ޕީޕީއެމް ތެރޭގައި އެއްވެސް ބައިބައިވުމެއް ނެތް: މައުމޫން

ޕީޕީއެމްގެ ތެރޭގައި އެއްވެސް ވަރެއްގެ ބައިބައިވުންތަކެއް ނެތް ކަމަށް އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅު ވެއްޖެ އެވެ.
ޕީޕީއެމް އަށް ބައެއް ބޭފުޅުން ސޮއިކުރެއްވުމަށް މިއަދު ބޭއްވި ހަފުލާގައި، ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ތެރޭގައި ހިޔާލު ތަފާތުވުމަކީ ތަބީއީ ކަމެއްކަމަށާއި އެގޮތުން އެ ޕާޓީތެރޭގައި ވެސް ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް ޕާޓީތެރޭގައި ބައިބައިވުންތަކެއް ނެތް ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިޔާލު ތަފާތުވުން އޮތުމަކީ ތަބީއީ ކަމެއް. އަދި އެއީ މުއްސަނދިކަމެއް. އަޅުގަނޑުމެންގެ ޕާޓީއަކީ ވަރަށް ޑިމޮކްރެޓިކް އުސޫލުން ހިންގާ ޕާޓީއެއް. އެހެންވީމާ އެންމެންގެ ހިޔާލު އެއްކަމެއްގައި ވެސް ސަތޭކަ އިން ސަތޭކަ އެއްގޮތެއް ނުވާނެ. އެގޮތުން އަޅުގަނޑުމެންގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން އުޅޭނެ، އެހެން ޕާޓީތަކުގައި ވެސް ހިޔާލު ތަފާތުވުން އުޅޭނެ. އެއީ އެންމެ ރަނގަޅުކަމެއް،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ކަންކަން ނިންމާނީ އަބަދުވެސް އަޣުލަބިއްޔަތަށް ތަބާވެގެން ކަމަށާއި އެ ކަމުގައި އެ ޕާޓީގައި އެއްވެސް ވަރެއްގެ ހިޔާލު ތަފާތުވުމެއް ނެތް ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ ތޭރޭގައި އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އިއްތިހާދީ ސަރުކާރުގައި ހިމެނޭ ޕާޓީތައް އެއް ޕާޓީ އަނެއްޕާޓީ އަށް ދޭ ބަހުގެ ހަމަލާތަކުގެ ރައްދު ދިނުމުގެ މާބޮޑު ބޭނުމެއް އޮތް ކަމަށް ޕީޕީއެމުން ގަބޫލްނުކުރާ ކަމަށާއި މި ދަނޑިވަޅު ބޭނުންވަނީ ގައުމީ އެއް ބައިވަންތަކަމުގެ ސަރުކާރުގައި ހުރިހާ ޕާޓީތަކަކުން ވެސް އެއް އަޒުމެއްގައި މަސައްކަތް ކުރެއްވުން ކަމަށެވެ.
"އެހެން ޕާޓީއަކުން އަޅުގަނޑުމެންނާ ދޭތެރޭގައި ފާޑުވިދާޅުވެ، އެހެން ހައްދަވާފިއްޔާ އަޅުގަނޑު ދެކެނީ އެ ބޭފުޅުންގެ އަމިއްލަ ހިޔާލު ފާޅުކުރައްވަނީ ކަމަށް. އެކަމަކު އެއަކަށް އަޅުގަނޑުމެން ރައްދުދޭކަށް ބޭނުމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބުރާހިމް ޝަރީފު ވަނީ އިއްތިހާދުގެ ސަރުކާރުގައި ޕީޕީއެމް ތަމްސީލު ކުރާ ފޮރިން މިނިސްޓްރީގެ މަސައްކަތްތައް އެންމެ އެދޭވޭ ގޮތަށް ނުކުރެވޭ ކަމަށް ބުނެ ޕީޕިއެމަށް ފާޑު ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ބައެއް މީޑިޔާތަކުގައި މި ހަފުތާގައި ވިދާޅުވެފައި ވަނީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ދަރަނިތައް އަދާކުރުމަށް ސަރުކާރުގެ ތެރެއިން ސޮވެރިން ގެރެންޓީއެއް ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށާއި ގެރެންޓީ ސަރުކާރުގެ ތެރެއިން ނުލިބިއްޖެ ނަމަ ޑީއާރްޕީ ކޯލިޝަނުން ވަކިވުމަކީ ގާތް ކަމެއް ކަމަށެވެ.
ސަރުކާރުން ސޮވެރިން ގެރެންޓީއެއް ހޯދަން ތަސްމީން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަ އޭނާގެ ފަރާތުން ވަނީ ދޮގުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ