މައުމޫން އާއިލާ އާއި ހަވާލުކޮށްދެއްވުމަށް އެމްޑީޕީ އިން އެދިއްޖެ

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ އެމަނިކުފާނު އާއިލާއާ ހަވާލުކޮށްދެއްވުމަށް އެމްޑީޕީ އިން އެދިއްޖެއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މައުމޫންގެ ހާލުކޮޅު ގޯސްކަމަށް ރިޕޯޓުތައް ލިބެމުންދާތީވެ، ގުޅިފައިވާ ޕާޓީތަކުން އިންތިހާއަށް ކަންބޮޑުވާކަމަށެވެ. އަދި އެމަނިކުފާނަށް ބެނުންވާ ސިއްހީ ފަރުވާ މިހާރުން މިހާރަށް ފޯރުކޮށްދީ އެމަނިކުފާނު މިނިވަން ކުރުމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރައީސް މައުމޫން ޖަލަށްލުމަށްފަހުވެސް އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ގޯސްވުމާ ގުޅިގެން، އާއިލާގެ ފަރާތުން އެކިފަހަރުމަތިން އެމަނިކުފާނަށް އެކަށީގެންވާ ސިއްހީފަރުވާ ދެވޭނޭގޮތަށް، ވީ އެންމެ އަވަހަކަށް ގެޔަށް ބަދަލުކޮށްދިނުމަށް އެދުނު ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ސަރުކާރުން ދިނީ ބީރު ކަންފަތެއްކަމަށް އެމްޑީޕީން ބުންޏެވެ،
"އެހެންނަމަވެސް މިހާތަނަށްވެސް އާއިލާއާއި، ޤާނޫނީ ވަކީލުންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގޮވާލުންތަކަށް ސަރުކާރުން ވަނީ ބީރުކަންފަތެއްދީފައެވެ. ރައީސް މައުމޫނަށް ޖެހިފައިމިވާ އާލާސްކަނފުޅުގެ ސަބަބުން، ކުއްލިއަކަށް ވެއްޓި، ބޮޑެތި އަނިޔާތަށް ލިބުން އެކަށީގެންވެއެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ މާފުށީ ޖަލުގެ ޑަކްޓަރު ރައީސް މައުމޫން އާއިލާގެ އެހީ ލިބޭނެގޮތަށް ގެއަށް ބަދަލުކުރުމަށް ލަފާދިން ކަމަށެވެ.
އެހެން ނަމަވެސް ކަރެކްޝަންސް އޯތޮރިޓީއިންވަނީ އެމަނިކުފާނު މާލެ ހޮސްޕިޓަލަށް ގެންނަން އިންކާރުކޮށްފައިވާކަމަށާއި، އެ އޯތޮރިޓީއިން ރައީސް މައުމޫންއަށް ފަރުވާދޭން މާލެއިން ޑޮކްޓަރެއް ގެންދިއުމުން އެ ޑޮކްޓަރުވެސް ލަފާދީފައިވަނީ، ހާލަތުމިހެން ގޯސްވަމުން ދާނަމަ، ރައީސް މައުމޫން މާލެ ބަދަލުކުރުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ބުނީ، ރައީސް މައުމޫން އެކަހެރިކޮށް ބަންދުކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އެމަނިކުފާނު ސިއްހީ ހާލުކޮޅު ގޯސްވެފައިވާއިރުވެސް ޑޮކްޓަރުން އެދޭގޮތަށް، ސަރުކާރުން ކަންތައްތައްކޮށްފައި ނުވުމުން ދޭހަވަނީ މި ސަރުކާރުގެ އެއްވެސް އިންސާނިއްޔަތުކަމެއް ނެތްކަންކަމަށްވެސް އެމްޑީޕީން ބުންޏެވެ.
"މިފަދަ ދަނޑިވަޅެއްގައިވެސް އަނިޔާވެރިކަން އިސްނުކުރައްވައި ރައީސް މައުމޫނަށް ބޭނުންވާ އަވަސް ފަރުވާ ފޯރުކޮށްދީ، ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ރައީސް މައުމޫން މިހާރުން މިހާރަށް އާއިލާއާއެކު ފަރުވާ ހޯއްދެވޭނެ ގޮތަށް ޖަލު ބަންދުން މިނިވަން ކުރުމަށް ގޮވާލަމެވެ". އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ