އީސީ އިން ޕީއެންސީ އާ މެދު ތަފާތުކޮށް ކަންތައް ކުރަނީ ވަގަށް ގޮވާފައިވާތީ: ގާސިމް
ޕީއެންސީ ރަޖިސްޓްރީކުރުން ލަސްކޮށް، ފޯމުގެ ސައްހަކަން ބެލުމުގައި އެހެން ޕާޓީތަކާ ތަފާތު ކުރަނީ، އިލެކްޝަން ކޮމިޝަންގެ މެމްބަރުންނަށް ޕީޕީއެމް އަދި ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުން ވަގަށް ގޮވާފައިވާތީ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ޕީއެންސީ ރަޖިސްޓްރީކުރުން ލަސްވާ މައްސަލައިގައި އެ ޕާޓީގެ މުއައްސިސު، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ އިތުރުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން މިއަދު ވަނީ ގާސިމްއާ ބައްދަލު ކުރައްވައިފި އެވެ. މިރޭ ޖުމްހޫރީ ޕާޓީ އަށް މެމްބަރުންތަކެއް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ އިލެކްޝަން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ގާސިމް ވިދާޅުވީ، މަޖިލިސް މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެ ކޮމިޝަންގެ މެމްބަރަކަށް މިއަދު ފޯނުން ގުޅުއްވި ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ޕީއެންސީ އާ މެދު ތަފާތުކޮށް ކަންތައް ކުރަނީ ޕީޕީއެމް އިން ކުރިން އެ ކޮމިޝަންގެ މެމްބަރުންނަށް ވަގަށް ގޮވާފައިވާތީ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ. "[އީސީއިން] ވިދާޅުވި، އެއީ ތިމަންނާމެންނަށް ވެސް ވަގަށް ގޮވާ އެހެން މިހެން ކަންތައްކޮށް ހަދަނީ އޭ. އެހެން ވީމާ ތިމަންނާމެންވެސް ހުރިހާ އެއްޗެއް ރަނގަޅަށް ބަލަނީ އޭ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް އަދި އެ ކޮމިޝަންގެ މެމްބަރާ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަތައް ހިއްސާ ކުރައްވަމުން ގާސިމް ވިދާޅުވިއެވެ. https://www.sun.mv/114444 ޕާޓީ ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން ކޮންމެ މެމްބަރަކަށް ފޯނުކޮށްފައި ފޯމުގެ ސައްހަކަން ބައްލަވަންތޯ އެބޭފުޅުން ކުރެން އެއްސެއްވި ކަމަށާއި ޖަވާބުގައި އެ ކޮމިޝަނުން ބުނީ އެފަދަ ތަފާތު ކުރުމެއް ގެންގުޅެނީ ޕީޕީއެމަށް ނިސްބަތްވާ ބޭފުޅުން ކޮމިޝަންގެ މެމްބަރުންނާ ދިމާކުރާތީ ކަމަށް ގާސިމް ވިދާޅުވިއެވެ. "އަޅުގަނޑު ދެންނެވިން ތި ގޯހޭ. ތިގޮތަށް ކަންތަކެއް ނުކުރެވޭނޭ. އެއީ މީހަކު ތިބޭފުޅުންނަށް ވަގަށް ގޮވީމާ، އެއީ ވަކި މައްސަލައެކޭ. ބަޔަކު ޕާޓީ އެއް ރަޖިސްޓްރީ ކުރަން ހުށަހެޅުމުން އެއީ ވަކި ކަމެކޭ،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ، އެހެން ޕާޓީތަތައް ރަޖިސްޓްރީ ކުރާ އުސޫލަށް ޕީއެންސީ ރަޖިސްޓްރީ ކުރުމުގައި އަމަލުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގައި ދަންނަވާފައިވާނެ ކަމަށެވެ. މިއަދު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ މުއައްސިސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައި ވަނީ، އެ ޕާޓީގެ ފޯމުތައް ސައްހަތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ކޮންމެ މެމްބަރަކަށް ގުޅައި ޕާޓީ އަށް ސޮއި ކުރިތޯ އައްސަވާ ކަމަށާއި ނުގުޅޭ ފަރާތްތަކުގެ ފޯމުތައް އީސީ އިން ބަލައިނުގަންނަ ކަމަށެވެ. https://www.sun.mv/114440 އެކަމާ ގުޅިގެން މިއަދު އެކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު "ސަން" އަށް ވިދާޅުވީ 60 އެއްހާ ފޯމު އެމީހުންނަށް ނޭނގި ޕީއެންސީގެ ފަރާތުން ހުށަހަޅި ކަމަށް އެ ކޮމިޝަނަށް އެނގިފައިވާ ކަމަށާއި އެކަމާ ގުޅިގެން ބައެއް މީހުންގެ ޝަކުވާ ވެސް ލިބުނު ކަމަށެވެ. އަދި އެހެން ޕާޓީތަކުގެ ފޯމުތައް ޗެކް ކުރާ އިރު އެހާ ގިނަ އަދަދަކަށް ޝަކުވާ ލިބިފައި ނުވާ ކަމަށާއި އެހެން ކަމުން އެ ކޮމިޝަނުން އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރަމުންދާ ކަމަށެވެ. އަދުރޭ މިއަދު ވިދާޅުވީ، މިހާތަނަށް އެ ކޮމިޝަނަށް އަށް 5،100 ފޯމް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ސައްހަ ކަމަށް ބަލައިގެންފައި ވަނީ 2،300 ފޯމު ކަމަށް ކޮމިޝަންގެ މެމްބަރު ހަބީބު ވިދާޅުވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ