ސުޕްރީމް ކޯޓާ މެދު އިތުބާރު ގެއްލޭފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: ޑީޖޭއޭ

ސުޕްރީމް ކޯޓާ މެދު އާންމުންގެ މެދުގައި އޮންނަ އިތުބާރާއި ޔަގީންކަން ކުޑަވާފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ. "ސަން" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޖުޑިޝަރީގެ ސްޕޯކްސް ޕާސަން ފައިސަލް އާދަމް ވިދާޅުވީ ޚާއްސަކޮށް ސުޕްރީމް ކޯޓާ މެދު އާންމުންނާމެދު އޮންނަ އިތުބާރާއި ޔަގީންކަން ކުޑަވާގޮތަށް ކުރާ ކަންތައްތައް ވެގެންދާނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދާ ޚިލާފު އަމަލުތަކެއްގެ ގޮތުގައި ކަމަށެވެ. "އެހެންވީމަ މިފަދަ އަމަލުތައް ކުރާ ފަރާތްތަކާ މެދު ސުޕްރީމް ކޯޓުގެ ފަރާތުން ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެންހުރި ފިޔަވަޅުތައް އަޅުއްވަމުން ގެންދާނެ،" ފައިސަލް ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން މައުލޫމާތު ފަތުރުމުގައި ގެންގުޅޭ އުސޫލުވެސް ފައިސަލް ވަނީ "ސަން"އާ ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައުލޫމާތު ޝަރުއީ ދާއިރާގެ ވެބްސައިޓާއި ސުޕްރީމް ކޯޓުގެ ވެބްސައިޓުގެ އިތުރުން ޝަރުއީ ދާއިރާގެ ޓްވިޓާ އެކައުންޓުން ފޯރުކޮށްދެމުންދާނެ ކަމަށެވެ. އަދި އެނޫން އެހެން ގޮތަކަށް ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ މައުލޫމާތު ހިއްސާނުކުރާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހައްޔަރުކޮށްގެން ސުޕްރީމް ކޯޓަށް ހާޒިރުކޮށްދިނުމަށް ނެރެފައިވާ ކޯޓު އަމުރެއް ކަމަށް ބުނެ މީސް މީޑިއާގައި މިރޭ ދައުރުވަމުން ދިޔައީ ސައްހަ ނޫން ލިޔުމެއް ކަމަށް ވެސް ސްޕޯކްސް ޕާސަން ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އިލްތިމާސަކީ އާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް މިފަދަ މައުލޫމާތު ފަތުރަމުން ނުގެންދިޔުން،" ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ސުޕްރީމް ކޯޓަކީ ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށާއި އެ ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ވަނީ ކަނޑައެޅިގެން ބަޔާންކޮށްފައި ކަމަށެވެ. "އެހެންވީމަ އަޅުގަނޑުމެން ދަންނަވާނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ ނެރޭ އަމުރުތަކަކީ ކުރާ ހުކުމްތަކަކީ އެއަށް އަމަލުކުރުން ލާޒިމް ކަމެކޭ،" ފައިސަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ