މިއަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން އިންތިޚާބުގައި ބޮޑުތަނުން ބަލިވި ރައީސް ޔާމީނުގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލއާއި ގުޅިގެން ސްޕްރީމް ކޯޓުން މިއަދު އިއްވި ހުކުމަށް ފަހު ބާރުތައް ބަދަލުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށް ދާނެ ކަމަށް ރައްޔިތުން އުންމީދުކުރާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ސްޕްރީމް ކޯޓުން މިއަދު ކުރި ޙުކުމަށްފަހު ރައީސް ޞާލިޙްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާނީ އިންތިޚާބަށް ވާނެ ގޮތަކާ މެދު އޮޅުންގަނޑެއްގެ ތެރޭގައި ހަފުތާއެއް ވަންދެން ތިބެންޖެހުނުކަމަށާއި މިއަދުގެ ހުކުމާއިއެކު އިންތިޚާބުގެ ކާމިޔާބީ ދިވެހިންނަށް އުފަލާއެކު ފާޅުކުރެވޭނެ ކަމަށާއި އެހެންކަމުން ރައީސް ޔާމީން ވެސް އެކަން ބަލައިގަނެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާގައި އިހްލާސްތެރިކަން ދެއްކެވުމަށް ގޮވައިލާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން ބަލައިގަނެ، ބާރުތައް ބަދަލުކުރުމުގެ މަރުހަލާއަށް އެއްބާރުލުން ދެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ގޮވާލައްވާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ އިންތިޚާބުގެ ކެމްޕެއިނުގެ ދުވަސްވަރު ވެފައިވާ ވައުދުތައް ފުރިހަމައަށް ފުއްދުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.
ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން ވެފައިވާ ވައުދަކީ އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި ގާނޫނު އަސާސީ ދަމަހައްޓައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށްވާއިރު އެވައުދުތައް ފުއްދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ސްޕްރީމް ކޯޓުގެ ހުކުމަށް ފަހު ބާރުތައް ބަދަލުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށް ދާނެ ކަމަށް ރައްޔިތުން އުންމީދުކުރާނެ: ރައީސް ޞާލިޙް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ