މިއޮތީ އަޅުގަނޑު ނަންބަރު، މެސެޖް ކުރައްވާ – އުމަރު

2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފޯން ނަންބަރު ސަޕޯޓަރުންނަށްޓަކައި މީސްމީޑިއާގައި ޢާއްމު ކުރައްވައިފިއެވެ.
މީސް މީޑިއާގައި އުމަރު ވިދާޅުވެފައިވަނީ، ދިވެހިރާއްޖެ ހަމަ މަގަށް އެޅުވުމަށް އުމަރު ވަކާލާތު ކުރައްވާ ސިޔާސަތުތަކަށް ތާއީދުކުރާ ގިނަ ބަޔަކު އުމަރުގެ ނަންބަރު ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށާއި، ނަންބަރު ޢާއްމު ކުރެއްވީ އެ ފަރާތްތަކަށްޓަކައި ކަމަށެވެ.
"މި ޤައުމު ހަމަ މަގަށް އެޅުވުމަށް އަޅުގަނޑު މި ވަކާލާތުކުރާ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބޭފުޅުން އަޅުގަނޑުގެ މޮބައިލް ނަންބަރު ހޯދަން ބޭނުންފުޅުވެގެން އުޅުއްވާތީ ދަންނަވަން. އަޅުގަނޑުގެ މޮބައިލް ނަންބަރަކީ 772189." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވެފައިވަނީ، ފޯނަށް ކޯލް ކުރުމުގެ އެސްއެމްއެސް، ވައިބަރ ނުވަތަ ވަޓްސްއަޕް އިން މެސެޖު ކުރެއްވުން އެދޭ ކަމަށާއި، ކޮންމެ މެސެޖަކަށް ޖަވާބު އަރުވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ތިޔަ ބޭފުޅުން އަޅުގަނޑަށް ފޯން ކުރެއްވުމުގެ ބަދަލުގައި އެސްއެމްއެސް ނުވަތަ ވައިބަރ ނުވަތަ ވަޓްސްއަޕް އިން މެސެޖު ކުރެއްވުން އެދެން. ކޮންމެ ކޯލަކަށް ޖަވާބު ދޭން ދަތިވެދާނެ، ނަމަވެސް މެސެޖުތަކަށް އިރާދަ ކުރެއްވިއްޔާ ޖަވާބު އަރުވާނަން." އުމަރު ވިދާޅުވިއެވެ.
އުމަރު މިހެން ވިދާޅުވިއިރު، އުމަރު ގެންދަވަނީ މި ސަރުކާރުން ފެންނަ ނުރަނގަޅު ކަންކަމަށް ފާޑުވިދާޅުވަމުންނެވެ. އަދި ވޭތުވެދިޔަ ޔާމީންގެ ސަރުކާރުން ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު އެ ސަރުކާރުން ފެނުނު ނުރަނގަޅު ކަންކަމަށްވެސް އުމަރު ވަނީ ފާޑުވިދާޅުވެފައެވެ.
"ވަގުތު" އަށް އުމަރު ވިދާޅުވީ، އޭނާއަކީ މި ސަރުކާރާވެސް އިދިކޮޅު މީހެއް ނޫން ނަމަވެސް، ސަރުކާރުގެ ތެރެއިން ފެންނަ ނުރަނގަޅު ކަންކަމަށް ފާޑު ވިދާޅުވާނެ ކަމަށެވެ.
އުމަރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި، އަމަޒަކީ ސީދާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަމަށެވެ. އުމަރު ރާއްޖެއަށް ގެންނަން ބޭނުންފުޅުވާ އިސްލާހީ ބަދަލު މަޖިލިސް ތެރެއިން ގެނެވޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި، އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އާދެވިގެން ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖެ އިސްލާހުކުރުމަކީ އުމަރަށް ނޫން އިތުރު ބޭފުޅަކަށް ކުރެވޭނެ ކަމެއް ކަމަށް އުމަރު ދެކިވަޑައި ނުގަންނަވާއިރު، އުމަރަށް ތާއީދުކުރާކަން މީސްމީޑިއާގައި ހާމަކުރާ ފަރާތްތައް އިތުރުވަމުން ދާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ