ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފޮނުވި ޗިޓަކީ ބާތިލް ޗިޓެއްކަން ކަނޑައަޅައިދިނުމަށް އަބްދުﷲ ގާޒީ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތްތައް ނިންމާލައިފި އެވެ.
އެ މައްސަލައިގެ ޝަރީއަތް މިއަދު ކުރިއަށް ގެންދިޔުމަށް ހައިކޯޓުން ވަނީ އަބްދުﷲ ގާޒީ މިއަދު 2:00 އަށް ކޯޓަށް ހާޒިރުކުރުމަށް އެމްއެންޑީއެފްގެ މައްޗަށް އަމުރެއް ނެރެފަ އެވެ. ނަމަވެސް އެމްއެންޑީއެފް އިން އަބްދުﷲ ގާޒީ ކޯޓަށް ހާރިރުކޮށްދެއްވާފައިނުވެ އެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީސް ފައްޓަވަމުން ހައިކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް ވިދާޅުވީ އެމްއެންޑީއެފް އިން އަބްދުﷲ ގާޒީ ހާރިރުކޮށްދެއްވާފައި ނުވުމުން އޭނާގެ ދެ ވަކީލުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އާއި، މައުމޫން ހަމީދާ އެކު ޝަރީއަތް ކުރިއަށް ގެންދިޔުމަށް ނިންމެވީ ކަމަށެވެ.
މައްސަލަ ހުށަހަޅުއްވަމުން އަބްދުﷲ ގާޒީގެ ވަކީލު ރިޒާ ވިދާޅުވީ އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައި ވަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި ފަނޑިޔާރުންގެ ގާނޫނާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނާއި ޚީލާފަށް ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނު ބުނާ ގޮތުން ފަނޑިޔާރުން ހައްޔަރު ކުރެވޭނީ ތަހުގީގުކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އަށް ހުށަހަޅައި ޕީޖީއިން ނިންމުމުން ކަމަށާއި ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅަންޖެހިއްޖެ ނަމަ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް އަންގާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަމަށެވެ.
މި މައްސަލައިގައިގެ ޝަރީއަތަށް ބަންޑާރަ ނައިބުގެ ވަކީލަކާއި ފުލުހުންގެ އިސް ބޭފުޅަކާއި ޕީޖީގެ ވަކީލަކު ވެސް ވަނީ ހާޒިރުވެފަ އެވެ.
މި މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލަށް ވަކާލާތުކުރުމުގެ ފުރުސަތު ދެއްވުމުން ބަންޑާރަ ނައިބް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ޖަވާބުދާރީ ވާންޖެހޭނީ ޕީޖީ އޮފީހުން ކަމަށް ވާތީ އެ މައްސަލައިގައި ބަންޑާރަ ނައިބްގެ އޮފީހުން ޖަވާބުދާރީވާން ނުޖެހޭނެ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި ކަން އަދި ހައްޔަރު ނުކުރާކަން އެނގިފައިވޭތޯ ހައިކޯޓުގެ ފަނޑިޔާރު ޝުއައިބް ހުސެއިން ޒަކަރިއްޔާ އެއްސެވުމުން އުޝާމް ވިދާޅުވީ އެފަދަ މައުލޫމާތެއް ރަސްމީ ސިފައެއްގައި އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ހައްޔަރުކުރިކަން އެނގިފައި ވަނީ ނޫސްތަކުން ކަމަށެވެ.
"ރަސްމީހައިސިއްޔަތަކުން ތިކަމާ ބެހޭ މައުލޫމާތެއް ލިބަފައް ނުވޭ. ނޫސްތަކުން ފެންނަ އެއްޗެއްފިޔަވާ އިތުރު މައުލޫމާތެއް އެނގިފައެއް ނެތް،" އުޝާމް ވިދާޅުވި އެވެ.
ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީފް ވިދާޅުވީ ފުލުހުން އަބްދުﷲ ގާޒީ އަށް ޗިޓް ފޮނުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހަޅާފައިވާ ސިޔާސީ ފަރާތްތަކުގެ ކޮރަޕްޝަނާއި ގުޅުންހުރި މައްސަލައަކާއި ގުޅިގެން ކަމަށާއި އެއީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ފުލުހުންގެ އެއްވެސް ދައުރެއް އޮތްތޯ ހައިކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް އެއްސެވުމުން އޭނާ ވިދާޅުވީ އެކަމުގައި ފުލުހުންގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ.
އެމްއެންޑީއެފް އިން އަބްދުﷲ ގާޒީ ހައްޔަރުކުރި ވަގުތު ނަގާފައިވާ ވީޑިއޯގައި ފުލުހުން އެތާގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ކަމަށާއި އެއީ ކީއްވެގެންތޯ އެއްސެވުމުން އޭނާ ވިދާޅުވީ ފުލުހުން އެތަނުގައި އެވަގުތު ހަރަކާތްތެރިވީ އެއްވެސް ހަމަނުޖެހުމެއް ހިނގިޔަނުދިނުމަށް ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް ވަކި މުއައްސަސާއެއް އުފައްދާފައި ވަނިކޮށް އަބްދުﷲ ގާޒީގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ފުލުހުންނަށް ކުރެވޭނީ ކޮން ބާރެއްގެދަށުންތޯ އެއްސެވުމުން އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 244 ވަނަ މާއްދާގެ (ނ)ގެ ދަށުން ފުލުހުންނަށް އެބާރު ލިބިގެންވާ ކަމަށެވެ.
"ފުލުހުން ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރަންޏާ. އޭސީސީއަކުން ނުކުރާނެ. އޭސީސީން ކުރަންޏާ ފުލުހުން ނުކުރާނެ،" ޝަތީފް ވިދާޅުވި އެވެ.
އަބްދުﷲ ގާޒީގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ފަނޑިޔާރުންގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް ވިދާޅުވީ މި މައްސަލަ ދިރާސާ ކުރުމުގައި އިތުރުކަމެއް ސާފްކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ނިޔާ ކަނޑައެޅުމުގެ ޝަރީއަތުގެ މަޖިލީސް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ ގިނަ މުވައްޒަފުންތަކެއް ވަނީ ބައިވެރި ވެފަ އެވެ.
އަބްދުﷲ ގާޒީ އަށް ފުލުހުން ފޮނުވި ޗިޓުގެ މައްސަލައިގެ އަޑު އެހުން އޭނާގެ ޣައިރު ހާޒިރުގައި ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ