ އަސްލު ހަޤީޤަތުގައި ވަރަށް ބޮޑު ގެއްލުމެއް ކުންފުންޏަށްވެސް އަދި ރާއްޖޭގެ އިޤްތިޞާދަށްވެސް ކުރާނެކަމެއް. އެހެންކަމުން މިކަންތައްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންމިދަނީ" ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަންގެ ދާއިރާ ތަރައްޤީކުރުމަށް ކިތަންމެ ބޮޑު އިންވެސްޓްމަންޓެއް ކުރަންޖެހުނު ކަމުގައިވިޔަސް، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދެއްވާނެކަމަށެވެ. އަދި އެއީ މި ސަރުކާރުން އެއްވެސް ހާލެއްގައި ކޮމްޕްރޮމައިޒް ކުރާނެކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެން ވަރަށް ފުޅާކޮށް، ސޭފްޓީ އެންޑް ސެކިއުރިޓީއަށް ވަރަށް ބަލައިގެން ކުރިއަށްގެންދާ ކަންކަން. ދުނިޔޭގެ ޤައުމެއްގައި ފްލޯޓިންގ ޕްލޭނަކަށް މެއިންޓެނެންސްއަށް ހަރަދުކުރާ މިންވަރުގެ އަށްގުނަ ނުވަތަ ދިހަ ގުނައިގެ އަދަދެއް އަޅުގަނޑުމެން ރާއްޖޭގެ ސީޕްލޭނަކަށް އެބަ ހަރަދުކުރަން. އެހެންވެގެން ބައެއް ފަހަރު ތިބޭފުޅުންނަށް އިގިވަޑައިގަންނަވާނެ ރާއްޖޭގެ ސީޕްލޭނެއްގެ އަގު ވަރަށް ބޮޑު ވާހަކަ. ހަޤީޤަތުގައި އަގު މި ބޮޑުވަނީ ސޭފްޓީއަށް އަޅުގަނޑުމެން އެހާ ބޮޑު ހަރަދެއް ކުރަންޖެހޭތީވެ. އެއީ އެކަމު ރައީސް ޔާމިންގެ ވިސްނުންފުޅުގައި ރާއްޖޭގައި އެއްގޮތަކަށްވެސް ސިވިލް އޭވިއޭޝަންގައި. ކޮމްޕޮރޮމައިޒް ނުކުރާނެކަމެއް. ހަމައެހެންމެ އޭވިއޭޝަންގެ ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކާ އައިލެންޑް އޭވިއޭޝަނުންވެސް މިދިޔަ 4 ވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ބައިވަރު އިންވެސްޓްމަންޓްތައް ކުރެވިފައިވަނީ"  ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ސީޕްލޭންގެ ޙިދުމަތް ދިނުމަށްޓަކާ 60 ހަކަށް ސީޕްލޭން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާއިރު، އަހަރެއްގެ މައްޗަށް ރާއްޖޭގައި އެއް މިލިއަން ފަސިންޖަރުން ދަނީ މި ޙިދުމަތް ހޯދަމުންނެވެ. އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 50 ހާސް ސީ-ޕްލޭން މޫވްމަންޓްސްއެވެ. ފަތުރުވެރިންގެ މެދުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ރާއްޖޭގެ ސީޕްލޭންތަކުގެ އޮޕަރޭޝަންތަކަށް ދުނިޔޭގެ ފެންވަރުގެ ބޮޑެތި އެވޯޑްތައް ލިބިފައިވާއިރު، ބައެއް ބޮޑެތި ޤައުމުތަކުން، އެ ޤައުމުތަކުގައި ސީޕްލޭންގެ ޙިދުމަތް ތަޢާރަފުކުރުމުގައި ރާއްޖޭގެ އެހީތެރިކަން މިހާރުވެސް ހޯދަމުންދާކަން ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ