ޝަރީއަތައް އަބްދުﷲ ގާޒީ ހާޒިރު ކުރަން ނިންމައިފި

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތައް އަބްދުﷲ ގާޒީގެ ހެކިބަސް ނަގަން ނުފެންނަ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނެފައި ވަނިކޮށް އަބްދުﷲ ގާޒީ ޝަރީއަތައް ހާޒިރުކުރަން މައްސަލަ ބައްލަވާ ފަނޑިޔާރުން ނިންމަވައިފި އެވެ.
މިގޮތައް ނިންމީ މިރޭ ކުރިއަށް ދިޔަ ޝަރީޢަތުގެ އަޑުއެހުން ނިންމަވާލައްވަމުންނެވެ. މިރޭގެ ޝަރީއަތުގައި ވަނީ ދައުލަތުން ހުށަހެޅި ހުރިހާ ހެއްކަކާ ގުޅޭގޮތުން ވާހަކަ ދައްކަވާ ނިންމާލާފައެވެ.
ދައުލަތުން ވަނީ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުކޮށް ދިނުމަށް ހެއްކެއްގެ ގޮތުގައި އެންމެ ފުރަތަމަ އަބްދުﷲ ގާޒީ ހުށަހަޅުއްވާފައެވެ. ނަމަވެސް ފަހުން ބޭއްވި ޝަރީޢަތެއްގައި ދައުލަތުން ވަނީ އަބްދުފ ގާޒީ ހާޒިރު ނުކުރިޔަސް އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ދައުލަތުގެ ވަކީލުން ވިދާޅުވީ އަބްދުﷲ ގާޒީގެ އަނބިކަބަލުންނާއި ދައްތަގެ ހެކިބަހުން ދައުވާ ސާބިތު ކުރަން ބޭނުންވާ ހެކި ލިބިފައިވާ ކަމަށާއި އެހެން ކަމުން އެމައްސަލައިގައި ހުށަހަޅާފައިވާ އަނެއް ދެބޭފުޅުންގެ ހެކިބަސް ނަންގަވަން ބޭނުން ނުވާ ކަމަށެވެ.
ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދައުލަތުން ހެކީން ހާޒިރު ކުރަން ބޭނުން ނުވި ނަމަވެސް، އެ ހެއްކަކީ ހާޒިރުކުރަން ޖެހޭ ހެއްކެއް ކަމަށް ޝަރީޢަތަށް ފެނިވަޑައިގެންފި ނަމަ، އެ ހެކީންވެސް ހާޒިރު ކުރައްވާނެ ކަަމަށެވެ.
އެގޮތުން މާދަމާރޭގެ އަޑުއެހުމަށް އަބްދުﷲ ގާޒީ ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ރައީސް ނަޝިދުގެ ފަރާތުން ހުށަހެޅުއްވި ދިފާއީ ހެކިން ޝަރީޢަތަށް ހާޒިރު ކުރަން ނުފެންނަ ކަމަށްވެސް ފަނޑިޔާރުން ވިދާޅުވިއެވެ.
އަބްދުﷲ ގާޒީގެ އިތުރުން ދައުލަތުން މީގެ ކުރިން ހެކީންގެ ގޮތުގައި ހުށަހަޅުއްވާފައިވާ އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ފަސީހާއި، އޭރުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް އަތީފްގެ އިތުރުން ވައިސް ވަހީދުގެ ހެކިބަސް ނުނެގިޔަސް އިއުތިރާޒެއް ނެތް ކަމުގައި ދައުލަތުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ