ޕީޕީއެމް އިން ކޮންގްރެސް ބޭއްވީ އަސާސީ ގަވާއިދާއި ހިލާފަށް - މައުމޫން

ޕީޕީއެމް އިން ކޮންގްރެސް ބާއްވާފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށް ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން ބޭއްވި ކޮންގްރެސްގައި ހުރި ކަންބޮޑުވުންތައް ހާމަކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް ފޮނުއްވި ސިޓީއެއްގައެވެ.
މި ސިޓީގައި ރައީސް މައުމޫން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން ކޮންގްރެސް ބާއްވާފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށާއި ހާއްސަ ހާލަތެއް މެދުވެރިވާނަމަ ޤައުމީ ޖަލްސާއެއް ބޭއްވެން ޤަވާއިދު ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކުރުމުން ކަމަށެވެ. ނަމަވެސް ޕާޓީގައި މިހާރު ހަރަކާތްތެރިވާ ކައުންސިލްގެ މުއްދަތު މިއަހަރުގެ ޖެނުއަރީ އަށް ހަމަވެފައިވާތީ ޕީޕީއެމްގައި މިހާރު އޮތީ އަސާސީ ގަވާއިދުގެ ދަށުން ސައްހަ ކައުންސިލެއް ނޫން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވެން އަންނަނީ ޕާޓީގެ ރައީސްގެ ބެއްލުމުގެ ދަށުން ކަމަށްވާއިރު، އެމަނިކުފާނު ޕާޓީގެ ރައީސްގެ މަގާމުން ވަކިކޮށްފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
މީގެއިތުރުން މައުމޫން ވަނީ މި ކޮންގްރެސްގައި ޕާޓީގެ ގިނަ މަގާމުތަކަށް އެތައް ބަޔަކު އިންތިޚާބު ކުރިއިރު އެފަދަ އިންތިޚާބެއް އޮންނާނެ ކަމަށް ކުރިން އިއުލާނުކޮށްފައިނުވާކަން ވެސް ފާހަގަކޮށްފައެވެ. އޭގެ ސަބަބުން މުހިންމު މަޤާމު ތަކަށް މެންބަރުން ކުރިމަތިލުމާއި ކެންޕެއިން ކުރުމުގެ ފުރުސަތު ގެއްލި މަގާމުލިބުމުގެ ފުރުސަތު ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުންނަށް ގެއްލިގެން ގޮސްފައިވާ ކަމަށާއި އެއީ އެޕާޓީގެމެމްބަރުންނަށް ލިބުނު ވަރަށްބޮޑު ނިކަމެތި ކަމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫންގެ މި ސިޓީގައި ވަނީ ކޮންގްރެސްގައި ނިންމާފައިވާ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމުގެ ކުރިން އެމަނިކުފާނު ފާހަގަކުރެއްވި ކަންތައްތަކަށް ބެއްލުމަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ