ފޯނު ބޭނުންކޮށްގެން ފައިސާ ދެއްކޭ ހިދުމަތް ބީއެމްއެލް އިން ތައާރުކޮށްފި


ފޯނު ބޭނުންކޮށްގެން ފައިސާ ދެއްކޭ “ބީއެމްއެލް މޮބައިލް ޕޭ” ގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.
އެ ހިދުމަތް ބޭނުންކުރެވޭނީ ފިހާރަތަކުގައި ހުންނަ ޕީއޯއެސް މެޝިންތަކާއި ސްމާޓު ފޯނު ބޭނުންކޮށްގެންނެވެ. މި ހިދުމަތަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ “ބީއެމްއެލް މޯބައިލް ޕޭ” އެޕްލިކޭޝަނެއް ފޯނަށް އަޅަންޖެހޭއިރު އެ އެޕްލިކޭޝަން ގޫގްލް ޕްލޭސްޓޯރުން ރޭން ފެށިގެން ޑައުންލޯޑު ކުރެވޭނެ ކަމަށާއި އެޕަލް އެޕްސްޓޯރުން މިއަދުގެ ވަގުތެއްގައި ޑައުންލޯޑު ކުރެވެން ފަށާނެކަމަށް އެ އެ ބޭންކުން ބުނެ އެވެ.
މި ހިދުމަތް ތައާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލް މޮބައިލް ޕޭގެ ހިދުމަތް ފިހާރަތަކާއި ކެފޭތަކާއި އާއިލާއާ ރަހުމަތްތެރިންނަށް ފައިސާ ފޮނުވުމުގައި ބޭނުން ކުރަން ޖެހުމުން ފައިސާގެ މުއާމަލާތްތައް  ކުރުމުގައި އަވަސްވެ ފަސޭހަ ވާނެ ކަމަށެވެ. އަދި މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން އެ ކުންފުނިން މޮބައިލް ބޭންކިންގެ ހިދުމަތް ތައާރަފްކުރި ދުވަހު ވައުދުވެފައިވާ ފަދައިގެން ހިދުމަތް ފަސޭހައިން ހޯދުމަށް ތައާރަފްކުރެވުނު އެޕްލިކޭޝަނެއް ކަމަށެވެ.
މޯބައިލް ޕޭ ހިދުމަތް ބޭނުންކުރުމަށް ކަސްޓަމަރުގެ މައި އެކައުންޓުން ފައިސާ ފޮނުވައިގެން ޕްރީޕެއިޑް އެކައުންޓެއް އުފައްދާ އެއަށް ޖަމާކުރަން ޖެހެ އެވެ. އެއަށް ފަހު އެ ކަސްޓަމަރެއްގެ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓު ކާޑު ބޭނުންކޮށްގެން ހިދުމަތަށް ރެޖިސްޓާ ކުރެވެ އެވެ. ރެޖިސްޓަރު ކުރުމުން ކަސްޓަމަރުގެ ބޭންކު ކާޑު މޯބައިލްޕޭ އެޕްއަށް އިންޓަގްރޭޓު ކުރެވެ އެވެ.
މި ހިދުމަތް ދެ ގޮތަކަށް ބޭނުން ކުރެވޭނެ ކަމަށް ބޭންކުން ބުނެ އެވެ. އެއީ ޕީއޯއެސް ޓާމިނަލެއްގައި ފޯނު ޖައްސާލައިގެން ފައިސާ ދެއްކޭގޮތް ނުވަތަ ޕީއޯއެސް ޓާމިނަލްގައި ފޯން ނަމްބަރު ޖަހައިގެން ޕީއޯއެސް އިން ފޯނަށް މެސެޖެއް ފޮނުވުމުން ފޯނުން އެ މެސެޖު ގަބޫލުކުރުމުން ފައިސާ ދެއްކޭގޮތެވެ.
މީގެ އިތުރުން ބީއެމްއެލް މޮބައިލް ޕޭގެ ހިދުމަތް ބޭނުންކޮށްގެން އެއް ކަސްޓަމަރަކު އަނެއް ކަސްޓަމަރަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ލިބޭނެ އެވެ.
މި ހިދުމަތް ރޭ ރަސްމީކޮށް ފައްޓަވައި ދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އާއި އެ ބޭންކުގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރު މުހައްމަދު ޝަރީފެވެ.
މި ހިދުމަތް ބީއެމްއެލްއިން ތައާރަފުކުރީ ސްރީލަންކާގެ ކުންފުންޏެއް ކަމުގައިވާ އެޕިކް ޓެކްނޮލޮޖީ ގްރޫޕުގެ ޓެކްނިކަލް އެހީތެރިކަމާ އެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ