ސިއްހީ ހާލުކޮޅު ގޯސްވެފައި ވަނިކޮށް އިއްޔެ ދޫނިދުއަށް ބަދަލުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އަނެއްކާ އަނބުރާ މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.
ރައީސް މައުމޫންގެ އާއިލާގެ ފަރާތުން މިއަދު ބުނީ، ބަލިހާލަތު ގޯސްވެފައި ވަނިކޮށް މައުމޫން އެއް ރަށުން އަނެއް ރަށަށް ލޯންޗުގައި ގެންދިޔުމަކީ އެމަނިކުފާނަށް އަނިޔާދިނުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މިދިޔަ އީދު ދުވަހު އެމަނިކުފާނުގެ ހާލުކޮޅު ގޯސްވުމާ ގުޅިގެން އިތުރު ފަރުވާއަށް މާލެއިން މާފުށްޓަށް ވަނީ ޑޮކްޓަރުންގެ ޓީމެއް ގެންގޮސްފައެވެ.
މީގެ އިތުރުން މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދޫނިދޫ ޖަލުން މާފުށީ ޖަލަށް އެމަނިކުފާނު އަނެއްކާ ބަދަލުކޮށްފި ކަމަށެވެ. އަދި އެމަނިކުފާނު މާފުށީ ޖަލަށް ބަދަލުކޮށްފައި ވަނީ، ދަތުރުފަތުރު ނުކުރުމަށް ޑޮކްޓަރުން ލަފާދީފައިވަނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
މައުމޫންގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަކިލް މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫން ދޫނިދުއަށް ގެންދިޔުމަށް ފަހު ފަރިއްކުޅުއްވަން ޑޮކްޓަރުން ދީފައިވާ ބޭސްތައް ވެސް ފުލުހުން އަތުލި ކަމަށެވެ. އަދި މިއަދު ހަވީރު 3:30 ގައި ވަކީލުންނާ ބައްދަލުކުރަން ދިން ފުރުސަތު ވެސް ފަހު ވަގުތު ވަނީ ކެންސަލްކޮށްފައއިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުމޫންގެ އާއިލާއިން ބުނާ ގޮތުގައި، އެމަނިކުފާނަށް ވަނީ ވެއްޓިވަޑައިގަތުމުގެ އާލާސްކަންފުޅަކާ ކުރިމަތިވެފައެވެ. އެހެންވެ އެމަނިކުފާނު އެކަހެރިކޮށް ނުހުންނެވުމަށް ވެސް ޑޮކްޓަރުން މީގެކުރިން ލަފާ ދީފައި ވެއެވެ. އަދި އިސްތަށިފުޅަށް ބުރަނުވާނެ ގޮތަށް އުޅުއްވުމަށް ވެސް އެމަނިކުފާނަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އާއިލާއިން ބުނެއެވެ. ސިއްހީ ހާލަތު އެހެން ހުރުމުގެ ސަބަބުން މައުމޫން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާއިން އެކި ފަހަރު ކްރިމިނަލް ކޯޓްގެ އިތުރުން ސަރުކާރުގައި ވެސް އެދިފައި ވެއެވެ. ނަމަވެސް އެކަމަށް ކުޑަކޮށްވެސް ލުޔެއް ލިބިފައި ނުވެއެވެ.
ދޫނިދޫ ޖަލުން މާފުށީ ޖަލަށް ރައީސް މައުމޫން ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ