ކަނޑިތީމު ދާއިރާގެ މެންބަރު އަދި މަޑަވެލި ދާއިރާގެ މެންބަރު ޕީޕީއެމް އަށް ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގައި 30 އަހަރު ހޭދަކުރައްވާފައިވާ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން އާއި މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އަށް ސޮއި ކުރައްވައިފިއެވެ.
ދެ މެމްބަރުން ޕީޕީއެމް އަށް ސޮއިކުރެއްވިކަން ހާމަކުރައްވާފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގުޅިގެން މިހާރު ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޚާއްސަ ޖަލްސާގައެވެ.
ދެ މެމްބަރުން މިވަގުތު ރާއްޖޭގައި ވަޑައިގެން ނެތުމުން ސޮއި ކުރެއްވިކަން ހާމަކޮށްފައި ވަނީ ވީޑިއޯ ޕްރެޒެންޓޭޝަނަކުންނެވެ.
ކަނޑިތީމު ދާއިރާއަށް މުހައްމަދު ހުސެއިން ކުރިމަތިލެއްވީ ސަރުކާރު ކޯލިޝަންގެ ފަރާތުން ޖޭޕީގެ ޓިކެޓުގައިއެވެ. އޭގެ ކުރިން އޭނާ ޑީއާރުޕީގައި ހުންނެވި ނަމަވެސް، ޑީއާރުޕީ ރޫޅި، އެކި މެމްބަރުން އެކި ޕާޓީތަކަށް ބަދަލުވަމުން ދިޔަ ދަނޑިވަޅުގައި މުހައްމަދު ހުސެއިން ޖޭޕީ އާއި ވަނީ ގުޅިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އިންތިހާބު ކާމިޔާބުކުރެއްވި މުއާޒް ފުރަތަމަ ސޮއި ކުރައްވާފައި ވަނީ ޖޭޕީ އަށެވެ. އެހެން ނަމަވެސް ޕީޕީއެމް އަށް ސޮއި ކުރައްވާފައި ވަނީ ޖޭޕީ އިދިކޮޅު އެމްޑީޕީއާއި ގުޅުމުގެ ސަބަބުންނެވެ.
މުއާޒް އާއި އެކު މަޑަވެލި ދާއިރާގެ ގިނަ އަދަދެއްގެ އާންމުން ވެސް މިރޭ ސޮއިކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއި އެކު ޖޭޕީގެ ބައެއް އާންމު މެމްބަރުންވެސް މިރޭ ޕީޕީއެމް އަށް ސޮއި ކުރާނެ ކަމަށްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ