ކުރީގެ ރައީސުލް ޖުމްހުރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް ކުށެއް ކުރެއްވި ނަމަވެސް ޖަލުގައި ހުންނެވުން ޙައްޤު ނޫން ކަމަށާއި އެންމެ ބޮޑު ވަރަކަށްވެސް ކުރެއްވޭނެ ކަމަކީ ގޭ ބަންދުގައި ބެހެއްޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ޖަލުގައި ހުންނަވާތާ 7 މަސް ދުވަސް ފުރުމުން، "ރައީސް މައުމޫން 7 މަސް ދުވަސް ޖަލުގައި" ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސައުދުﷲ ވިދާޅުވީ ރައީސް މައުމޫންއަށް ޖަލުގައި ހުންނެވުން ޙައްޤު ނޫން ކަމަށާއި އަވައްޓެރި ޤައުމުތަކަށް ބަލާލާއިރުވެސް ޤައުމަށް މުހިންމު ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަށް ޖަލުގެ ތޭރި ތަކުގެ ފަހަތަށް ނުލާ ކަމަށެވެ. މިގޮތުން ވިދާޅުވީ ޕާކިސްތާނުގެ ނިއުކުލިއަރގެ ބައްޕަގެ މައްޗަށް ޤާނޫނާއި ޚިލާފަށް ނިއުކްލިއަރ ތަކެތި ސައުތް ކޮރެއާރއަށް ވިއްކި ކަމުގެ ކުށް ޘާބިތު ވުމުންވެސް އެމަނިކުފާނު ޖަލަށް ނުލައްވާ ކަމަށް ސަައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ ވިދާޅުވީ މިއަދު ޖަލުގައި އެހުންނެވީ "ޤައުމުގެ ބައްޕަ" ކަމަށާއި އެމަނިކުފާނު ޖަލަށް ލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ރައީސް މައުމޫން އަދި ކުރެއްވިނަމަ، އަޅުގަނޑު މިދަންނަވަނީ ކުށެއް ކުރެއްވި ވާހަކައެއްވެސް ނޫން. ކުށެއް ނުވެސް ކުރައްވަވާ. ކުރެއްވި ނަމަވެސް މިއަދު ރައީސް މައުމޫންއަށް ޙައްޤެއް ނޫނޭ ޖަލުގައި ހުންނަވާކަށް. ރައީސް މައުމޫންއަށް އެންމެ ބޮޑުމިނުން ހައްޤީ ގޭގައި ހުންނަވަން ." ސަޢުދު ވިދާޅުވިއެވެ.
މީގެ އިތުރުން ސަޢުދު ވިދާޅުވީ، ރައީސް މައުމޫންއަކީ އެކަނި ތަންތަނަށް ނިކުމެ ވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށާއި ހެކި ފޮރުވާކަށް ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވަން މައުމޫން މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ވަސީލަތްތައް ހަމަޖެހިފައި އޮންނަ ގޮތުން ގޭގައި ބަހައްޓައިގެން މިމައްސަލަ ނިންމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅިކަމުގެ ދައުވާއެއް ސާބިތުވެ، އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މައުމޫން ކުށެއް ކުރެއްވި ނަމަވެސް ޖަަލު ހުކުމް ޙައްޤެއް ނޫން ކަމަށް ވިދާޅުވަމުން ސައުދުﷲ ވަނީ ރައީސް މައުމޫންގެ ޝަރީއަތް ކުރިޔަށް ގެންދެވީ އިންސާފުވެރިކޮށް ނޫން ކަމަށާއި ރައީސް މައުމޫންއަކީ ރިޝްވަތުގެ އެއްވެސް ޢަމަލެއް ހިންގަވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި އެފަދަ ކަމެއް ނުކުރައްވާ، މުސްކުޅިވާ ދުވަހު އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ސައުދު ވިދާޅުވީ، ޕާޓީން ވަކިވުމަކީ ނުވަތަ ޚިޔާލު ތަފާތުވުމަކީ ބަޣާވާތްކުރުން ކަމަށްވާނަމަ އެންމެ ފުރަތަމަ ބަޣާވާތެއް ކުރެއްވެވީ ރައީސް ޔާމީން އަބްދުﷲ ޤައްޔޫމް ކަމަށެވެ.
އަދި ރައީސް މައުމޫންގެ ކެބިނެޓުން އިސްތިޢުފާ ދެއްވާ އެއިރު ރައީސް މައުމޫން އަދި ރައީސް ޔާމީންވެސް ހުންނެވި ޕާޓީ ކަމަށްވާ ޑީއާރްޕީއިން ވަކިވެ، އަމިއްލަ ޕާޓީއެއް އުފެއްދެވީ ރައީސް ޔާމީން ކަމަށާއި ޚިޔާލު ތަފާތުވުމަކީ ބަޣާވާތް ކުރުން ކަމަށް ރައީސް ޔާމީން ޤަބޫލު ކުރައްވާނަމަ އެންމެ ފުރަތަމަ ބަޣާވާތެއް ކުރެއްވީ ރައީސް ޔާމީން ކަމަށް ސައުދުﷲ ވަނީ ސިފަކުރައްވާފައެވެ.
ރައީސް މައުމޫން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށް މިއަދު އޮތް ހަމައެކަނި މަގަކީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެނައުން ކަމަށާއި އިބޫ ވެރިކަމަށް ވަޑައިގެން ރައީސް މައުމޫން މިނިވަން ކުރައްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައިވާ ކަމަށެވެ.
"އިބޫ ވެރިކަމަށް އަންނަ ފުރަތަމަ ދުވަހު ރައީސް މައުމޫން ހުންނަވާނީ މިނިވަނެއްގެ ގޮތުގައި ގޭގައި" ސައުދުﷲ ވިދާޅުވިއެވެ.
ރައީސް މައުމޫން ހުންނެވީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ފަނޑިޔާރުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން މައްސަލައިގައި ހައްޔަރު ކޮށްފައެވެ. ރައީސް މައުމޫން މިހާރު ވެސް ގެންދަވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭގެ އިތުރުން އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާއެއް އުފުލާފައެވެ.
ކުށެއް ކުރެވުނު ނަމަވެސް މައުމޫން ޖަލުގައި ހުންނެވުން ޙައްޤެއް ނޫން - ސައުދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ