ޑީސަލުން ޑިއުޓީ ކަނޑާލާ ކަރަންޓުގެ އަގު ހެޔޮ ކުރަނީ


ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކަނޑާލާ ކަރަންޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުގެ ފަރާތުން ތިމަރަފުށި ދާއިރާގެ އިއްޒަތްތެރި މެމްބަރ މުހައްމަދު މުސްތަފާ އެކްސްޕޯޓް އިމްޕޯޓު ޤާނޫނަށް އިސްލާހު ގެނެއުމަށް މިއަދު ހުށައަޅައިފިއެވެ.
 
މި ބިލް މަޖިލީހަށް ހުށައަޅުއްވަމުން ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ މި ބިލް ހުށައަޅުއްވީ ކަރަންޓުގެ ހިދުމަތުން ނަގާ އަގު މިހާރަށްވުރެ ހެޔޮކުރުމަށާއި މަސްވެރިން ތެލަށް ކުރަން ޖެހޭ ހަރަދުކުޑަކުރެއްވުމަށްކަމަށެވެ. މި ބިލް ފާސްވެ ތަސްދީގު ކުރެއްވުމުން މަސްވެރިން މަސްވެރިކަން ކުރުމަށް ބޭނުންކުރާ ޑީސަލުންނާއި އަދި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން ޑިއުޓީ މާފުވެގެންދާނެއެވެ. 
އެހެންނަމަވެސް، ޑިއުޓީ މާފުވެގެންދާނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އެދި ހުށައެޅުމުންކަމަށްވެސް އިސްލާޙުގައި ބުނެފައިވެއެވެ. 
މަސްވެރިން މަހަށް ނުކުތުމަށް ބޭނުންކުރާ ޑީސަލުން އިމްޕޯޓު ޑިއުޓީ ކަނޑާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފުރަތަމަ އެއް މަސް ދުވަހުގެ ތެރޭގައި ކުރަން ވަޢުދުވެލައްވާފައިވާ ކަންތަކުގެ ތެރެއިން ކަމެއްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ