ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލަން ނަޝީދު ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ރައްޔިތުން ބޭނުންވަނީ ރާއްޖޭގައި އެމީހުންގެ އަމިއްލަ ބަސް ބުނާ ވެރިކަމެއް ބާއްވަން ކަމަށެވެ.
ބަރުލަމާނީއަށް ކުރިންވެސް ދިވެހިން ނޫނެކޭ ބުނެފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެ ނިޒާމަކީ ރާއްޖޭގައި ވިއްކޭނެ ނިޒާމެއް ނޫން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ޗަލެންޖަކީ ރައީސް ނަޝީދު ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި މިހާރުވެސް އެ މަންޒަރުތައް ދަނީ ފެންނަމުންނެވެ.
ތިން އަހަރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިންނަށް އެންމެ ރަނގަޅު ވާނީ ބަރުލަމާނީ ނިޒާމެކެވެ.
"އަޅުގަނޑަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މީހެއް، އެކަމަކީ ވަކި އިރެއްގައި އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫން، އަޅުގަނޑު އަބަދުވެސް ދެކޭ ގޮތުގައި ސާފު ގޮތުގައި ވެރިކަން ހިންގުމަށް ހަމަޖެހޭ ނިޒަމަކީ ބަރުލަމާނީ ނިޒާމެއް، އެއީ އަޅުގަނޑުގެ ހިޔާލާއި ފިކުރު" ނަޝީދު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި އަމަލު ކުރަމުން އަންނަ ޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރިއިރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ކަހަލަ ނިޒާމެއްތޯ ބަލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިއެވެ. އެވޯޓްގައި ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. ނަމަވެސް އޭރު ވެސް އެމްޑީޕީ އިން ކެމްޕޭން ކުރީ ބަރުލަމާނީ ނިޒާމަކަށް ރައްޔިތުންގެ ތާއީދު ހޯދުމަށެވެ.
ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއިދުކޮށް ވާހަކަދައްކަމުން ދާއިރު އެމްޑީޕީގެ ވަރަށް ސީނިއާ ބޭފުޅުން ގެންދަވަނީ ފާޅުގައި އެކަމާއި ދެކޮޅު ހައްދަވަމުންނެވެ.
ނަޝީދު ބޭނުންވި ނަމަވެސް ބަރުލަމާނީ ނިޒާމެއް ނުގެނެވޭނެ – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ