ޣާޒީ އެރްތުގްރުލް: ފުރަތަމަ މޫސުން ތާރީޚީ ޙަޤީޤަތްތަކާއި ޚިޔާލީ ވާހަކަތަކުގެ ތެރެއިން އިސްލާމީ ފިކުރު

އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނިކަމެތިކަމަކީ ސަޤާފީ އުފެއްދުންތަކުގެ ފަޤީރުކަމެވެ. ނަމަވެސް މިފަހުގެ ތާރީޚުގައި މިފަޤީރުކަން ކުޑަކުރުމުގެ މަސައްކަތް އެކި ފެންވަރުގައި ކުރެވެމުން އެބަދެއެވެ. މިފަދަ މަސައްކަތްތަކުގެ ތެރެއިން އެރުތުގްރުލް ސިލްސިލާއަކީ ފާހަގަކޮށްލެވޭ ބުރަ ބޮޑު އެހާމެ ވަރުގަދަ މަސައްކަތެކެވެ. ފާޙިޝް މަންޒަރުތަކާއި އިންސާނީ ޠަބީޢަތު ފަސާދަކުރަނަވި ސަޤާފީ އުފެއްދުންތައް ގިނަވެފައިވާ ޒަމާނެއްގައި އެރުތުގްރުލް ބުނެދެނީ ދީނީ އަޚުލާޤީ އިންތަކުގެ ތެރޭގައި ފިލްމާއި ސިލްސިލާ އުފެއްދިދާނެ ކަމަށެވެ. އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި މުނިއަވަސްފިލުވައިދިނުމާއެކު، އިސްލާމީ ޙަޟާރަތާއި ތާރީޚާއި ސަޤާފަތް ދިރުވައި އާލާކުރުމަށް ޓީވީއާއި ކެމެރާއާއި ފަންނު ބޭނުންކުރެވިދާނެ ކަމުގައެވެ. އެރްތުގްރުލްގެ ފުރަތަމަ ސީޒަން ނުވަތަ މޫސުމުގައި އެޕިސޯޑެއްގެ ދިގުމިނަކީ 2 ގަނޑިއިރެވެ. ނަމަވެސް ނެޓްފްލިކްސްއިން ބައްލަވާނަމަ، 40 މިނިޓުގެ އެޕިސޯޑުތަކެއްގެ ގޮތުގައި ކުރުކޮށް ބެއްލެވޭނެއެވެ. ފުރަތަމަ ސީޒަނުގައި ޖުމްލަ 76 އެޕިސޯޑެއް ހިމެނެއެވެ. މިސިލްސިލާގެ އެންމެ ފުރިހަމަކަމަކީ މިސިލްސިލާގައި އިސްލާމްދީނަކީ ހަމައެކަނި ދައްކާލާ ވާހަކައެއް ކަމުގައި ނުވާތީއެވެ. މުޅި ސިލްސިލާގެ ތެރޭގައި އިސްލާމީ ދިރިއުޅުން ފެނެއެވެ. އަޚުލާޤާއި، އުޅުމާއި، އަޅުކަމާއި ވެރިކަމާއި ހަނގުރާމައިގެ ޙާލަތްތަކުގައި އިސްލާމްދީނުގެ އުޞޫލުތަކަށް ތަބާވާ މުސްލިމުންގެ ދިރިއުޅުން އިސްކިރީނުން ފެނުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ. އަދި އިސްލާމީ ފިިކުރު ދައްކުވައިދިނުމަށްޓަކައި ޞޫފީ ޢިލްމުވެރިއެއް ކަމުގައިވާ އިބްނު ޢަރަބީގެ ޝަޚުޞިއްޔަތު މިސިލްސިލާގައި ހިމަނާފައިވެއެވެ. އޭނާގެ ނަޞޭޙަތްތަކާއި ކިޔައިދެއްވާ އަގުހުރި ފިލާވަޅުތަކުގެ ސަބަބުން ސިލްސިލާ އިތުރަށް ފުރިހަމަވެއެވެ. މިސިލްސިލާގައި ދައްކުވައިދޭ މަންޒަރުތައް ވަރަށް ފުރިހަމައެވެ. ކެމެރާ ކުރުމުގައި ބޭނުންކޮށްފައިވާ އުކުޅުތަކާއި، މުމައްސިލުން (އެކްޓަރުން)ގެ ހުނަރާއި ފަންނީ ގޮތުން މިއުފެއްދުމުގައި ކުރެވިފައިވާ ގިނަ މަސައްކަތްތައް ވަރަށް ޗާލުވެފައި ނަލައެވެ. މިސިލްސިލާގައި ދައްކުވައިދެނީ މެދު-އޭޝިޔާގެ ބިންތައް ދޫކޮށް ސަލްޖޫކީ ރަސްކަމުގެ ދަށުގައިވާ ބިންތަކަށް ހިޖުރަކުރި ތުރުކީ ޤަބީލާއެއްގެ ވާހަކައެވެ. އެޤަބީލާއަށް ހިޖުރަކުރަން މަޖުބޫރުވީ މޮންގޯލުންގެ ސަބަބުންނެވެ. ނަމަވެސް އެމީހުން ހިޖުރަކުރި އައު ބިމުގައިވެސް މޮންގޯލުންގެ ތުރާލާއި އުދަގޫ އަދި ޞަލީބީންގެ މުޞީބާތް މެދުވެރިވެއެވެ. މިސިލްސިލާގެ ފުރަތަމަ ސީޒަނުގައި މުޅި ސިލްސިލާގެ ނާރެސް ކަމުގައިވަނީ ޢަދުލާއި، ދަތިތަކަށް ކެތްކުރުމާއި، އައު ކަންކަމުގެ ކުރިމަތީގައިވެސް އެބައެއްގެ އިޢުތިޤާދާއި ޤަބޫލުކުރުންތަކާއި ސަޤާފީ ތަރިކަ ރައްކައުތެރިކުރުމެވެ. އެގޮތުން ކުރިމަތިވާ އައު ކަންކަމުގައި ޤަބީލާގެ ސަޤާފަތާ ދީނާ ފުށުއަރާ ޚިޔާރެއް ލިބިފައި އޮތްނަމަވެސް ދީނާއި ސަޤާފަތް އިސްކުރާ އެތައް ކަމެއް މިސިލްސިލާގައި ފެނިގެންދާނެއެވެ. މިސިލްސިލާގައި ނުބައި ބައެއްގެ ގޮތުގައި ދައްކުވައިދެނީ ޞަލީބީ ޖަމާޢަތެއް ކަމުގައިވާ ނައިޓްސް އޮފް ޓެމްޕްލަރއެވެ. އެޖަމާޢަތުން މަސައްކަތްކުރަމުންދަނީ ޕޯޕަށް ވިސްނައިދީގެން އައު ޞަލީބީ ހަނގުރާމައެއް ފެށުމަށެވެ. އަދި އެޖަމާޢަތަކީ ވަސީލަތުގެ ގޮތުންނާއި ބާރުގެ ގޮތުން އެރްތުގުރުލްގެ ޤަބީލާއާ އެއްހަމަކުރެވޭނެ ޖަމާޢަތެއް ނޫނެވެ. އެޖަމާޢަތުގެ ވަސީލަތްތައް މާ ގިނައެވެ. ބާރު މާ ގަދައެވެ. ނަމަވެސް މިސިލްސިލާގެ ފުރަތަމަ މޫސުމުގައި ފެނިގެންދާނީ އެރްތުގުރުލާއި އޭނާގެ ޤަބީލާއިން މިޖަމާޢަތާ ދެކޮޅަށް ދައްޗާއި ތުރާ ތަޙައްމަލުކުރަމުން ކުރާ ޖިހާދެވެ. އަދި މިސިލްސިލާގައި އެޒަމާނުގައި ހިނގަމުންދިޔަ ބައެއް ސިޔާސީ އިޖުތިމާޢީ ކަންކަމަށް އިޝާރާތްކުރާނެއެވެ. މިސާލަކަށް ނައިޓްސް އޮފް ޓެމްޕްލާއިން ޤަދީމީ ގުރީކު ބަހުން ހުރި ފޮތްތައް ޔޫރަޕުގެ ބަސްތަކަށް ތަރުޖަމާކުރާތަން ދައްކުވާނެއެވެ. އެއީ އޭގެ އެތައް ޒަމާނެއްކުރިން ވިލާތުގެ މީސްތަކުން އެފޮތްތައް އަންދައި ނައްތާލާފައިވަނިކޮށް، އިރުމަތީގެ ކުތުބުޚާނާތަކުގައި ހުރި ގުރީކު ފޮތްތައް މުސްލިމުން ޢަރަބި ބަހަށް ތަރުޖަމާކޮށް، އެފޮތްތައް ރައްކައުތެރިކުރިތާ އެތައް ޒަމާނެއް ފަހުންނެވެ. މިސިލްސިލާގައި ދައްކުވައިދޭ ކަންކަމުގެ ތެރެއިން މިއަދު އިސްލާމީ އުންމަތާ އެންމެ ގުޅުވައިލެވުނު އެއް ކަމަކީ މުސްލިމު ލީޑަރުންގެ ޟަމީރު ނެތުމެވެ. އެއިރުވެސް ބައެއް މުސްލިމު ލީޑަރުން އެމީހުންގެ ޣީރަތްތެރިކަން އެއްފަރާތްކޮށްލައި މަދު ވަގުތީ އަގަކަށް ދީނާއި އުންމަތާއި މިއްލަތް ޤުރުބާނުކުރެއެވެ. މިހާރުވެސް މިކަން އޮތީ މިހެންނެވެ. މަދު ފަހަރެއްގައި މެނުވީ، މަދު ލީޑަރެއް މެނުވީ އިސްލާމީ އުންމަތުގެ ލީޑަރުންނަކީ ޟަމީރު ކަފުންކޮށްފައިވާ، ޣީރަތެއް އަމުދުން ހިތުގައި ނުވެސް ނެތް ބައެކެވެ. ތިބާ ބޭނުންވަނީ އިސްލާމީ އަޚުލާޤީ ގިއުގަނޑުގެ ތެރެއަށް ފެތޭ، ހަޑިހުތުރު މަންޒަރާއި ފާޙިޝް ޢަމަލުތައް ނުފެންނަ، އިސްލާމީ ފިކުރުގެ ދަންމަރުން ފަނާރެއް ދިއްލައިލަން ނަމަ، މިއީ ބަލައިލުން ރަނގަޅު ސިލްސިލާއެކެވެ. ޚާއްޞަކޮށް ފުރަތަމަ ސީޒަން ބަލައިލާށެވެ. ދެވަނަ ސީޒަން ބަލާހިތްވާނެއެވެ. ތުރުކީ ބަހުން ހުރި ނަމަވެސް ނެޓްފްލިކްސްގައި އަދި އެނޫންވެސް ބައެއް ސުމޭކު މަންސަތަކުގައި (ޑިޖިޓަލް ޕްލެޓްފޯރމްސް) މިސިލްސިލާ އިނގިރޭސި ސަބްޓައިޓުލްސާއެކު ލިބެން ހުންނާނެއެވެ. 
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ