މޭޑޭގައި ހައްޔަރުކުރި އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި ދައުވާކުރަން ފޮނުވައިފި

މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒުކުރަމުންދަނިކޮށް، ކ. މާފުށީ ޖަލުގައި މަރުވި އަބްދުﷲ ރަޝީދު މުހައްމަދުގެ މަރުގެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މަރުގެ މައްސަލާގައި ދައުވާކޮށްދިނުމަށް ޕީޖީގައި އެދިފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިންނެވެ. އެޗްއާރުސީއެމުން ބުނީ، 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ގައި މަރުވި، ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދިފައިވާނީ އެކޮމިޝަނުގެ ތަހުގީގަށް ރިއާއަތް ކުރުމަށްފަހު ކަމަށެވެ.
އެކަމަކު، އެކަމާއި ގުޅޭ ތަފްސީލެއް އެޗްއާރުސީއެމުން ހާމައެއް ނުކުރެވެ.
ރަޝީދު ނިޔާވީ އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ޖަލަށް ލާފައި ހުއްޓާއެވެ.
ރަޝީދު މަރުވީ އޭނާގެ އެތެރެ ހަށީގައި އިންފެކްޝަނެއް އުފެދި އެކަމަށް އެކަށީގެންވާ ފަރުވާ ނުލިބި ގިނަ ދުވަސްވުމުން އެތެރެ ހަށީގެ ބައެއް ގުނަވަންތަކަށް އަސަރު ކުރުމުގެ ސަބަބުންކަމަށް އާއިލާއިން ހާމަކުރެއެވެ. ރަޝީދު މަރުވެފައިވަނީ ހާލު ބޮޑުވެ ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި އޮއްވައެވެ.
އެނގިފައިވާ ގޮތުގައި ރަޝީދު ޖަލުގައި ހުރިއިރު ބޮޑުކަމުގޮސް ހޮނޑުލާ ހަދާފައިވެއެވެ. އަދި ބޮޑުކަމުދާ އެއްޗެއްސާއި ހޮޑަށްލީ އެއްޗެހިން ލޭ ފެނިފައިވެއެވެ.
ރަޝީދު ބަލިވެގެން ތަކުރާރުކޮށް ފަރުވާއަށް އެދުނު ކަމަށާއި ނަމަވެސް ކަރެކްޝަނުން އިހުމާލުވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ