ކުޅުދުއްފުށީ ރައްޔިތުން ސަރުކާރުގެ ނިންމުމުގެ އިންތިޒާރުގައި!

ކުޅުދުއްފުށިން: މުހައްމަދު ސަމާހު ސަރުކާރުގެ ނިންމުގެ އިންތިޒާރުގައި މުޅި ކުޅުދުއްފުށި އޮތީ ހުއްޓުމެއްގެ ތެރޭގަ އެވެ. އެ ރަށު މީހުން ބުނާ ގޮތުގައި މިވަގުތު އެއާޕޯޓަށް ވުރެ ވެސް އެމީހުން ބޭނުން ވަނީ އެ ރަށު ހޮސްޕިޓަލުގެ ކަންކަން ހަމަޖެހިގެން ދިއުމެވެ. ދެ ހިއްސާދާރެއްގެ ދެމެދުގައި އުފެދުނު ބޮޑު މައްސަލައިގެ ކަޅު ހިޔަނި ހޮސްޕިޓަލުގެ ތަރައްގީއަށް އެޅިގެން ދިއުމަށް އެ ރަށު މީހުން ބޭނުމެއް ނުވެ އެވެ. "މިއޮތީ ގައިގައި އަޅާފައި އޮތް ފޮތި ގަނޑުގެ ހާލު. ފަންކާތައް ހުރީ ހަލާކުވެފައި. ވައިކޮޅެއް ޖެހެނީކީ ނޫން. މިއީ އަހަރަމެން ބޭނުންވި ތަރައްގީއެއް ނޫން،" ހުން އައިސްގެން އެޑްމިޓްކޮށްފައި އޮތް އަންހެނަކު އޭނާގެ ގައިގެ މަތީގައި އޮތް، ބާގަނޑު ހެދިފައި އޮތް ފޮތި ގަނޑު ދައްކާލަމުން ބުންޏެވެ. އެމީހާގެ ވާހަކަ ނުނިމެނީސް އެ އެނދުގެ ކުރިމަތީގައި ހުރި އެނދުގައި އެޑްމިޓްކޮށްފައި އޮތް ފިރިހެނެއްގެ ކައިރީގައި އެހީތެރިއެއްގެ ގޮތުގައި އިން މާބަނޑު އަންހެނަކު ވާހަކަ ދައްކަން ފަށައިފި އެވެ. އޭނާގެ އުދާސްތައް އަދި މާގިނަ އެވެ. މާޔޫސްވެފައިވާ މޫނުގައި ޝަކުވާ ބައިވަރެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޮތް ބަލިމީހެއްގެ ގައިގައި އަޅާފައި އޮތް ފޮތިގަނޑެއްގައި ބާގަނޑެއް ހެދިފައި --ސަން ފޮޓޯ/ މުހައްމަދު ސަމާހް "މިތަނަކުން ފަރުވާ ކުރެވޭނެ ގޮތެއް ނެތް. އީސީޖީއެއް ހަދާފައި މިބުނީ ދެން މާލެ ދާށޭ. ކިހިނެއް ކޮންމެ ފަރުވާއެއް ހޯދަން މާލެ ދާނީ،" އޭނާ ބުނާ ގޮތުން އަންނަ މަހު ވިހަން ތައްޔާރުވެފައިވާއިރު ކުޅުދުއްފުށީ ހޮސްޕިޓަލުން އެކަން ކުރެވޭނެ ކަމުގެ އުންމީދެއް ނެތެވެ. ވިހެއުމުގެ ތެރޭގައި ކަމެއް ދިމާވެއްޖެ ނަމަ އެކަން ވެސް ހައްލުވާނެ ކަމުގެ އިތުބާރެއް އެރަށު ރައްޔިތުންގެ މެދުގައި އެ ހޮސްޕިޓަލަކަށް ނެތެވެ. "ޑޮކްޓަރުން ވެސް އެބަތިބި. އެކަމަކު މިހާރު އޮތް ކަންބޮޑުވުމަކީ މިތަނާ މެދު އިތުބާރު ނެތުން،" ފަންސާސް އަހަރަށް އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) އަށް ހޮސްޕިޓަލު ހިންގަން ދިނުމުން އެ ރަށު ރައްޔިތުން "ވަރަށް ބާރަށް އަތް ޖެހި"އެވެ. އުންމީދުތައް އިންތިހާއަށް ދިޔައިރު އެ ރަށުން ސީޓީ ސްކޭން ކުރެވުމާއި އެމްއާރްއައި މެޝިންގެ ހިދުމަތްތައް ލިބޭނެކަން ކަށަވަރުވުމުން އެ އުންމީދުތައް މާބޮޑުވި އެވެ. ކުޅުދުއްފުށީ ހޮސްޕިޓަލު ތެރެ--ސަން ފޮޓޯ/ މުހައްމަދު ސަމާހް "ނިމްސްއާ ހޮސްޕިޓަލު ހިންގަން ހަވާލުކުރި ޖަލްސާއަށް ބައްލަވާ. މި ރަށުގެ އާބާދީގެ ބޮޑު ބައި އެ ޖަލްސާގައި ބައިވެރިވި. ސިއްހީ ހިދުމަތް ރަނގަޅުވާކަމުގެ އުންމީދާ އެކު ވަރަށް ބާރަށް އަތްވެސް ޖެހި،" ކުޅުދުއްފުށީ ހޮސްޕިޓަލުގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ. ރައްޔިތުންގެ ކަންބޮޑުވުން އޮތީ ސަރުކާރުން އެ ހޮސްޕިޓަލު ބޭރުގެ ބަޔަކަށް ދިނުމަކުން ނޫނެވެ. އެމީހުން މާޔޫސްވީ އެއަށް ފަހު ކަން ހިނގައި ދިޔަގޮތުންނެވެ. ސަރުކާރުގެ ވިސްނުމަށް އަދިވެސް އެރައްޔިތުން އިހުތިރާމު ކުރެ އެވެ. ސާބަސް ދެ އެވެ. ނަމަވެސް ހަ މަސް ވެގެން ދިޔަ އިރު ވެސް އެންމެ ކުޑަމިނުން ފާރުގައި ލާފައި ހުރި ކުލަކޮޅު ވެސް އާ ނުކޮށްލެވުމަކީ ރައްޔިތުންގެ ހިތްހަމަނުޖެހުން އެކަމުގައި އޮތް ކަމެކެވެ. ކުޅުދުއްފުށީ ހޮސްޕިޓަލު ތެރެ--ސަން ފޮޓޯ/ މުހައްމަދު ސަމާހް ކުޅުދުއްފުށީ ރައްޔިތުން ސަރުކާރަށް އިތުބާރުކުރޭ "އަހަރަމެން އިތުބާރު ކުރަން ސަރުކާރަށް. ނިމްސްއަށް ތަން ނުހިންގުނީމަ ސަރުކާރުން އެޅީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް. އެކަމާ މެދު އުފާކުރަން. ސަރުކާރުން އަވަސް ހައްލެއް މިކަމަށް ގެންނާނެކަން އެނގޭ،" ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައި ބާއްވާފައި އޮތް މީހެއްގެ އެހީތެރިއެއްގެ ގޮތުގައި ހުރި މީހަކު ބުންޏެވެ. ސަރުކާރުން ނިމްސްއަށް ހޮސްޕިޓަލު ހިންގަން ދިނީ އުންމީދުތަކަކާ އެކު ކަން އެ ރަށު ރައްޔިތުން ގަބޫލުކުރެ އެވެ. ސަރުކާރުގެ ފަރާތުން މިހާރު އެ ހޮސްޕިޓަލު ހިންގުމަށް ދުވަހުން ދުވަހަށް ބޭނުންވާ ކަންކަން ފުއްދައިދެމުންދާތީ އެކަމާ ރައްޔިތުން އުފާ ކުރެ އެވެ. މުވައްޒަފުން ވެސް ތިބީ އެ މުވައްޒަފުން ބިކަ ކޮށްނުލައި، ސަރުކާރުން މުސާރައާއި އެ ނޫން ވެސް ކަންކަން ހަމަޖައްސައިދޭތީ އުފަލުންނެވެ. ކުޅުދުއްފުށީ ހޮސްޕިޓަލު ތެރެ--ސަން ފޮޓޯ/ މުހައްމަދު ސަމާހް "ސަރުކާރުން ވަރަށް ރަނގަޅު އަޅުގަނޑުމެންނާ މެދު ކަން ކުރި ގޮތް. ޖެނުއަރީ 10 އަކަށް މުވައްޒަފުންނާ މެދު ގޮތެއް ނިންމަން ޖެހޭ އިރު ސަރުކާރުން އަމަލު ކުރީ ވަރަށް ރަނގަޅަށް،" އެ ހޮސްޕިޓަލުގައި ވަޒީފާގައި އުޅޭތާ ހަތް އަހަރުވެފައިވާ މުވައްޒަފަކު ބުންޏެވެ. އެގްރިމަންޓް ބާތިލު ކުރާނެ ކަމުގެ އިޝާރާތެއް ނިމްސްގެ ހިއްސާދާރުންގެ ދެމެދުގައި ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދިން 10 ދުވަހުގެ މުއްދަތު ހަމަވެފައިވާ އިރު ސަރުކާރުން ވަނީ އެ އެގްރިމަންޓް ބާތިލުކުރާނެ ކަމުގެ އިޝާރާތެއް ކޮށްފަ އެވެ. ޗެނަލް 13ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ނިމްސްއާ އެކު ހަދާފައިވާ އެއްބަސްވުން ނިމޭ ހިސާބުން، އެތަން ތަރައްގީކުރަން ސަރުކާރުން ރާވާފައިވާ ޕްލޭންތައް ކުރިއަށް ގެންދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެތަން ތަރައްގީ ކުރަން ނިމްސް އާ ހަވާލުކުރީ ހެޔޮ ނިޔަތެއްގައި ކަމަށާއި "އެތަން ޑިވެލޮޕް ނުކުރެވުނީމާ، މިއަދު ސަރުކާރުން އެކަމާ ހަވާލުވެ އަލުން އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ފަށައިގެން މިދަނީ،" ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ. ކުޅުދުއްފުށި ހޮސްޕިޓަލުގެ ހާލަތު ދަށް ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހާލަތު ބެލުމަށް "ސަން"ގެ ނޫސްވެރިން އެ ހޮސްޕިޓަލަށް ދިޔައިރު އެތަން ފެނުނީ ވަރަށް ހާލަތު ދަށްކޮށެވެ. ވޯޑުތަކުގައި ހުރި ފަންކާތަކުގައި ދަބަރު ޖަހައި، ހަލާކުވެފައިވާ އިރު އެ ފަންކާތަކުގެ މުޑުދާރުކަން އިންތިހާ އެވެ. ހިރަފުސް ފޮޅާ ނުލާތަނުގައި، ހަލާކުވެފައި ހުރި ބައެއް ފަންކާތައް މަރާމާތުނުކޮށް އެތައް ދުވަހެއް ވަނީ ވެފަ އެވެ. ކުޅުދުއްފުށީ ހޮސްޕިޓަލު ތެރެ--ސަން ފޮޓޯ/ މުހައްމަދު ސަމާހް ސީލިންގެ ބައިބައި ހަލާކުވެ، ފާރުތަކުގައި ހުރި ކުލަވެސް ހުރީ ފޮޅިފަ އެވެ. ވޯޑުތަކުގައި ތިބި މީހުން އިންތިހާއަށް ހޫނުކަން އިހްސާސްކުރާ އިރު މުވައްޒަފުން ހިތްހަމަޖެހޭ މާހައުލެއް އެތަނަކުން ނުފެނުނެވެ. ދުވާލަކު 200 އަށް ވުރެ ގިނަ މީހުން ހިދުމަތް ހޯދާ އެތަނުގައި ބޭނުން ކުރަން ހުރީ ދެ ވޯޑެވެ. ކުރިން ބޭނުން ކުރި އެއް ވޯޑް މިހާރު ހުރީ އެމްއާރުއައި އަދި ސީޓީ ސްކޭން މެޝިން ބަހައްޓާ ކޮޓަރި ހަދަން ހުސްކޮށްފަ އެވެ. އެ ކޮޓަރީގެ މަސައްކަތުގެ 60 ޕަސެންޓް މަސައްކަތް ނިމިފައި ހުރި އިރު މިހާރު އެ މަސައްކަތް އޮތީ ނިމްސްއިން އެދިގެން ހުއްޓާލައިފަ އެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެމްއާރްއައި އަދި ސީޓީ މެޝިން ބަހައްޓަން ތައްޔާރު ކުރާ ކޮޓަރި--ސަން ފޮޓޯ/ މުހައްމަދު ސަމާހް އަވަސް ހައްލެއްގެ އިންތިޒާރުގައި ކުޅުދުއްފުށީ ރައްޔިތުންގެ އިތުރުން ޖުމުލަކޮށް މުޅި އުތުރުގެ ރައްޔިތުން ތިބީ ހޮސްޕިޓަލުގެ މައްސަލަ ހައްލުވެ ދާއިމީ ގޮތެއްގައި ހިދުމަތް ދެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެރަށު މީހުން މިހާރު އިންތިޒާރު ކުރަމުންދަނީ ސަރުކާރުން ނިންމާނެ ގޮތަކާ މެދު އެވެ. ސަރުކާރުން ހޮސްޕިޓަލު ތަރައްގީ ކުރިއަސް އަދި އެހެން ބަޔަކާ އެ މަސައްކަތް ހަވާލުކުރިއަސް އެ ރަށު ރައްޔިތުންގެ ޝަކުވާއެއް ނެތެވެ. ކުޅުދުއްފުށީ ހޮސްޕިޓަލު ތެރެ--ސަން ފޮޓޯ/ މުހައްމަދު ސަމާހް އެ ރަށު ރައްޔިތުން ބޭނުން ވަނީ ޓާޝަރީ ފެންވަރުގައި ހޮސްޕިޓަލު ތަރައްގީވެގެން ދާށެވެ. އަދި އެ ހޮސްޕިޓަލުން ބޮޑެތި ބަލިތަކަށް ބޭސް ފަރުވާ ކުރަން ލިބުމަކީ އެ ރައްޔިތުންގެ އުންމީދެވެ. ސަރުކާރުގެ ފަހުގެ ނިންމުމުގެ އިންތިޒާރުގައި ތިބި ރައްޔިތުން ތިބީ ކޮންމެ ގޮތެއްވިޔަސް ސަރުކާރަށް އެއްބާރުލުންދީގެން ހޮސްޕިޓަލު ތަރައްގީ ކުރާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ